އިއްޔެ ހިނގި ބޯޓެއްގައި ހުރި ގޭސްފުޅިއެއް ގޮވިއިރު އެ ބޯޓުގައި ހުރި ގޭސްފުޅިތަކުގެ ތެރެއިން 83 ފުޅިން ގޭސް ލީކުވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، އިއްޔެ ނޯތު ހާބަރުގައި އޮތް ބޯޓެއްގައި ގޭސްފުޅިއެއް ގޮވައިގެން ހިނިގި ހާދިސާގައި ގޭސްލީކްވެގެން ގޮވާފައިވަނީ އެއް ފުޅި ކަަމަށާއި ނަމަވެސް އެ ބޯޓުގައި ހުރި ގޭސްފުޅިތަކުގެ ތެރެއިން 83 ފުޅިއަކުން ގޭސް ލީކްވެފައިވާ ކަމަށެވެ. މިހާރު ލީކްވާ ފުޅިތައް ކުންފުނިތަކާއި ހަވާލުކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މީގެ އިތުރުން މި ހާދިސާގައި އެ ބޯޓުގައި ބަހައްޓާފައި ހުރި ގެސްފުޅިތަކުގެ މަތީގައި ގިނަ އަދަދެއްގެ މުދާ ޖަހާފައި ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، މާލޭ ނޯތު ހާބަރުގައި އޮތް "ބެސްޓް ލައިން" ނަމަކަށް ކިޔާ ބޯޓެއްގައި ގޭސް ފުޅިއެއް ގޮވައި ހަތް މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މި ހަތް މީހުންނަށް ރޭ 7:15 އެހާއިރު އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާގައި އަނިޔާ ވެފައިވަނީ 5 ދިވެހި ފިރިހެނުންނާއި ބަންގްލަދޭޝް 2 ފިރިހެންުންކަމަށް ފުލުހުން ބުނެއެވެ. އޭގެތެރެއިން ހިމެނެނީ އުމުރުން 30 އަހަރާއި، 37 އަހަރާއި، 42 އަހަރާއި، 52 އަހަރު އަދި 67 އަހަރުގެ ދިވެހިންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މައުލޫމާތުދޭ ގޮތުގައި މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ރޭ 7:15 ހާއިރު އެވެ. އަދިވެސް ފުލުހުން ދަނީ މި މައްސަލަ އިތުރަށް ބަލާ ތަހުގީގު ކުރަމުންނެވެ.