އަމިއްލަ އަދި ސަރުކާރުގެ މީޑިއާ އިދާރާތަކަށް އަފްގާނިސްތާނުގައި މަސައްކަތްކޮށްދެމުން ދިޔަ 6 ނޫސްވެރިއަކު، "އޮޅުމެއްގެ ތެރެއިން"، އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް ވަގަށް ނަގާ، ރަހީނުކުރެވިފައިވާކަމަށް ހަނގުރާމަވެރި ތޯލިބާނު ޖަމާއަތުން ބުނެފިއެވެ.

މި ނޫސްވެރިން ވަގަށް ނަގާ، ރަހީނުކޮށްފައިވަނީ އަފްޣާނިސްތާނުގެ ޕަކްތިއާ ޕްރޮވިންސުން ކަމަށް ޚަބަރު ލިބެއެވެ.

އަފްގާނިސްތާނަށް ނިސްބަތްވާ 6 ނޫސްވެރިއަކު އޮޅުމެއްގެ ތެރެއިން ވަގަށްނަގާ، ރަހީނުކުރެވިފައިވާކަމަށް ތޯލިބާނުންގެ ތަރުޖަމާނު ޒަބީއުއްލޯ މުޖާހިދުވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

ޒަބީއުއްލޯ ބުނީ މިވަގުތު މޯބައިލް މުއާސަލާތީ ހިދުމަތުގެ ބޭނުން ނުކުރެވޭ ކަމަށާ، ނަމަވެސް އެޖަމާއަތުގެ ސަރަހައްދީ ކޮމާންޑަރާ ގުޅުނުހާއަވަހަކަށް އެ ނޫސްވެރިން މިނިވަން ކުރެވިގެންދާނެކަމަށެވެ.

އަފްގާނިސްތާނު ސަރުކާރުގެ އޮފިޝަލުން ވިދާޅުވި ގޮތުގައި ނޫސްވެރިން ވަގަށް ނަގާ ރަހީނުކޮށްފައިވަނީ ހުކުރު ދުވަހު އޮތް މީޑިއާ ވާކްޝޮޕެއްގައި ބައިވެރިވުމަށް ޕަކްތިކާ ޕްރޮވިންސުން ޕަކްތިއާ ޕްރޮވިންސަށް ދަތުރުކުރަމުންދަނިކޮށް ކަމަށާ، އެ ވަގުތު ހުރިހާ ނޫސްވެރިންވެސް ދަތުރުކުރަމުންދިޔައީ އެއް ޖަމާއަތެއްގައި ކަމަށެވެ.

ޕަކްތިއާ ޕްރޮވިންސްގެ ގަވަރުނަރުގެ ތަރުޖަމާނު އަބްދުﷲ ހަޒްރަތު ވިދާޅުވީ، ނޫސްވެރިން މިނިވަންކުރުމާ ގުޅޭ ގޮތުން ތޯލިބާނު ހަނގުރާމަވެރިންނާއެކު މަޝްވަރާތައް ކުރިއަށްދާކަމަށެވެ.

ނޫސްވެރިންގެ ސަލާމަތާ ރައްކާތެރިކާ މިނިވަންކަމާ ގުޅޭ ރިޕޯޓްތައް ބުނާ ގޮތުގައި، 2018 ވަނަ އަހަރު ނޫސްވެރިންނަށް އެންމެ ނުރައްކާތެރި މަންޒިލަކީ އަފްގާނިސްތާނެވެ. މިދިޔަ އަހަރު އަފްގާނިސްތާނުގައި 13-16 އާއާއި ދެމެދު އަދަދެއްގެ ނޫސްވެރިން މަރާލާފައިވާކަމަށް އެކި ރިޕޯޓްތައް ބުނެއެވެ.