އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާ ގަވައިދަށް އިހުތިރާމްކުރުން އާންމުން ހުއްޓާލާފައިވާކަމަށާ، އޭގެ ނަތީޖާއަކީ، ޓްރެފިކް މައްސަލަތަކަށް ދޭ އަދަބު ހަރުކަށިކުރުން ކަމަށް އިންޑިއާގެ ރޯޑް ޓްރާންސްޕޯޓް ހައިވޭޒް މިނިސްޓާ ނިތިން ގަދުކާރީ ވިދާޅުވެއްޖެއެވެ.

ގަދުކާރީ ވިދާޅުވީ ޓްރެފިކް ގާނޫނާ ގަވައިދުތަކާ ހިލާފުވާ މީހުންނަށް ދޭ އަދަބާ، ޖޫރިމަނާ ބޮޑުކޮށްފައިވަނީ މަގުމަތީގެ އެކްސިޑެންޓްތައް މަދުކޮށް، މީހުންގެ ފުރާނަ ސަލާމަތްކުރުމުގެ މަގުސަދުގައި ކަމަށެވެ.

އިންޑިއާގެ ހާލަތު ސިފަކުރައްވަމުން ގަދުކަރީ ވިދާޅުވީ މީހުންގެ ހިތްތަކުން ބިރުކެނޑި، ގާނޫނުތަކަށް ކުރަމުންދިޔަ އިހުތިރާމްވެސް ކެނޑިފައިވާކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި އަދަބުތައް ހަރުކަށިކޮށް ޖޫރިމަނާ ބޮޑުކުރަނީ ސަރުކާރަށް އާމްދަނީ އިތުރު ކުރަން ނޫންކަމަށާ، މަގުސަދަކީ ޓްރެފިކް ގަވައިދުތަކަށް މީހުންގެ ބޯ ލެންބުވުން ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ. ޖޫރިމަނާ ކުރާ ހާލަތްތަކުގައި ކުޑަ ފީއެއް ދައްކަލައިގެން ސަލާމަތްވެވިދާނެ ކަމަށް ހީވެފައި އޮތުމުން ގަވައިދުތަކަށް ކިޔަމަންވާ މީހަކު ނޫޅޭކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ގަދުކާރީ އިތުރަށް ވިދާޅުވީ، އިންޑިއާގައި އާންމުކޮށް އެކްސިޑެންޓް ހިނގާ ސަރަހައްދުތައް ފާހަގަކޮށް، މިކަން ހައްލު ކުރުމަށް ގިނަ އަދަދެއްގެ ފައިސާ ހަރަދުކުރަން ހަމެޖެހިފައިވާކަމަށެވެ.

އިންޑިއާގެ މަގުމަތީގެ އެކްސިޑެންޓްތަކުގެ ތަފާސް ހިސާބުތަކަށް އިޝާރާތް ކުރައްވަމުން ގަދުކާރީ ވިދާޅުވީ އަހަރެއްގެ މައްޗަށް 5 ލައްކައެއްހާ އެކްސިޑެންޓް ހިނގާ ކަމަށާ، މަގުމަތީގެ އެކްސިޑެންޓްތަކުގައި އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 1.5 ލައްކަ މީހުންގެ ފުރާނަ ގެއްލި، 2 ލައްކައެއްހާ މީހުން ނުކުޅެދޭ މީހުންނަށް ވެގެންދާ ކަމަށެވެ. އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ 65 ޕަސެންޓް މީހުންނަކީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހުންކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.