އަންނަ އަހަރު އޮންނާނީ ކައުންސިލް އިންތިހާބެއް ކަމަށާއި، އެ އިންތިހާބަށް ތައްޔާރު ވުމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް، އިދިކޮޅު ކޯލިޝަނަށް ރައްދު ދެއްވައިފިއެވެ.

ޝަރީފް ރައްދު ދެއްވީ، އަންނަ އަހަރު ރާއްޖޭގައި ރިޔާސީ އިންތިހާބެއް އޮންނާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ރޭ ކާނިވާގައި ބޭއްވި ޖަލްސާގައި ކުރީގެ ރައިސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބާ މެދު ސުވާލު އުފައްދަވާ ވާހަކަފުޅު ދައްކަވާފައިވަނިކޮށެވެ. ޔާމިންގެ އިތުރުން ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވެސް ވަނީ އަންނަ އަހަރު ރިޔާސީ އިންތިހާބެ އް އޮންނާނެ ކަމަށް ވިދާޅުވެފައެވެ.

ރޭގެ ޖަލްސާގައި ޔާމީން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަކީ "މުސީބާތެއް" ކަމަށާއި، "މުސީބާތް ގެނައީ ދިވެހި ރައްޔިތުން ނޫން" ކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނަށް ނުސީދާ ގޮތެއްގައި ފާޑުވިދާޅުވެފައެވެ.

ލަތީފު ވަނީ މި ސަރުކާރުން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށާ މި ސަރުކާރު ވަރަށް އަވަހަށް ބަދަލުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ވޯޓްލާން ތައްޔާރަށް ތިބުމަށް ވެސް ލަތީފް ވަނީ ވިދާޅުވެފައެވެ.

އިދިކޮޅު ޖަލްސާގައި ދެއްކި ވާހަކަތަކަށް ރައްދު ދެއްވަމުން ރިޔާސީ އިންތިހާބުގެ ފައިނަލް ނަތީޖާ ޝީޓާއެކު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު 2018 ގައި ރައްޔިތުން ވޯޓުލީ ގޮތް އީސީން އިއުލާން ކުރި ކަމަށެވެ. ދެން ރިޔާސީ އިންތިހާބުގެ ވާހަކަ ހުއްޓާލައްވާ، އަންނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުން ބުއްދިވެރިކަމަށް ވިދާޅުވިއެވެ.

މިދިޔަ އަހަރު އޮތް ރިޔާސީ އިންތިހާބުގައި ކޯލިޝަނަކާއެކު ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 134616 ވޯޓެވެ. ރައީސް ޔާމީނަށް ލިބިވަޑައިގެންނެވީ 96132 ވޯޓެވެ. މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުން ޔާމީން ބަލިވުމުން ފުރަތަމަ ނަތީޖާ ގަބޫލުފުޅު ކުރެއްވިއެވެ. ނަމަވެސް ފަހުން އެ އިންތިހާބުގެ ކަންތައްތައް ދިޔަ ގޮތާ މެދު ސުވާލު އުފައްދަވާ ޕީޕިއެމް އޮފީސް ކުރިމަތީގައި އިހްތިޖާޖު ކުރިއެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް ނަތީޖާއަށް ބަދަލުއަންނާނެ ވަރުގެ ކަމެއް ނެތްކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ.