ކަޝްމީރުގެ އިންޑިއާއާއިވީ ފަޅީގެ ސޯފިއާން ޑިސްޓްރިކްޓްގެ ފަޅުވެފައިވާ މަގުތަކުން ހަލީމާ ދަތުތުރު ފެށީ ފަތިހުގެ އަނދިރިކަމުގެ ތެރެއިންނެވެ. މާޔޫސްކަމުގެ ވިންދުޖަހަމުންދިޔަ ހިތަކާއެކު، ކަޝްމީރުގެ މައި ސިޓީ ސްރީނަގަރުގެ މަރުކަޒީ ޖަލުގެ ކުރިމަތީގައި އޮތް ޕާކު ތެރޭގައި އޭނާ މަޑުކޮށްލިއެވެ.

އެގޮތުގައި 2 ގަޑިއިރު ފާއިތުވެއްޖެއެވެ. ހަލީމާ އަދިވެސް އިނީ ޕާކު ތެރޭގައެވެ. އޭނާގެ ބޮލު ތެރޭގައި ދައުރުވަމުންދިޔައީ ހަމަ އެންމެ ސުވާލެކެވެ. ހިތަށް އަރާ ފައިބަމުންދިޔައީވެސް ހަމަ އެ ސުވާލެވެ. އެއީ ޖަލުގެ ކުޑަ ގޮޅިއެއްގައި އިން އޭނާގެ ފިރިމީހާ ބަޝީރު އަހުމަދާ ބައްދަލުކުރުމުގެ ފުރުސަތު އޭނާއަށް ލިބިދާނެ ކަމާ މެދު އުފެދުނު ބޮޑު ސުވާލެވެ.

"އެހެންމީހުންނާއެކު އޭނާ ހައްޔަރުކުރިތާ 20 ދުވަސްވީ. އެކަން ކުރަން އެމީހުންނަކަށް ސަބަބެއް ބޭނުމެއް ނުވޭ. ނުވިތާކަށް ސުވާލެއް ކޮށްލުމުގެ ހައްގެއްވެސް އަހަރަމެންނަކަށް ނޯވޭ" އިންޑިއާގެ މައި ސަރުކާރުގެ ސަލާމަތީ ފިޔަވަޅުތަކަށް ހަލީމާ ވަރުގަދަ ހަމަލާއެއް ދިނެވެ.

މިއީ ހަލީމާގެ އެކަނި ހާލެއް ނޫނެވެ. ޕާކު ތެރޭގައި ހަލީމާ ފަދަ ކިތަންމެ މީހަކު ތިއްބެވެ. އާއިލާތައްވެސް އޮތެވެ.

"ފިރިމީހާ މަތިން ވަރަށް ހަނދާންވޭ. ޖަލުގައި އޭނާ އިންނަންޖެހޭނީ ކިހާ ދުވަހެއް ވަންދެން ކަމެއް ނޭނގޭ. އަހަރެއް، ދެ އަހަރެއްވެސް ވެދާނެ" އެކަނި މައި އެކަނި 4 ދަރިން ބަލަމުން އަންނަ ހަލީމާ، އޭނާގެ ފިރިމީހާއާއި ބައްދަލުކޮށްލަން އެދޭ މިންވަރު ބަޔާންކޮށްދިނެވެ.

ހައްޔަރުކުރުމާ އަޅުވެތިކަން

ހަލީމާގެ ވާހަކައަކީ، ކަނޑުއަޑިން އަރާފައިވާ މާ ސިންގާ ފަރުބަދައަކުން، އެއްގަމުގައި ހުންނަ އިރު ހަމަ ލޮލަށް ފެންނަ ކުޑަ ތަންކޮޅާ އެއް މިންވަރުގެ ވާހަކައެވެ. ފަރުބަދައިގެ ބޮޑުބައި ކަނޑުއަޑީގައި ގައިދުވެފައިވާ ފަދައިން، ކަޝްމީރުގެ މައްސަލަވެސް އޮތީ ގައިދުވެފައެވެ. ޖައްމުއާއި ކަޝްމީރަށް މިނިވަންކަން ލިއްބައިދިން މާއްދާ 370 އުވާލުމަށް އިންޑިއާގެ މައި ސަރުކާރުން މިދިޔަ މަހު އެޅި ފިޔަވަޅާއެކު ކަޝްމީރުން ހައްޔަރުކޮށްފައިވަނީ ކިހާ މީހުންނެއްކަން އަދިވެސް ކަށަވަރުކުރެވޭ ގޮތެއް ނުވެއެވެ.

މުޒާހަރާތަކެއް ކޮށްފާނެ ކަމުގެ ބިރަށްޓަކައި، މާއްދާ 370 އުވާލުމުގެ ކުރިން އިންޑިއާގެ ސަރުކާރުން ފިޔަވަޅުތަކެއް އެޅިއެވެ. މުވާސަލަތީ ހިދުމަތްތައް ކަނޑާލިއެވެ. އަސްކަރިއްޔާގެ ސިފައިންތަކުން މަގުމަތި ފުރާލިއެވެ. އެކްޓިވިސްޓުންނާ ސިޔާސީ ލީޑަރުން ހައްޔަރުކުރިއެވެ. މައި ސަރުކާރަށް ތާއީދުކުރި ސިޔާސީ ލީޑަރަކަށްވެސް މި ކަސްތޮޅުން ސަލާމަތެއް ނުވެވުނެވެ. އެމީހުންގެ ކުށަކަށްވީ ކަޝްމީރަށް ނިސްބަތްވުން ކަމުގައިވެސް ވެދާނެއެވެ.

އިންޑިއާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގައި ފޯރިމަރަނީ/ފޮޓޯ: ޝުއައިިބު ބަޝީރު

ކަޝްމީރުގެ މަސްރަހު އޮތީ އާންމު ހާލަތުގައި ކަމަށް އިންޑިއާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން އަޅަމުންދާ ހަރުކަށި ފިޔަވަޅުތަކާއެކުގައިވެސް ކަޝްމީރުގެ ރައްޔިތުން ދަނީ އެމީހުންގެ ހިތުގައި އަނދަމުންދާ ގިނިގަނޑު ބޭރުކުރަމުންކަން ލިބެމުންދާ މަދު ޚަބަރުތަކުންވެސް ސާބިތުވެއެވެ. އޯގަސްޓް 5 ވަނަ ދުވަހުން ފެށިގެން އަދާ ހަމައަށް އައިއިރު އޮއްގާ އުކުމުގެ 588 ހަރަކާތް ހިންގާފައިވާއިރު، މީގެ ތެރެއިން 458 މައްސަލަ ހިންގާފައިވަނީ ސްރީނަގަރުގައެވެ.

ރަސްމީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ އަދަދު 3500 އަށް އަރައެވެ. މީގެ ތެރެއިން 350 މީހުން ހައްޔަރުކޮށްފައިވަނީ ދިގު މުއްދަތުގައި ބަންދުގައި ބޭތިއްބުމަށް ބާރު ދޭ ގާނޫނެއްގެ ދަށުންނެވެ.

ކަޝްމީރުގެ ރައްޔިތުން ބާރުތަކާ ދެކޮޅަށް

ކަންމިހެން އޮތްއިރު ކަޝްމީރުގެ ރައްޔިތުން ދަނީ އެމީހުންގެ ކަށިން ހިތްވަރު ނެރެގެން ވަޒަނުގެ ދިފާއުގައި އެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. މިފަދަ އެންމެ އާދަޔާ ހިލާފު ހިތްވަރެއް ދައްކަމުން ދަނީ އަންޗާރު ނެއިބާހުޑުންނެވެ. އަންޗާރުގެ ރަށްވެހިން ދަނީ އިންޑިއާގެ ފުލުހުންނާ ޕެރާމިލިޓްރީ ފުލުހުން އެ ސަރަހައްދަށް ވަނަ ނުދީ ހިފަހައްޓަމުންނެވެ.

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައި އޮތެއް ކަމަކު، އެސަރަހައްދުގެ ރަށްވެހިންނަށް ބޭނުންވާ ސިއްހީ ބޭސްފަރުވާގެ ސާމާނުވެސް އެތެރެކުރަމުންދަނީ ވަގަށެވެ. ހަމަނުޖެހުމެއް ނުހިނގާ ކަމަށް އިންޑިއާގެ މައި ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، މީހުންގެ ހަށިގަނޑުން ވަޒަން ނަގާދޭ މީހުން އެބައުޅެވެ.

ނަމަވެސް މިއީ ބައެއް މީހުންގެ ހާލެވެ. އަނެއް ބަޔަކަށް ލޮލުފިޔަ ޖަހާލާނެ ހިތްވަރުވެސް ނުލިބިއެވެ. ވިޔަފާރިއެއް ނުހިނގައެވެ. ބޮޑެތި ބާޒާރުތައް އޮތީ ފަޅަށެވެ. ސްކޫލްތައް ހުޅުވުމަށް މައި ސަރުކާރުން އަމުރުނެރުނު ނަމަވެސް ސްކޫލްތައްވެސް އަދިވެސް އޮންނަނީ ހަމަ ފަޅަށެވެ.