އިންޑިއާގެ އަންދްރަ ޕްރަދޭޝްގެ ސްޓޭޓްގައި ދާދި ފަހުން އެއްމާބަނޑު ދެބެން ވިހޭ އުމުރުން 73 އަހަރުގެ އަންހެން މީހާ ވިހޭތާ އެއްދުވަސް ފަހުން އޭނާގެ އުމުރުން 82 އަހަރުގެ ފިރިމީހާއަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދާކަމަށް ޚަބަރު ލިބިއްޖެއެވެ.

ޑޮކްޓަރުން ގަބޫލުކުރާ ގޮތުގައި އުމުރުން 73 އަހަރުގެ މަންގަޔައައްމާ ޔަރަމާތީއާއި އޭނާގެ ފިރިމީހާއަށް އަލަތު ދަރިންގެ ގޮތުގައި އެއްމާބަނޑު ދެބެން ލިބިފައި ވަނީ އައިވީއެފް ފަރުވާގެ އެހީގައެވެ.

ބުރާސްފަތި ދުވަހު ސިޒޭރިއަން ހެދި މަންގަޔައައްމާ ޔަރަމާތީގެ ފިރިމީހާއަށް ސްޓްރޯކް ޖެހުނީ ހުކުރު ދުވަހުއެވެ. އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

މަންގަޔައައްމާ ޔަރަމާތީ ބުނެފައިވާ ގޮތުގައި އޭނާގެ ދެމަފިރިން އަބަދުވެސް ދަރިއަކު ބޭނުންވެއެވެ. އެކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އެމީހުން ނިސްބަތްވާ އަވަށުގެ މީހުން ކުރަމުންދިޔަ ފުރައްސާރައެވެ.

2016 ވަނަ އަހަރުވެސް އިންޑިއާގައި، އުމުރުން 70 އަހަރުގެ އަންހެނަކު ވަނީ ފިރިހެން ކުއްޖަކު ވިހާފައެވެ.