އެމެރިކާގެ އަސްކަރިއްޔާއިން އަފްޣާނިސްތާނުގައި ހިންގާ އޮޕަރޭޝަންތައް އިތުރަށް ވަރުގަދަ ކުރުން އެކަށީގެން ވާކަމުގެ އިޝާރާތެއް އެމެރިކާއިން ދީފިއެވެ.

އެމެރިކާއިން މިފަދަ އިޝާރާތެއް ކޮށްފައި މިވަނީ، އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތާއެކު ކުރިއަށްގެންދިޔަ ސުލްހަ ގާއިމުކުރުމުގެ ސިލްސިލާ މަޝްވަރާތައް "މަރުވެފައި" ވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

މެރިލޭންޑްގެ ކޭމް ޑޭވިޑްގައި ކުރިއަށް ގެންދިއުމަށް ކުރިން ހަމަޖެހިފައި އޮތް މަތީ ފެންވަރުގެ ސުލްހައިގެ މަޝްވަރާތައް ޓްރަމްޕް ކެންސަލްކޮށްލެއްވީ، ތޯލިބާނުން ދިން ހަމަލާއެއްގައި، އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ އެމެރިކާ އަސްކަރިއްޔާގެ ސިފައިންގެ މީހަކު މަރުވި ހާދިސާއާއި ގުޅިގެންނެވެ.

މިދަނޑިވަޅުގައި އަފްޣާނިސްތާނުގައި ހިންގާ އެމެރިކާގެ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަ ކުރަނީ، ތޯލިބާނުންގެ ހަމަލާތައް ވަރުގަދަވެ އިތުރުވެގެންދާނެތީކަން އެމެރިކާއިން ފާހަގަކުރެއެވެ. ކަންމިހެން އޮތްނަމަވެސް، އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދާ އެމެރިކާ އަސްކަރިއްޔާގެ ސިފައިން އަނބުރާ ގައުމަށް ގެނައުމަކީ ޓްރަމްޕްގެ ރިޔާސީ ކެމްޕޭން ވައުދުފުޅެކެވެ.

ނޫސްވެރިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާއިން އަފްޣާނިސްތާނުން ނިކުންނާނެ ކަމަށާ، ނަމަވެސް އެމެރިކާއިން އެކަން ކުރާނީ އެންމެ ރަނގަޅު ވަގުތުގައި ކަމަށެވެ. އެމެރިކާ އަސްކަރިއްޔާގެ އިސް ޖެނެރަލެއް ކަމަށްވާ ކިނެތް މެކެންޒީ ވިދާޅުވީ، ނަސްރުގެ ނަމުގައި ތޯލިބާނުން ހަދާހާ ގޮތެއް ހަދާތަން ބަލަން އެމެރިކާއިން މަޑު ނުތިބޭނެ ކަމަށާ، އެއީ ދެވެން އޮތް ފުރުސަތެއް ނޫންކަމަށެވެ.

އެމެރިކާއިން ސުލްހައިގެ މަޝްވަރާތައް ކެންސަލްކުރުމުގެ ނަތީޖާއަކަށްވާނީ އެމެރިކާގެ އިތުރު ފުރާނަތަކެއް ގެއްލިގެން ދިއުން ކަމުގެ އިންޒާރު، ތޯލިބާނު ޖަމާއަތުންވަނީ ދީފައެވެ. މިއާއެކު އަފްޣާނިސްތާނުގެ ހަނގުރާމަ ސީދާ އަސްކަރީ ކުރިމަތިލުންތަކަކަށް އަލުން ބަދަލުވެގެން ހިނގައިދާނެ ކަމުގެ ކޮޅުމަތި މިވަނީ ފެންނަން ފަށާފައެވެ.