އަފްގާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ތޯލިބާން ޖަމާއަތާއެކު އެކުލަވާލާ ސުލްހައިގެ އެއްބަސްވުން މިހާރު ވާނީ ކެންސަލް ކުރައްވާފައިކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން މިއަދުގެ ވަގުތެއްގައި އަފްގާނިސްތާނުގެ ރައީސް އަޝްރަފު ޣަނީއާއި، ތޯލިބާނުންގެ އިސް ލީޑަރުންނާ ޓްރަމްޕް ބައްދަލުކުރައްވާނެއެވެ. ނަމަވެސް ކޭމްޕް ޑޭވިޑްގައި ހުންނަ އެމެރިކާގެ ހާއްސަ ރިޔާސީ މާލަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި އޮތް މި ބައްދަލުވުން ކުރިއަށް ނުގެންދަވާ ގޮތަށް ޓްރަމްޕް ނިންމެވީ، ދާދިފަހުން ކާބުލްގައި ހަމަލާދީ އެމެރިކާގެ އަސްކަރީ ސިފައިންގެ މީހަކު މަރާލީ އެޖަމާއަތުން ކަމަށް ތޯލިބާނުން އިއުތިރާފުވުމާ ގުޅިގެންނެވެ.

ތޯލިބާނުންނާއެކު ސުލްހަ ގާއިމުކުރުމަށް އެމެރިކާއިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި އިސްކޮށް ހުންނެވި ޒަލްމޭ ހާލިދުޒާދު، އެއްބަސްވުމެއްގެ ވާހަކަ ހާމަކުރެއްވީ މިދިޔަ ހޯމަ ދުވަހުއެވެ. މިހާ ހިސާބަށް އެމެރިކާއާއި ތޯލިބާނުން އައިސްފައިވަނީ ގަތަރުގައި ކުރިއަށްގެންދިޔަ ސިލްސިލާ މަޝްވަރާތަކަކަށްފަހުގައެވެ. މި އެއްބަސްވުން ބުނި ގޮތުގައި އަފްގާނިސްތާނުގައި މިވަގުތު ތިބި އެމެރިކާ އަސްކަރިއްޔާގެ 14000 ސިފައިންގެ ތެރެއިން 5400 ސިފައިން، 20 މަސްދުވަހުގެ ތެރޭގައި އަފްގާނިސްތާނުން ބާލާނެއެވެ. ނަމަވެސް، މިކަމުގައި އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު އޮންނާނީ ޓްރަމްޕްގެ އަތްޕުޅުގައި ކަމަށް ހާލިދުޒާދު މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.