އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް ޕާކިސްތާނުގެ ވައިގެ ސަރަހައްދުން ދަތުރުނުކުރެއްވޭ ގޮތަށް ޕާކިސްތާނުން ނިންމި "ތާކުން ތާކު ނުޖެހޭ" ނިންމުމާ މެދު ހިތާމަކުރާކަމަށް އިންޑިއާއިން ބުނެފިއެވެ.

މިމަހުގެ 9 އިން 17އަށް، އިންޑިއާގެ ރައީސް ވިލާތުގެ ބައެއް ގައުމުތަކަށް ކުރައްވާ ދަތުރުފުޅުގައި ޕާކިސްތާނުގެ ވައިގެ ސަރަހައްދުން ދަތުރުކުރެއްވުމުގެ ހުއްދައަކަށް އިންޑިއާއިން ޕާކިސްތާނުގައި އެދުނު އެދުމަށް، ޕާކިސްތާނުން ވަނީ އިންކާރުކޮށްފައެވެ.

މިކަމާ ގުޅިގެން އިންޑިއާގެ ހާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ވީވީއައިޕީ ފްލައިޓަކަށް ވައިގެ ސަރަހައްދުން ކްލިއަރަންސްދިނުމަކީ ކޮންމެ ގައުމަކުންވެސް ކުރާނެ ކަމެއް ކަމަށެވެ. އަދި އަމިއްލައަށް ނިންމާ މިފަދަ އެކަހެރި ނިންމުންތަކުގެ "ތާކުތާކު ނުޖެހޭ" ކަން ދެނެގަތުމަށް ޕާކިސްތާނަށް ގޮވާލާކަމަށްވެސް އިންޑިއާ ހާރިޖިއްޔާގެ ބަޔާނުގައިވެއެވެ.

މިމައްސަލައާއ ގުޅިގެން ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީ ވިދާޅުވީ، އިންޑިއާއާއި ޕާކިސްތާނުގެ ގުޅުމުގެ އަދުގެ ހާލަތަށް ރިއާޔަތްކޮށް، ޕާކިސްތާނުގެ ވައިގެ ސަރަހައްދު މިފަދަ ގޮތަކަށް ބޭނުންކުރުމުގެ ހުއްދަ އިންޑިއާއަށް ދިނުމަށް ޕާކިސްތާނަށް ނުފެންނަ ކަމަށެވެ. ޕާކިސްތާނު ސަރުކާރުގެ ބައެއް މަސްދަރުތަކާ ހަވާލާދީ އިންޑިއާގެ ޚަބަރުތައް ބުނާ ގޮތުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންވެސް ވަނީ މި ނިންމުމަށް ތާއީދުކުރައްވާފައެވެ. ނަމަވެސް މިކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

މިއަހަރުގެ ކުރީކޮޅުވެސް ޕާކިސްތާނުންވަނީ އެގައުމުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައެވެ.