އިސްރާއީލްގެ އިންތިހާބުގައި އަލުން އިންތިހާބު ވެއްޖެނަމަ އުރުދުން ވާދީ ހިފާނެ ކަމަށް ބުނެ އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ފަލަސްޠީނަށް ދިން އިންޒާރަށް ރާއްޖެއިން ހަނު ހުންނާތީ އިދިކޮޅު ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޕީޕީއެމްއާއި އަދި ޕީއެންސީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮންގްރެސް ޕާޓީގެ ނައިބުރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ރާއްޖެއަކީ ފެށުނީއްސުރެން ފަލަސްތީނުގެ ހައްގުގައި އެެންމެ ކުރީ ސަފުގައި ހާރިޖީގޮތުން ހަރަކާތްތެރިވަމުން އަންނަ ގައުމެއް ކަމަށާއި، ރާއްޖެއިން މިހާތަނަށް މިކަމާއި ދެކޮޅަށް އަޑު އުފުލާފައި ނުވާތީ އެކަމާ ކަންބޮޑުވާ ކަމަށެވެ.

"ރާއްޖެއަކީ ފެށުނީއްސުރެން ފަލަސްތީނުގެ ހައްގުގައި އެެންމެ ކުރީ ސަފުގައި ހާރިޖީގޮތުން ހަރަކާތްތެރިވަމުން އަންނަ ގައުމެއް. އަދި ހަމަ އެއާއެކު ފަލަސްތީނުގެ ދިފާއުގަ ބައިނަލް އަގްވާމީ މުޖްތަމައުގަ އެންމެ ކުރީ ސަފުގައި އެންމެ ހަރު އަޑުން މަސައްކަތް ކުރާނެ ކަމަށް ރާޢްޖެއިން ވައުދުވެފަ އޮންނާނެ. އަޅުގަނޑު ކަންބޮޑުވުމާ އެއްކޮށް ފާހަނގަ މިކުރަނީ ދިވެހި ސަރުކާރުން ނުވަތަ ދިވެހި ހާރިޖީއިން މިކަމާއި ގުޅިގެން ހަަމަ އެއްވެސް އެއްޗެއް ވިދާޅެއް ނުވާތީ" ކޮންގްރެސް ޕާޓީގެ ނައިބުރައީސް މުހައްމަދު ހުސެއިން ޝަރީފް ވިދާޅުވި އެވެ.

މުންދު ވިދާޅުވީ އަރަބި ގައުމުތަކުންވެސް ދަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން ކަމަށާ، އުންމީދުކުރަނީ ދިވެހި ރާއްޖެއާއި އަރަބި ގައުމުތަކާއި އެއް އަޑަކުން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އިސްރާއީލްއާ ދެކޮޅަށް އަލިފް ދާލުގައި އިތުރު މަސައްކަތްތައް ކުރުމެވެ.

"އަރަބި ގައުމުތަކުންވެސް ދަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރަމުން. އަރަބި ލީގުގެ ހާރިޖީ ވަޒީރުން ބައްދަލުކުރައްވައި އެކަން ކުއްވެރި ކުރައްވާފައިވޭ. އުރުދޫގެ ހާރިީޖީ ވަޒީރު ވިދާޅުވެފައި ވަނީ މިއީ މެދުއިރުމަތީގެ ސުލްހައިގެ މުސްތަގުބަލަށް ކަޅު އަނދިރިގަޑެއް ގެ ސިފައިގަ ފާހަގަ ކުރައްވާފަ. އުންމީދުކުރަން ދިވެހި ރާއްޖެއާއި އަރަބި ގައުމުތަކާއި ގުޅިގެން މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އިސްރާއީލްއާއި ދެކޮޅަށް އަލިފް ދާލުގައިވެސް އަޑު އުފުލާނެކަމަށް" މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިކަން ފާހަގަކުރަން ޖެހުނީ މިހާތަނަށް އިސްރާއީލްއާއި ގުޅޭ ކަމެއްގަ އެންމެ ފުރަތަމަ ބަސްބުނާ ގައުމުތަކުގެ ތެރޭގަ ދިވެހިރާއްޖެ ހިމެނޭތީ ކަމަށާ، ދުނިޔޭގެ އެންމެ މުސްލިމް ދައުލަތްތައް ނުވަތަ މުސްލިމުންގެ މެޖޯރިޓޯ އޮތް ދައުލަތުތައް އަރަބި ގައުމުތަކުން ހުރިހާ އެންމެން ބަސް ބުނެ އެކަމުގަ ސްޑޭޓެއް ނަގިއިރުވެސް، ރާއްޖެއިން އެއްވެސް އެއްޗެއް މިކަމާއި ދެކޮޅަށް ބުނެފައި ނުވާތީ ކަމަށެވެ. އަދި މީގެ ކުރިންވެސް ރައީސް ނަޝީދުގެ ސަރުކާރުން މިފަދަ ކަންތައް ފެނިފައިވާތީ ކަންބޮޑުވާ ކަމަށާއި، ރައީސް ނަޝީދުގެ ވެރިކަމުގައި އިސްރާއީލާއި ގުޅުން ބަދަހި ކުރުމުގެ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ ސަރުކާރުގެ އިސްވެރިން އިސްރާއީލަށް ދަތުރުކޮށް، އޭރުގަ ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ބަސްބުނުން އޮތީ ލަދުވެތިކަމެއްގެ ގޮތުގައި ކަމަށް މުންދު ވިދާޅުވި އެވެ.