އިންޑިއާއަކީ ޕްލާސްޓިކުން ސަލާމަތްވެފައިވާ ގައުމަކަށް ހެދުމަށް އެގައުމުގެ ސަރުކާރުން ފަށާފައިވާ އަމާޒަށް، ފިލްމީ ދުނިޔެއިން ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، ފިލްމް "ކޫލީ ނަމްބަރު 1"ގެ ޓީމަށް ތައުރީފުކުރައްވައިފިއެވެ.

ހުރިހާ އެންމެނަކީވެސް ވީ ވަރަކުން ޕްލާސްޓިކާ ދުރުގައި އުޅެންވީ ބައެއް ކަމަށް ވިދާޅުވެ މޯދީ ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކާ ގުޅިގެން ވަރުން ދާވަން ވަނީ، "ކޫލީ ނަމްބަރު 1"ގެ ސެޓަކީ ބޮލީވުޑްގެ ފިލްމީ ސިނާއަތުގައި، ޕްލާސްޓިކް-ފްރީ ފުރަތަމަ ސެޓަށް ވެގެންދާނެ ކަމަށް ބުނެފައެވެ. އެގޮތުން، އެސެޓުގައި ފެން ބުއިމަށްވެސް ދެން ބޭނުންކުރަމުންދާނީ ސްޓީލް ފުޅީގައި ކަން ވަރުން ދާވަން ވަނީ ފާހަގަކޮށްފައެވެ.

"ކޫލީ ނަމްބަރު 1"ގެ ސެޓަކީ ޕްލާސްޓިކު-ފްރީ ސެޓަކަށް ހެދުމަށް ވަރުން ދާވަން ކުރާ މަސައްކަތަށް ޓީމު މެމްބަރަކު ޝުކުރު އަދާކޮށްފައި/ފޮޓޯ: ޓްވިޓާ

މިކަން ބަޔާންކޮށް ވަރުން ދާވަން ކުރި ޓްވީޓަކަށް ޖަވާބު ދެއްވަމުން މޯދީ ވަނީ، ފިލްމީ ދުނިޔެއިން މިކަމަށް އެއްބާރުލުން ދެމުންދާތީ އެކަމާ އުފާކުރައްވާ ކަމަށް ވެސް ވިދާޅުވެފައެވެ.

ވަރުން ދާވަން ޑައިރެކްޓްކުރާ ފިލްމް "ކޫލީ ނަމްބަރު 1" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުއެވެ.