މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ މައްސަލާގައި ދެ ފުލުހުން ވަނީ ކޯޓަށް އޮޅުވަލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިޟްވާންގެ ފޯނު އަޑު އެހުމަށާއި، އޭނާއަށް ފާރަލުމަށް އޮޅުވާލައިގެން ކޯޓު އަމުރު ހޯދުން އެއީ ކުށެއް ކަމަށެވެ. އަދި މޯލްޑިވްސް ޕޮލިސް ސާވިސަސްގެ މައްޗަށް އިތުބާރު ގެއްލޭ ބާވަތުގެ ވާހަކަތައް އެ އިދާރާގެ މަދު ބަޔަކު ދެއްކުމަކީ ހިތާމަހުރި ކަމެއް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މި މޭރުމުން ޓްވީޓް ކުރައްވާފައިވާ އިރު، ގެއްލިފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން ތައްޔާރު ކުރި ތަފްސީލީ ރިޕޯޓުގައި، ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރާ، ކޯޕްރަލް މުހައްމަދު ޖިނާޙު އަދި ކޯޕްރަލް އިބްރާހީމް ރިފްއަތު ރިޟްވާންގެ ފޯނު ކޯލުތައް އަޑުއަހާ، އޭނާއަށް ފާރަލާފައިވާ ކަމަށް ބުނެފައި ވެއެވެ.

މި ދެ ފުލުހުން މުޖުތަމައުއަށް ދޫވެފައި ތިބުމަކީ، މި މައްސަލައިގެ މިނިވަން ތަހުގީގު ކުރިއަށް ގެންދިއުމަށް ހުރަސް އެޅިދާނެ ކަމެއް ކަމަށް ބުނެ އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ. އަދި މި ސިޓީގައި، މި މައްސަލައިގައި ހިމެނޭ ދެ ފުލުހުން ހައްޔަރުކުރުމަށް އަމުރެއް ހޯދުމަށް ކުރިމިނަލް ކޯޓުގައި އެދުމަށް ވެސް މި ސީޓީގައި ވެއެވެ.