މިޝަން ކާމިޔާބު ނުވި ކަމުގައި ވީ ނަމަވެސް އިންޑިއާގެ ސައިންސްވެރިން ކުރީ ކުޑަ ކަމެއް ނޫންކަމަށާ، އިންޑިއާގެ ސައިންސްވެރިނާއި މެދު ފަހްރުވެރުވެވަޑައިގަންނަވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.
ހަނދުގެ ދެކުނު ތަނޑީގައި ސޮފްޓް ލޭންޑިންގްއެއް ހަދާ ފުރަތަމަ ގައުމަށް ވުމުގެ ޝަރަފު ހޯދާ، އެ ސަރަހައްދުގައި ސައިންޓިފިކް ދިރާސާތަކެއް ކުރުމަށް އިންޑިއާއާއިން ކުރިއަށް ގެންދިޔަ ޖައްވީ މިޝަން "ޗާންދްރަޔާން-2" އެންމެ ފަހު ސިކުންތުކޮޅުގައި ފެއިލްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މޯދީ ވިދާޅުވީ، އިންޑިއާގެ ސައިންސްވެރިންނަކީ އަބަދުވެސް އެގައުމު ފަހްރުވެރިވާފަދަ ހިދުމަތެއް ކުރަމުންދާ ބައެއް ކަމަށެވެ. އަދި މިމިޝަން ކާމިޔާބު ނުވި ނަމަވެސް، ޖައްވީ ދިރާސާތަކުގެ މަޝްރޫއާއިގެން އެ ގައުމުން ކުރިއަށްދާނެ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.
"ޗާންދްރަޔާން-2" ގެ ޖައްވީ އުޅަނދުގެ ރޯވާ، ހަނދުގެ ސަތަހާގައި ޖައްސާ މަންޒަރު ބައްލަވާ ލެއްވުމަށް މޯދީ ވަނީ، އިންޑިއާގެ ޖައްވީ ހޯދުންތަކާ ބެހޭ އިދާރާ އައި.އެސް.އާރް.އޯގެ މިޝަން ކޮންޓްރޯލަށް ރޭ ދަންވަރު ވަޑައިގެންފައެވެ. މިޝަން ފެއިލްވުމާއެކު މޯދީވަނީ، ސައިންސްވެރިންނަށް ހިތްވަރާ އެއްބާރުލުން ދެއްވާ އުއްމީދުގެ ބަސްތައް ވިދާޅުވެފައެވެ.
'ޗާންދްރަޔާން-2" މިޝަންގެ ޖައްވީ އުޅަނދާ ބިމާ ދެމެދު އޮތް ގުޅުން ކެނޑުނީ، ހަނދުގެ ސަތަހާގައި އެ އުޅަނދު ޖެއްސުމަށް މަދު ސިކުންތުކޮޅަކަށް ވެފައިވަނިކޮށެވެ.
ހަނދުގެ ސަތަހާގައި ކާމިޔާބުކަމާއެކު މިހާތަނަށް ސޮފްޓް ލޭންޑިންގްއެއް ހަދާފައިވަނީ އެމެރިކާއާއި ރަޝިޔާގެ އިތުރުން ޗައިނާއިންނެވެ.