ކަޝްމީރުގެ އިންޑިއާއާ ވީ ފަޅީގައި ހިފަހައްޓާފައިވާ މުއާސަލަތީ ހިދުމަތްތަކަށް ދޫދިނުން ބަރޯސާވެފައި އޮތީ ޕާކިސްތާނުން ޓެރަރިސްޓުން ފޮނުވާލުން ހުއްޓާލުމާއި، އެ ސަރަހައްދުގެ ހަމަޖެހުން ނަގާލުމުގެ މައްޗަށް ކަމަށް އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖީތު ދޯވާލް ވިދާޅުވެއްޖެއެވެ.

ލޭންޑްލައިންތަކުގެ ހިދުމަތްތައް 100 ޕެސެންޓްއަށް ދޫކޮށްފައިވާނެކަން ފާހަގަކުރައްވަމުން ދޯވާލް ވިދާޅުވީ، އިތުރު ދޫތައް ދެވެން އޮތީ ޕާކިސްތާނުގެ އަމަލުތައް ހުރި ގޮތަށް ބެލުމަށް ފަހުގައި ކަމަށެވެ. ޕާކިސްތާނުގެ އަމަލުތައް މިހާތަނަށް ހުރި ގޮތުގެ ނަތީޖާއަކަށްވީ، ހަތިޔާރާއެކު އަސްކަރިއްޔާގެ 230 ސިފައިން އެސަރަހައްދަށް ފޮނުވަންޖެހުން ކަމަށްވެސް ދޯވާލް ވަނީ ފާހަގަކުރައްވާފައެވެ.

ނޫސްވެރިންނާ މުހާތަބުކުރައްވާ ދޯވާލް އިތުރަށް ވިދާލުވީ، އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ކަމުގައި ވީ ނަމަވެސް، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ކިބައިން ކަޝްމީރުގެ ރަށްވެހިން ސަލާމަތްކުރުމުގެ އަޒުމު އިންޑިއާގައި އެބަ އޮތް ކަމަށެވެ.

ކަންމިހެން އޮތްއިރު، ޕާކިސްތާނުންވަނީ އެގައުމުގެ ވައިގެ ސަރަހައްދުން އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދަށް ދަތުރުނުކުރެއްވޭނެކަމަށް ބުނެފައެވެ. އިންޑިއާގެ ރައީސް އައިސްލޭންޑަށް ކުރައްވާ ދަތުރުފުޅުގައި، ޕާކިސްތާނުގެ ވައިގެ ސަރަހައްދު ހުރަސްކުރެއްވުމުގެ އިޒުނަޔަކަށް އެދިވަޑައިގެންނެވިއިރު، އިންޑިއާގެ ސަރުކާރުގެ އަމަލުތައް ހުރި ގޮތުން އެ ހުއްދަ ދެވެން ނެތްކަމަށް ޕާކިސްތާނުންވަނީ ބުނެފައެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް އޮންނަ ޒަމާންވީ ހަތުރުވެރިކަން މިއަހަރު އިންތިހާއަށް ހީނަރުވެފައިވާއިރު، ޕާކިސްތާނުންވަނީ އެގައުމުގެ ވައިގެ ސަރަހައްދުގެ އެކި ހިސާބުތައް ދުވަސް ދުވަސްކޮޅުން ބަންދުކުރަމުންނެވެ.