ހަރުކަށި އިތުރު ފިޔަވަޅުތަކެއް އަޅައިގެން ކަމުގައި ވީ ނަމަވެސް، ޕާކިސްތާނުގެ ޓެރަރިސްޓުންގެ ކިބައިން ކަޝްމިރާއި ކަޝްމީރުގެ ރައްޔިތުން ސަލާމަތްކުރުމަށް އިންޑިއާ އޮތީ ތައްޔާރަށް ކަމަށް އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖީތު ދޯވާލް ވިދާޅުވެއްޖެއެވެ.

ދޯވާލް ވިދާޅުވީ، ހަމަނުޖެހުން ނަގާލުމަށް ޕާކިސްތާނު އަތުގައި އޮތް ހަމައެކަނި އާލާތަކީ ޓެރަރިޒަމް ކަމަށެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ދޯވާލް އިތުރަށް ވިދާޅުވީ، ޕާކިސްތާނުގެ 230 ޓެރަރިސްޓަކު ކަޝްމީރު ސަރަހައްދުން ފާހަގަކުރެވިފައިވާ ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން މިހާރު ކަޝްމީރަށް އެތެރެވެފައިވާކަމަށެވެ. އަދި އެތެރެވީ މީހުންގެ ތެރެއިން ބައެއް މީހުން މިހާރު ހައްޔަރުކޮށްފައިވާކަމަށްވެސް ދޯވާލް ވަނީ ވިދާޅުވެފައެވެ.

ދޯވާލް އިތުރަށް ވިދާޅުވީ، ކަޝްމީރުގެ ގިނަ މީހުންނަކީ މާއްދާ 370 އުވާލުމަށް ތާއީދުކުރާ މީހުން ކަމަށާ، އެ ބަދަލާއެކު އެމީހުންނަށް ތަނަވަސްވެގެންދާނެ ފަހި ފުރުސަތުތަކާ، ލިބިގެންދާނެ އިގުތިސޯދީ ކުރިއެރުންތަކާއި، ފުޅާވެގެންދާނީ ވަޒީފާގެ ބާޒާރުކަން އެމީހުން ގަބޫލުކުރާ ކަމަށެވެ. އަދި މި ބަދަލާ ދެކޮޅު ހަދަނީ ނިސްބަތުން މަދު އަދަދެއްގެ ބައެއްކަމަށްވެސް ދޯވާލް ވަނީ ވިދާޅުވެފައެވެ.

ކަޝްމީރުގެ އާންމު ހާލަތާ ބެހޭ ގޮތުން ދޯވާލް ވިދާޅުވީ ޖައްމުއާއި ކަޝްމީރުގެ އެކި ހިސާބުތަކުގައި އޮޕަރޭޓްކުރަމުންދާ 199 ފުލުސް ސްޓޭޝަންގެ ތެރެއިން އެންމެ 10 ސްޓޭޝަން ފިޔަވާ އެހެން ހުރިހާ ތަނެއްވެސް މިހާރު ހިނގަމުންދާނީ މިނިވަންކަމާއެކު އެއްވެސް ހުރަހެއް ނުވަތަ ހަރުކަށި ފިޔަވަޅެއް ނެތި ކަމަށެވެ. މުވާސަލާތީ ހިދުމަތްތަކަށް ބަލާއިރު، ލޭންޑްލައިންގެ 100 ޕަސެންޓް ހިދުމަތް ލިބެމުންދާނެކަންވެސް ދޯވާލު ވަނީ ފާހަގަކުރައްވާފައެވެ.

ކަޝްމީރު ސަރަހައްދުގައި މީގެ މަހެއްހާ ދުވަސްކުރިން އިންޑިއާގެ މައި ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށީ، އިންޑިއާގެ ގާނޫނަށް ގެނައި ބޮޑު ބަދަލާއެކު ހިންގަފާނެ ހަމަނުޖެހުންތަކަކުން ސަލާމަތްވުމަށްޓަކައެވެ. އެގޮތުން އިންޑިއާއިން ވަނީ، ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް މިނިވަންކަމާ އިސްތިގުލާލު ކަށަވަރުކޮށްދިން މާއްދާ 370، އިންޑިއާގެ ގާނޫނުން އުނިކޮށް، އެސަރަހައްދަށް ލިބިފައިވާ އޮތް ސްޓޭޓެއްގެ ދަރަޖަ، ޔޫނިއަން ޓެރިޓަރީތަކެއްގެ ގިންތިއަށް ދަށްކޮށްފައެވެ.