ދިވެހިންގެ ބަދިގެތަކަށް ވެސް ފަރިތަ އިންޑިއާގެ ބްރޭންޑެއް ކަމަށްވާ އެމް.ޑީ.އެޗް ބްރޭންޑްގެ އުފެއްދުންތަކެއްގައި ނުރައްކާތެރި ސެލްމޮނެއްލާއިން ތަޣައްޔަރުވެފައިވާކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ބުނެފިއެވެ.

ސެލްމޮނެއްލާގެ އަސަރު ހުރި ކަމަށް ބުނެ ބޭނުންކުރުން ހުއްޓާލުމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން އިރުޝާދު ދިން އުފެއްދުންތަކަކީ، އެމް.ޑީ.އެޗް ބްރޭންޑްގެ ސަމްބާރު ޕައުޑަރު ޕެކެޓްތަކެކެވެ.

އެމް.ޑީ.އެޗް ބްރޭންޑްއަކީ އިންޑިއާގެ ރަހަތަކަށް ހާއްސަކޮށްގެން މިރުހާ ހަވާދުގެ އެކި ބާވަތްތައް އުފައްދަމުންދާ އަންނަ ކުންފުންޏެކެވެ. ސަމްބާރަކީ ތަރުކާރީއާއި އެކި ކަހަލަ މުގު ބޭނުންކޮށްގެން މައިގަނޑު ކެއުމެއްގެ ގޮތުގައި ތައްޔާރުކުރާ، ދެކުނު އިންޑިއާއަށް ހާއްސަ ސޫޕު ޒާތުގެ އެއްޗެކެވެ.

ސެލްމޮނެއްލާ ބެކްޓީރިއާގެ އަސަރު ހަށިގަނޑަށް ކޮށްފިނަމަ އެކަމުގެ ނުރައްކާ، ކުޑަކުދިންނާ އުމުރުން ދުވަސްވީ މީހުންނަށް ބޮޑެވެ. މީގެ އިތުރުން ދިފާއީ ނިޒާމު ބަލިކަށި މީހުންނަށް ވެސް މި ބެކްޓީރިއާގެ ނުރައްކާ ބޮޑެވެ. ސެލްމޮނެއްލާ ބެކްޓީރިއާގެ އަސަރުކޮށްފި ނަމަ 4 ނުވަތަ 7 ދުވަހު އެ ތަކުލީފުގައި އުޅެންޖެހޭ ކަމަށާ، ގިނަ މީހުންނަކީ މި ބަލިން ސަލާމަތްވާ ބައެއްކަން ވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ފާހަގަކޮށްފައެވެ.

ސެލްމޮނެއްލާ ބެކްޓީރިއާގެ އަސަރުކުރުމުން ފެންނަ އާންމު އަލާމާތްތައް:

  • ކުށްލިކުށްލިއަށް ބަނޑަށް ތަދުއެރުން
  • ބޮޑިކަމުދާ ތަކެތީގައި ލޭގެ އަސަރު ހުރުން
  • ހީ ކެރުވުން
  • ބޭރަށް ހިންގުން
  • ހުންއައުން
  • ބޮލުގައި ރިހުން
  • މަސްތަކުގައި ރިއްސުން
  • މޭނުބައިކުރުން
  • ހޮޑުލުން
  • ބޯއެނބުރުން

މި ފަދަ އަލާމާތްތަކެއް ފެނިއްޖެނަމަ ލަސްނުކޮށް، ސިއްހީ އެހީތެރިންގެ އިރުޝާދާ އެހީތެރިކަން ހޯދަންވާނެއެވެ.

އިންޑިއާގެ އުފެއްދުންތަކެއްގައި ސެލްމޮނެއްލާ ބެކްޓީރިއާގެ އަސަރު ހުރި ކަމަށް އެމެރިކާއިން ބުނެފައިވާއިރު، ކާބޯތަކެތީގެ ރައްކާތެރި ކަމާ ބެހޭ އިންޑިއާގެ އިދާރާތަކުން މިކަމާ ބެހޭ ގޮތުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.