ފުއްޕާ މޭގެ ނުރައްކާތެރި ބައްޔެއްޖެހިގެން 450 ކޭހެއް ރިޕޯޓްކޮށްފައި ވާކަމަށާ އެއީ ވޭޕްކުރުމުގެ ސަބަބުން މެދުވެރި ހާލަތެއް ކަމަށް ބެލެވޭ ކަމަށް އެމެރިކާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ސިއްހަތާ ބެހޭ އޮފިޝަލުން ވިދާޅުވީ، މި ކޭސްތަކަކީ އެމެރިކާގެ 33 ސްޓޭޓަކާ އިދާރީ 1 ދާއިރާއަކުން ފާހަގަކުރެވުނު ކޭސްތަކެއް ކަމަށާ، މީގެ ތެރެއިން ބައެއް ކޭސްތަކުގެ އިތުރު ތަހުލީލުތައް އަދިވެސް ހަދަމުންދާ ކަމަށެވެ.

ކަންމިހެން އޮތްއިރު ވޭޕްކުރުމުގެ ސަބަބުން ކުރިމަތިވި ސިއްހީ މައްސަލަތަކުގައި 4 މީހެއްގެ ފުރާނަ މިނެސޯޓާއާއި އިންޑިއާނާއިން ގެއްލިފައިވާކަން މިހާރު ކަށަވަރުކުރެވިފައިވާކަމަށް އެމެރިކާގެ ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރޮވެންޝަންގެ އޮފިޝަލުން ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން އޮލަނޯއީއާއި އޮރެގަންއިންވެސް ވަނީ މިފަދަ ގޮތަކަށް 2 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައެވެ.

ވޭޕްކުރުމުގެ ސަބަބުން ފުރާނައަށް ނުރައްކާ ވާ ވަރުގެ ބައްޔެއް ފުއްޕާމެއަށް ޖެހެނީ ކީއްވެކަން އަދި މުޅިން ކަށަވަރުނުވި ކަމުގައި ވީ ނަމަވެސް، މިއީ އީ-ސިނގިރޭޓުގެ ޒަރިއްޔާއިން ކެމިކަލަށް ހަށިގަނޑު ހުށަހެޅުމުގެ ސަބަބުން ކުރިމަތިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް، ސިއްހީ ތަޖުރިބާކާރުން ދަނީ ފާހަގަކުރައްވަމުންނެވެ.

އީ-ސިނގިރޭޓްތަކުގައި ބޭނުންކޮށްފައި ހުންނަ ބައެއް ކެމިކަލްތަކަކީ، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއިންވެސް ފެންނަ މާއްދާތަކެއްކަން އެމެރިކާގެ ސިއްހަތާ ބެހޭ އިދާރާތަކުންވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ވޭޕްކުރުމަށް ބޭނުންކުރާ ބައެއް ކަހަލަ ބާވަތްތަކުގައި އެއްކޮށްފައި ހުންނަ އެކި މާއްދާތަކުގެ ސަބަބުން އިތުރަށް ވިހަ ގަދަވަނީކަމަށް ވެދާނެ ކަމަށް ޑޮކްޓަރުންވެސް ވަނީ ފާހަގަކޮށްފައެވެ.

ވޭޕްކުރުމުގެ ސަބަބުން ކުރިމަތިވާ ފުއްޕާމޭގެ ނުރައްކާތެރި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ނޭވާ ކުރުވުމާ، އާދަޔާ ހިލާފަށް ވަރުބަލިވުމާ، ހުން އައުމާ، ބަރުދަން ލުއިވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ބައެއް ޕޭޝަންޓުންނަށް ނިއުމޯނިއާ ޖެހިފައިވާކަމަށްވެސް ޚަބަރު ލިބެއެވެ.

އެމެރިކާއިން ދަނީ ވޭޕްކުރުމާ ވޭޕްކުރުމަށް ބޭނުންކުރާ ފްލޭވާތަކާ ގުޅޭ ގޮތުން ގަވައިދެއް އެކުލަވާލުމުގެ މަސައްކަތްކުރަމުންނެވެ.

ވޭޕްކުރުމަކީ މިއަދު ދިވެހިންގެ މެދުގައިވެސް މަގުބޫލުކަމަކަށްވެ، ގިނަ ޒުވާނުންތަކަކާ ފުރާވަރު އުމުރުގެ ކުދިންގެވެސް ކަށީގައި ހިފާފައިވާކަމަށް އޮތީ ވެފައެވެ.