ޔޫކްރައިންގެ އިރުމަތީ ވައިގެ ސަރަހައްދުން ދަތުރުކުރަމުން ދަނިކޮށް 2014 ވަނަ އަހަރު، މެލޭޝިއާ އެއާލަންއިންސް ފްލައިޓް އެމްއެޗް 17 ވައްޓާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މީހަކު ޖަލު ބަންދުން މިނިވަންކޮށްފިއެވެ.
މި ހާދިސާގައި ތުހުމަތު އަމާޒުވާ މީހުންގެ ޝަރީއަތް އަދި ފަށާފައި ނުވާއިރު، ޔޫކްރައިންގެ ކޯޓު އަމުރެއްގެ ދަށުން ޖަލު ބަންދުން މިނިވަން ކޮށްފައި ވަނީ ވޮލޮޑޮމީރު ޒީމާކް ނަމަކަށް ކީއާ މީހެކެވެ. އޭނާ މިނިވަންކޮށްފައިވަނީ ކަފާލާތުގެ ދަށުން ކަމަށް ޚަބަރު ލިބެއެވެ.
މެލޭޝިއާގެ ކުއާލަ ލަމްޕޫރުން ފުރައިގެން ނެދަލަންޑްސްގެ އެމްސްޓަޑޭމްއަށް ދަތުރުކުރަމުންދިޔަ އެމްއެޗް17 އަށް އެއްގަމު މަގުން ހަމަލާދީ ވައްޓާލި ހާދިސާގައި އެ ބޯޓުން ދަތުރުކުރި 298 މީހުންގެ ފުރާނަވަނީ ގެއްލިފައެވެ.
ކޯޓު އަމުރެއްގެ ދަށުން ޖަލު ބަންދުން މިނިވަންކޮށްފައިވަނީ ވޮލޮޑޮމީރު ޒީމާކްއަކީ އެމްއެޗް17 ވައްޓާލި ދުވަސްވަރު ރަޝިޔާގެ އެއްބާރުލުމާއެކު ޔޫކްރައިންއިން ވަކިވެގެ ގަތުމަށް މަސައްކަތްކުރަމުންދިޔަ ޖަމާއަތުގެ އެއާ ޑިފެންސް އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ މީހެކެވެ.
މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދަކަށް ވިލާތުގެ މީހުންގެ ހިމެނޭއިރު ވިލާތުގެ ސިޔާސީ މައިދާނުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ 40 އަކަށް ބޭފުޅުން ސޮއިކުރައްވާ، ޔޫކްރައިންގެ ރައީސްއަށް ވަނީ ސިޓީއެއްވެސް ފޮނުއްވާފައެވެ. މި ސިޓީގައި ބުނެފައިވަނީ، ވިލާތުން ކުރިއަށް ގެންދާ އެމްއެޗް17ެ ތަހުގީގަށް ވޮލޮޑޮމީރު ޒީމާކް ހާޒިރުކުރެވޭނެ ގޮތް ހައްދަވާދެއްވުމަށް އެދޭ ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ވޮލޮޑޮމީރު ޒީމާކް މިނިވަންކުރީތީ ވިލާތުގެ ތަހުގީގު ޓީމުންވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.
ފެތުރެމުންދާ ޚަބަރުތަކަށް ބަލާއިރު ވޮލޮޑޮމީރު ޒީމާކް މިނިވަންކޮށްފައިވަނީ ރަޝިޔާއާއިއެކު ޔޫކްރައިންއިން އެކުލަވާލި ގައިދީން ބަދަލުކުރުމުގެ މަޝްރޫއެއްގެ ތެރެއިން ކަމަށް ބުނާ ޚަބަރުތަކެއްވެސް އުޅެއެވެ. ކަންމިހެންއޮތްއިރު، އެމްއެޗް17 ވައްޓާލުމުގެ ހާދިސާއާއި ވޮލޮޑޮމީރު ޒީމާކްއާއި އޮތް ސީދާ ގުޅުމެއް، އަދާ ޖެހެންދެކަށްވެސް ކަށަވަރުކުރެވިފައެއް ނުވެއެވެ.