އަފްޣާނިސްތާނުގައި އެމެރިކާއިން ކުރަމުންދާ 18 އަހަރުވީ ހަނގުރާމައަށް ސުލްހަވެރި ނިމުމެއް ގެނައުމަށް ބާރުދޭ ސުލްހައިގެ އެއްބަސްވުން ކެންސަލްކޮށް، ތޯލިބާން ޖަމާއަތާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ނުގެންދިއުމަށް އެމެރިކާއިން ނިންމި ނިންމުމުގައި ގެއްލުން ބޮޑީ އެމެރިކާއަށް ކަމަށް، ހަތިޔާރުއެޅި ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުން ބުނެފިއެވެ.

އެޖަމާއަތުން އާންމު ބަޔާނެއްގައި ތޯލިބާނުން ބުނެފައި ވަނީ، އެންމެ ފަހުވަގުތާ ޖެހެންދެކަށް ވެސް ހުރިހާ ކަމެއްވެސް ގޮސްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ ތޯލިބާނުންނާ އެކު އިތުރު މަޝްވަރާތަކެއް ކުރިއަށް ނުދާނެ ކަމަށާއި، ސުލްހައިގެ އެއްބަސްވުން އެކުލަވާލުންވެސް ކެންސަލްވެއްޖެ ކަމަށް ވިދާޅުވެ ޓްވީޓްތަކެއް ކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވާ ގޮތުގައި އެ ނިންމެވުމަކީ، އަފްޣާނިސްތާނުގައި ހުރި އެމެރިކާގެ އަސްކަރިއްޔާގެ މެންބަރަކު މަރާލުމުގެ ޒިންމާ ތޯލިބާނުން އުފުލުމުގެ ސަބަބުން ނިންމެވި ނިންމެވުމެކެވެ.

ތޯލިބާނުންގެ ވަފުދެއް ވަނީ އަފްޣާނިސްތާނުގެ ސަރުކާރުގައި ހިމެނިވަޑައިނުގަންނަވާ ސިޔާސީ ލީޑަރުންނާ މިއަހަރުގެ ކުރީކޮޅުވެސް ރަޝިޔާގައި ބައްދަލުކޮށްފަ/ފޮޓޯ: އަނަދޯލޫ

މިހާ ހިސާބަށް އާދެވުނުއިރު އެމެރިކާއާއި ތޯލިބާނު ޖަމާއަތާ ދެމެދު 9 ފަހަރެއްގެ މަތިން މަޝްވަރާތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި މަޝްވާރަތައް ކުރިއަށް ގެންގޮސްފައިވަނީ ގަތަރުގައެވެ. ތޯލިބާނުންނާއެކު އެއްބަސްވުމެއް އެކުލަވާލެވެން ނެތްކަމަށް ޓްރަމްޕް ވިދާޅުވިއިރު، އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ 14000 ސިފައިންގެ ތެރެއިން 5000އަށްވުރެ ގިނަ ސިފައިން އެގައުމުން ބޭލުމަށް އެމެރިކާއިން އޮތީ ރާވާފައިވެސްމެއެވެ.

އެންމެ ހާދިސާއަކާ ގުޅިގެން އެމެރިކާއިން ސުލްހައިގެ އެއްބަސްވުން ކެންސަލް ކުރުމަކީ ތަސައްރަފު ފުދޭ މީހެއްގެ ނިންމުމެއް ނޫންކަން ދޭހަވާފަދަ މޭރުމަކުން ތޯލިބާނުންގެ ތަރުޖަމާނު ޒަބީއުއްލޯ މުޖާހިދު ވަނީ ފާޑުކިއާފައެވެ. ކަންމިހެން އޮތްއިރު، މިމަހުގެ 23 ވަނަ ދުވަހު އަފްޣާނިސްތާނުގެ ސަރުކާރާއެކު ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް އޭނާވަނީ ބުނެފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ސަރުކާރުން މިކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ތޯލިބާނުންނާއެކު ސީދާ ގޮތެއްގައި ސުލްހައިގެ މަޝްވަރާތަކަށް ދިއުމުގެ ޝައުގުވެރިކަން އެބައޮތްކަމަށް އަޝްރަފު ޣަނީގެ ސަރުކާރުން ދަނީ ތަކުރާރުކޮށް ދެމުންނެވެ.

އަފްޣާން ހަނގުރާމަ: ޚުލާސާ ނަޒަރަކުން

އެއީ އާ ސަސްކަފަށް ފެށުނު ދުވަސްވަރެވެ. 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހަކީ އަދުގެ ޖީލަށް އިތުރު ތައާރަފަކަށް ބޭނުންވާނެ ދުވަހެއް ނޫނެވެ. އެއީ އެމެރިކާގެ ތާރީހުގައި އެގައުމު ދުށް އެންމެ ވަރުގަދަ ޓެރަރިސްޓް ހަމަލާ އަމާޒުވި ދުވަހެވެ. 3000 އަށްވުރެ ގިނަ މީހުންގެ ފުރާނަ ގެއްލިގެންދިޔަ އެ ހަމަލާތަކުގެ ފަހަތުގައި ހުރީ ހަތިޔާރުއެޅި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންކަން ހާމަވިއެވެ.

އެދުވަސްވަރު އަފްޣާނިސްތާނުގައި އަތްގަދަކޮށްފައިވަނީ ހަނގުރާމަވެރި ތޯލިބާނު ޖަމާއަތެވެ. އެ ޖަމާއަތުން ދިޔައީ ބިން ލާދިންއަށް ހިމާޔަތް ދެމުންނެވެ. އަދި އެމެރިކާއާއި އޭނާ ހަވާލުކުރުމަށް އިންކާރުވެސް ކުރަމުންނެވެ. އޭގެ 1 މަސްދުވަސްފަހުން އެމެރިކާއިން އަފްޣާނިސްތާނަށް އަސްކަރީ ބާރާއެކު ހަމަލާދިނެވެ. އިތުރު ގައުމުތަކުން މި ހަނގުރާމައިގެ ތެރެއަށް ވަންނަމުންދިޔަ ވަރަކަށް އަފްޣާނިސްތާނުގައި އޮތް ތޯލިބާނުންގެ ބާރު ފަނޑުވާން ފެށިއެވެ. ނަމަވެސް އެ ޖަމާއަތް މުޅިން ނައްތައެއް ނުލެވެއެވެ. ނުފޫޒުވީ އިތުރަށް ގަދައެވެ. އަދި އެކި ހިސާބުތަކުގައި ފިލާތިބެގެން ޖަމާއަތުގެ ބާރު ހިންގަމުންދިޔައެވެ.

އޭގެ ފަހުން އަދާ ހަމައަށް އައިއިރުވެސް އަފްޣާނިސްތާނުގައި ދެމެހެއްޓެނިވި ސަރުކާރެއް އެކުލަވާލުމަށް އެއްބާރުލުން ދިނުމަށް އެމެރިކާއާއި އެމެރިކާގެ ބައިވެރިން ވަނީ ފެއިލްވެފައެވެ. ނުވިތަނަކަށް ތޯލިބާނުންދޭ ވަރުގަދަ ހަމަލާތައް ހުއްޓުވުމާލުމަށްވެސް ދުނިޔޭގެ އެންމެ ބިޔަ އަސްކަރީ ބާރު ކަމުގައި ގިނަ ބަޔަކު އިއްތިފާގުވާ އެމެރިކާ އޮތީ ނުކުޅެދިފައެވެ.