ދުނިޔެއަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށްވާ ޓެރަރިޒަމްއަކީ ގިނަ ބަޔަކު މިއަދު ގަބޫލުކުރާ ފިކުރަކަށް ވެފައި ވާއިރު އެއީ ވަކި ގައުމަކަށް ހާއްސަ ކަމެއް ނޫންކަމަށާ، ނަމަވެސް ޓެރަރިޒަމް އޮތީ ޕާކިސްތާނުގެ އަޑިއަށް މޫލާފައި ކަމަށާ، ޓެރަރިޒަމް ކުރިއަރާ ދަނީވެސް އެ ފަސްގަނޑުގައި ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ، ޓެރަރިޒަމްއާ ދެކޮޅަށް މާޒީގައިވެސް އިންޑިއާއިން މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށާ، ކުރިއަށް އޮތް ތަނުގައިވެސް އިންޑިއާއިން އެގޮތުގައި މަސައްކަތް ކުރަމުން ދާނެ ކަމަށެވެ. އިންޑިއާއަކީ މިކަމާ ކުރިމަތިލުމުގެ ގާބިލުކަން ލިބިފައިވާ ގައުމެއް ކަމަށާ އެކަން ސާބިތު ކޮށްދެމުން ދާނެ ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މޯދީ މިފަދަ މޭރުމަކުން ޕާކިސްތާނަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރައްވާފައި ވާ މި ދަނޑިވަޅަކީ ޖައްމުއާއި ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނާ އިންޑިއާގެ ޒަމާންވީ ހަތުރުވެރި ގުޅުން އިންތިހާއަށް ހީނަރު ވެފައިވާ ދަނޑިވަޅެއްގައެވެ.