ކަޝްމީރުގެ މައްސަލައާއި ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރެއްވުމަށް، އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާއި ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރުން ޕާކިސްތާނަށް ވަޑައިގެންފިއެވެ.
ޔޫއޭއީގެ ހާރިޖީ ވަޒީރު ޝައިހު ޢަބްދުﷲ ބިން ޒައިދު ބިން ސުލްތޯން އަލް ނަހްޔާންއާއި ސައުދީ އަރަބިއްޔާގެ ހާރިޖީ ވަޒީރު އާދިލް ބިން އަހުމާދު އަލް-ޖުބައިރު ޕާކިސްތާނަށް ވަޑައިގެންނެވިކަން ކަށަވަރުކޮށްދެއްވަމުން ކުރެއްވި ޓްވީޓެއްގައި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވީ، ކަޝްމީރު ސަރަހައްދުގައި އިއުލާންކޮށްފައިވާ ކާފިއު ބާތިލުކުރުމަށް ވިލާތުގެ އިއްތިހާދާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާއި އިންޑިޕެންޑެންޓް ޕާމަނަންޓް ހިއުމަން ރައިޓްސް ކޮމިޝަން (އައިޕީއެޗްއާރްސީ)އިން ގޮވާލަމުންދާ މި ދަނޑިވަޅުގައި ކަޝްމީރުގެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިގެންދާނެ ކަމަށެވެ.
އަލް-ނަހްޔާނާ އަލް-ޖުބައިރުގެ ޕާކިސްތާނު ދަތުރުފުޅުގައި ޕާކިސްތާނުގެ ހާރިޖީ ވަޒީރުގެ އިތުރުން ބޮޑުވަޒީރު އިމްރާން ހާންއާއި އަސްކަރިއްޔާގެ އިސްވެރިޔާ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ގަމަރު ޖާވިދު ބަޖުވާއާއިއެކުގައިވެސް މަޝްވަރާކުރައްވަން ތާވަލުކުރެވުނު ކަމަށް ޚަބަރު ލިބެއެވެ.
އިމްރާން ހާންވަނީ ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާންއަށް ފޯނުން ގުޅުއްވައިގެން މިމައްސަލައާއި ބެހޭ މައުލޫމާތު އަރުވާފައެވެ.
ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ މިނިވަންކަމާ އިސްތިގުލާލާ އެސަރަހައްދުގެ ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތުން އިންޑިއާގެ މައި ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން، ޕާކިސްތާނު އޮތީ ކަޝްމީރާ އެކުގައިކަން ސާބިތުކޮށްދިނުމަށް އެ ގައުމުން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނަމަވެސް މިހާތަނާ ޖެހެންދެކަށް ހުރިހާ ގައުމަކުން ހެންވަނީ ޕާކިސްތާނުގެ ވާހަކަތަކަށް ބީރު ކަންފަތެއް ދީފައެވެ. އެގޮތުން ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށް ގިނަ ގައުމުތަކަކުން ބުނާއިރު، އަނެއް ބައި ގައުމުތަކުން ބުނަމުންދަނީ އެ މައްސަލައަކީ 3 ވަނަ ގައުމެއްގެ ބައިވެރިވުން ނެތި، އިންޑިއާއާއި ޕާކިސްތާނުން ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.