އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ނައްތާލުމާ ގުޅޭ މަޝްވަރާތައް އަލުން އަނެއްކާވެސް ވަރަށް އަވަހަށް ފެށިދާނެ ކަމުގެ އިޝާރާތެއް އެމެރިކާއިން ދީފިއެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ވިދާޅުވީ، ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއް ނުވަތަ މަދު ހަފުތާ ކޮޅެއްގެ ތެރޭގައި މިމަޝްވަރާތައް ފެށިގެން ހިނގައިދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އޭބީސީގެ "ދިސް ވީކް" އަށް ދެއްވި ބަސްދީގަތުމެއްގައި ޕޮމްޕޭއޯ ވިދާޅުވީ، ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ނައްތާލުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެއްބާރުލުން ދެއްވަމުން ގެންދަވާކަން އެނގިވަޑައިގަންނަވާ ކަމަށާ، ވަރަށް އަވަހަށް މަޝްވަރާގެ މޭޒަށް ހާޒިރުވެވޭނެ ކަމުގެ ބޮޑު އުއްމީދެއް އެބައޮތް ކަމަށެވެ.

އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލާ، އެ ގައުމުގެ މިސައިލް މަޝްރޫއު ހުއްޓުމަކަށް ގެނައުމަށް މިދިޔަ އަހަރު އެމެރިކާއާއިއެކު ފެށި މަޝްވަރާތައް މަޑުޖެހިފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހު ވިއެޓްނާމްގައި ކުރިއަށްދިޔަ ބައްދަލުވުމަށް ފަހުގައެވެ. އޭގެ ފަހުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އުތުރު ކޮރެއާގެ ޗެއާމަން ކިމް ވަނީ ވަނީ ދެކޮރެއާ ގުޅޭ ސަރަހައްދީ އިމުގައި، މިއަހަރުގެ ޖޫން މަހު ބައްދަލުކުރައްވާފައެވެ. އަދި މަޝްވަރާތައް އަލުން ފެއްޓެވުމަށް 2 ލީޑަރުންވެސް ވަނީ އެއްބަސްވެވަޑައިގެންފައެވެ.

އޭގެ ފަހުން ދެކުނު ކޮރެއާއާއި އެމެރިކާ ގުޅިގެން ކުރިއަށްގެންދާ ސިލްސިޔާ އަސްކަރީ ތަމްރީނުތަކާ ދިމާކޮށް އުތުރު ކޮރެއާއިން ވަނީ މިސައިލް ޓެސްޓުތަކެއްވެސް ކޮށްފައެވެ. ޕޮމްޕޭއޯ ވިދާޅުވީ ކުރު ރާސްތާ މިސައިލްތަކެއް އުތުރު ކޮރެއާއިން ޓެސްޓުކުރި ނަމަވެސް، އެމެރިކާއާއިއެކު ވެފައިވާ އެއްބަސްވުމާ އުތުރު ކޮރެއާއިން ހިލާފުވެފައި ނުވާކަމަށެވެ.

ކަންމިހެންއޮތްއިރު، އުތުރު ކޮރެއާއިންދަނީ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަޝްވަރާތަކުގައި ބައިވެރިވާ އެމެރިކާގެ ވަފުދުން ޕޮމްޕޭއޯ އުނިކުރެއްވުމަށް ޑިމާންޑްކުރަމުންނެވެ.