އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބް 2020 ގައި 50 މީހުން ރަޖިސްޓްރީ ކުރާ ރިސޯޓުތަކުގައި ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޓްވީޓްގައި ބުނެފައިވާ ގޮތުގައި ރިސޯޓްތަކުގެ އިތުރުން 150 މީހުން ރަޖިސްޓްރީކުރާ ބޭރު ގައުމުތަކުގައި ވެސް ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މީގެ އިތުރުން 25 މީހުން ރަޖިސްޓްރީކުރާ ޖަލުތަކުގައި ވެސް ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމަވާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކުރައްވާފައެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ނިންމާފައެވެ. ޕާޓީތަކުން ވަނީ އިންތިހާބުގައި ނެރޭނެ ކެންޑިޑޭޓުން ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެހެން ކައުންސިލް އިންތިހާބު ތަކެކޭ ވެސް އެއްފަދައިން މި އިންތިހާބަކީ ވެސް ވަރަށް ވާދަވެރި އިންތިހާބަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.