ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲ ސީރިއާއަށް ގޮސް މަރުވެފައިވާކަން ދެއްކުމަށް ޕާސްޕޯޓު ހަދަން މަސައްކަތް ކުރި ކަމަށްބުނެ އިއްޔެ ވަޒީފާގެ މަސްއޫލިއްޔަތުން ދުރު ކޮށްފައިވާ ދެ ފުލުހުންނަކީ ކުރީގެ ސަރުކާރުން ވަޒީފާ އިން ވަކިކޮށްފައިވާ ދެ ފުލުހުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މި މައްސަލާގައި އުމަރު މިރޭ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެ ދެ ފުލުހުންނަކީ ކުރީގެ ސަރުކާރުން ވަކި ކޮށްފައިވާ ދެ އޮފިސަރުން ކަމަށާއި ނަމަވެސް އެ ނިންމުމަކީ ގޯސް ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް ބަލާ އެ ދެ ފުލުހުންގެ ވަޒީފާ އަނބުރާ ދީފައި ވަނީ މި ސަރުކާރުން ކަމަށް އުމަރު ވިދާޅުވިއެވެ.
ރިޟްވާންގެ މައްސަލައާ ގުޅިގެން ރޭ ވަނީ ފުލުހުންގެ އިސްވެރިން ސަލާމަތީ ހިދުމަތްތަކާއި ބެހޭ ކޮމެޓީއަށް ވެސް ހާޒިރު ކުރައްވާފައެވެ. ނަމަވެސް އެ ބައްދަލުވުމަކަށް މީޑިއާއެއް ނުވައްދައެވެ. ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. އުމަރު ވިދާޅުވީ ރޭގެ އެ ބައްދަލުވުމަކީ ތުހުމަތު ކުރާ ދެ ފުލުހުން މީގެކުރިން ވަޒީފާއިން ވަކިކޮށް އަލުން އަނބުރާ ވަޒީފާ ދިން މައްސަލަ އާއްމުންނަށް ފޮރުވުމުގެ ގޮތުން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
މި މައްސަލާގައި ފުލުހުން ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައި ވަނީ ޕޮލިސް ކޯޕްރަލް މުހައްމަދު ޖިނާހު (ސާވިސް ނަމްބަރު 4493) އާއި އިބްރާހިމް ރިއްފަތު (ސާވިސް ނަމްބަރު 3246) އެވެ. ފުލުހުން ބުނީ މި ދެ ފުލުހުން ހައްޔަރު ކުރުމަށް އެދި ބަންޑާރަ ނާއިބުގެ ފަރާތުން އިއްޔެ ވަގުތެއްގައި ސިޓީއެއް ލިބުނު ކަމަށެވެ. އަދި އެ ސިޓީ ފުލުހުންނަށް ލިބުނު އިރުވެސް އެ ދެ ފުލުހުންގެ މައްސަލަ ފުލުހުން ދިޔައީ ތަހުގީގު ކުރަމުން ކަމަށް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ރިޟްވާންގެ މައްސަލާގައި އެ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގައި ފުލުހުންނާ ގުޅޭގޮތުން ފާހަގަ ކުރެވުނު ކަންކަން ފާހަގަކޮށް މަރާލާފައިވާ މީހުންނާއި ގެއްލުވާލައި ފައިވާ މީހުންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުގެ ފަރާތުންވެސް ސިޓީއެއް ލިބުނު ކަމަށެވެ. އެ ސިޓީގައި ރިޔާސީ ކޮމިޝަނުން ލަފާ ދީފައިވަނީ އެ މުއައްސަސާގެ ކުރީގެ ދެ އިންޓެލިޖެންސް އޮފިސަރުން ކަމަށްވާ މުހައްމަދު ޖިނާއި އިބްރާހިމް ރިފްއަތުގެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ކަމަށް ފުލުހުން ބުންޏެވެ.
"މި ސާވިސްގެ އޮފިސަރެއް ކަމުގައިވާ މުޙައްމަދު ފަޔާޒު އިސްމާއިލް އެ ކޮމިޝަނަށް ދިން ބަޔާނުގައި ފުށޫއެރުން ތަކެއް ހުރުމުން އެކަންވެސް އިތުރަށް ތަހުގީގު ކުރުމަށް އެދިފައިވެއެވެ. ހަމައެއާއެކު، އެ ކޮމިޝަންގެ ޑްރާފްޓް ރިޕޯޓުގައި މި ސާވިސްގެ ދެ ފުލުހުން ކަމަށްވާ އިބްރާހިމް ހަލީލް އާއި އަހުމަދު ހަމީދު އަބްދުއްރަހީމުގެ ނަން ފާހަގަ ކޮށްފައި ވަނީ އެފަރާތްތަކަކީ އެ ކޮމިޝަނަށް ބަޔާން ދިން ފަރާތްތަކެއް ކަމަށް ވާތީ ކަމަށް އަންގާފައި ވެއެވެ. އިބްރާހިމް ހަލީލް އާއި އަހުމަދު ހަމީދު އަބްދުއްރަހީމުގެ އެއްވެސް މައްސަލައެއް އޮތްކަމަށް އެ ކޮމިޝަނަށް ފާހަގަ ނުކުރެވޭކަމަށް ވަނީ އަންގާފައެވެ." ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.
ފުލުހުން ބުނީ ރިޟްވާން މާރާލި މައްސަލައަކީ މިހާރުވެސް މަރާލައިފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ތަހުގީގު ކުރަމުންދާ އެކޮމިޝަންގެ ހާއްސަ އިހްތިސާސްގެ ތެރޭގައި ހިމެނޭ ޖިނާއީ މައްސަލައަކަށް ވާތީއާ އަދި އެ މައްސަލާގައި ފުލުހުންގެ އޮފިސަރުން ތަކެއް ޝާމިލު ވާތީއާ އެ ކޮމިޝަނުން ކުރެވުނު ޖިނާޢީ ތަހުގީގުން ހެއްކާއި ގަރީނާތައް ހޯދައި މަޢުލޫމާތު އާންމު ކޮށްފައިވާ މައްސަލައަކަށް ވާތީ އެ މައްސަލައާ ގުޅިގެން ޖިނާއީ އިޖުރާއަތްތަކެއް އެ މުއައްސަސާއިން އަލުން ހިންގުމުގެ ކުރިން މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނަށް ފުލުހުންގެ މުއައްސަސާއިން ގުޅި ކަމަށެވެ.