ޕާކިސްތާނުގައި ކުޅެން ހަމަޖެހިފައި އޮތް ކުރިކެޓް މެޗުތަކުގައި ބައިވެރިވުމަށް ސްރީލަންކާގެ ކުރިކެޓް ޓީމުގެ ބައެއް ކުޅުންތެރިން އިންކާރުކުރީ އިންޑިއާގެ ނުފޫޒެއް އެކަމުގައި އޮވެގެން ކަމަށް ދެކެވޭ ވާހަކަތައް، ސްރީލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު ހަރީން ފެނާންޑޯ ދޮގުކުރައްވައިފިއެވެ.
މި ވާހަތަކަށް ބަޔާންކުރައްވަމުން ކުރެއްވި ޓްވީޓެއްގައި ފެނާންޑޯ ވިދާޅުވީ ޕާކިސްތާނުގައި ކުޅުމަށް ބައެއް ކުޅުންތެރިން ދެކޮޅު ހެދީ 2009 ވަނަ އަހަރުގެ ހާދިސާއަށް ރިއާޔަތްކޮށް ކަމަށާ، އެ ކުޅުންތެރިންގެ ނިންމުމާ އުޒުރަށް އިހުތިރާމްކޮށް، ޕާކިސްތާނުގައި ކުޅުމަށް އިއުތިރާޒެއް ނެތް ކުޅުންތެރިން ހިމަނައިގެން ޓީމު އެކުލަވާލާފައިވާކަމަށެވެ.
ސްރީލަންކާގެ ކުޅިވަރާ ބެހޭ ވަޒީރު މިފަދަ މޭރުމަކުން ޓްވީޓްކުރައްވާފައި މިވަނީ، ޕާކިސްތާނަށް ދަތުރުކުރަން ހަމަޖެހުނު ސްރީލަންކާގެ ކުރިކެޓް ޓީމުގެ ބައެއް މެމްބަރުން ދަތުރަށް އުޒުރު ދެއްކީ އިންޑިއަން ޕްރިމިއާ ލީގުގެ ނުފޫޒުގައި ޖެހިގެން ކަމަށް ޕާކިސްތާނުގެ ފެޑެރަލް މިނިސްޓާ ފޯ ސައިންސް، ފަވާފް ޗޯދްރީ ތުހުމަތުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ޕާކިސްތާނަށް ދިއުމަށް އިންކާރު ނުކޮށްފިނަމަ އަޕީއެލްގައި ކުޅުމުގެ ފުރުސަތު ނިގުޅައިގަނެވޭނެކަމަށް ބުނެ އިންޑިއާއިން ސްރީލަންކާގެ ކުޅުންތެރިންނަށް ނުފޫޒު ފޯރުވިކަމަށް ޕާކިސްތާނުގެ ވަޒީރު ވަނީ ތުހުމަތުކުރައްވާފައެވެ. އަދި މިއީ އިންޑިއާގެ ކުޅިވަރާ ބެހޭ އިދާރާތަކުން ހިންގި ވަރަށް އަގުދަށް އަމަލެއް ކަމަށްވެސް ޕާކިސްތާނުގެ ވަޒީރު ވަނީ ސިފަކުރައްވާފައެވެ.
ޕާކިސްތާނަށް ދަތުރުކުރުމަށް އިންކާރުކުރާކަމަށް ސްރީލަންކާގެ ކުރިކެޓް ޓީމުގައި ހިމެނޭ 10 ކުޅުންތެރިއަކު ވަނީ ބުނެފައެވެ. ނަމަވެސް ސްރީލަންކާއިން ޕާކިސްތާނަށް ދަތުރުކުރުމަށް އެކުލަވާލާފައިވާނީ ވަރުގަދަ ޓީމެއް ކަމަށާ، ޕާކިސްތާނުގެ ފަސްގަނޑުގައި ޕާކިސްތާނު ބަލިކުރުމުގެ އަޒުމު އެބައޮތްކަމަށްވެސް ސްރީލަންކާގެ ކުޅިވަރާ ބެހޭ ވަޒީރުގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ.
ސްރީލަންކާގެ ކުރިކެޓް ޓީމު ޕާކިސްތާނަށް ދަތުކުރާނީ މިމަހުގެ 27 ވަނަ ދުވަހުން އަންނަ އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށެވެ.