އެއްވެސް އިދާރާއެއްގައި މައްސަލައެއް އުޅޭ ނަމަ އެތަނަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި އެތަނެއް އިސްލާހު ކުރަން ލީޑަރުން މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގެ މުހިންމު އިދާރާތަކަކީ ގައުމެއްގެ ރުކުންތައް ކަމަށެވެ. ތަކުރާރުކޮށް ފުލުހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި، ޒިންމާދާރު ގޮތަކީ ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެ ކަންކަން ހައްލުކުރަން ލީޑަރުން މަސައްކަތްކުރެއްވުން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ. އެހެން ނޫން ނަމަ އެއީ ނުފޫޒް ފޯރުވަން މަސައްކަތްކުރުން ކަމަށް ބެލިދާނެ ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައި މިވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ މުއައްސަސާއަށް ފާޑުވިދާޅުވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.

އެމްޑީޕީން ރޭ ބޭއްވި އެޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ފުލުހުން އެމަނިކުފާނަށް ފާރަލަމުންދާ ކަމަށް އެމްއެންޑީއެފުން އެމަނިކުފާނަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފާރަލަނީ ކޮންކަމަކާ ގުޅިގެންކަމެއް ރައީސް ނަޝީދު ވިދާޅެއް ނުވެއެވެ. ނަޝީދު ވިދާޅުވީ ފުލުހުން އެގޮތަށް ފާރަލާފާނެ ކަމަށާއި އެކަން ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. އަދި ފާރަލައިގެން މުޅިން އެހެން ނަތީޖާއެއް ނިކުމެދާނެ ކަމަށްވެސް ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ނަމަވެސް އެމަނިކުފާނު ވިދާޅުވީ ކިތަންމެ ވަރަކަށް ފާރަލީ ކަމުގައިވިއަސް ހުއްޓާ ނުލައްވާނެ ކަމަށެވެ.

ނަޝީދު ފުލުހުންގެ މުއައްސަސާއަށް ފަހަކަށް އައިސް ފާޑު ވިދާޅުވަމުން ވަޑައިގަންނަވަނީ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް މަރާލި މައްސަލައިގައެވެ.