24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހަކު މިިދިޔަ ދައުރުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެންބަރު ކަމަށް އައްޔަން ކޮށްފައި ވާ ކަމަށް ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވެއްޖެއެވެ.

އެޗްއާރުސީއެމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅުއް ވަމުން ޖީހާން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރުންގެ ތެރޭގައި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ މުވައްޒަފެއްގެ ގޮތުގައި މަސައްކަތް ކުރި އިރު 24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައި ވާ މީހަކު ކޮމިޝަންގެ މެންބަރަކަށް އައްޔަން ކޮށްފައިވާ ކަމަށެވެ.

ޖީހާން ވިދާޅުވީ މިއީ ބަލައިގަނެވޭނެ ކަން ކަމެއް ނޫން ކަމަށާ، ކޮރަޕްޝަންގެ ބޮޑު މައްސަލައެއް ތުހުމަތު ކުރެވިފައި ވާ މެންބަރު ކޮމިޝަންގެ މެންބަރެއްގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެބޭފުޅާ ކޮމިޝަނަށް އައްޔަން ކުރި އިރު، އެ މައްސަލައިގައި އޭނާ މައްޗަށް ދައުވާ ކުރުމަށް މައްސަލަ ޕީޖީއަށް ފޮނުވިފައިވޭ. މިވަގުތުވެސް މިހާރުވެސް އެޗްއާރުސީއެމްގެ މެންބަރުންގެ ތެރޭގައި ޑިޒާސްޓާ މެނޭޖްމަންޓްގެ 24 މިލިއަން ރުފިޔާގެ ބޮޑު ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތު ކުރެވިފައި ވާ މީހަކު ކޮމިޝަންގެ މެންބަރަކަށް އައްޔަން ކުރެވިފައިވޭ. މިއީކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން،" ޖީހާން ވިދާޅުވިއެވެ.

24 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ ތުހުމަތު ކުރެވިފައި ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އެޗްއާރުސީއެމްގެ މެންބަރެއްގެ ގޮތުގައި އޮގަސްޓް 27، 2015 ގައި ކޮމިޝަނަށް އައްޔަން ކުރެއްވި މޫސާ އަލީ ކަލޭފާނަށެވެ. މޫސާ އަލީ ކަލޭފާނު ވަނީ، 2007 އިން 2010 އަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްކަން ކުރައްވާފައެވެ.

ޖީހާން ވިދާޅުވީ މިފަދަ ކަންކަމުން މިނިވަން މުއައްސަސާތައް ސަލާމަތް ކޮށްގެން ނޫނީ ތައައްސުބުން އެއްކިބާ ވެގެން ތިބެގެން، ނުފޫޒުން ސަލާމަތް ވެގެން ތިބެގެން ބިރު ނުގަނެ ފަސް ނުޖެހި މަސައްކަތް ކުރާ މިނިވަން މުއައްސަސާތަކެއް ނުފެންނާނެ ކަމަށެވެ.

މީގެ އިތުރުން އެޗްއާރުސީއެމްގެ ގާނޫނުގެ 13 ވަނަ މާއްދާއަށް ހުށަހަޅާ އިސްލާހެއްގެ ގޮތުން ސުލޫކީ މިންގަނޑު ތަކެއް ކަނޑައަޅާ އެ މިންގަނޑުތަކާ ހިލާފުވާ ފަރާތްތަކާ މެދު، ފިޔަވަޅު އެޅޭނޭ އޮނިގަނޑެއް ކަނޑައެޅުން މުހިންމު ކަމަށް ޖީހާން ވިދާޅުވިއެވެ. އަދި މީގެ އިތުރުން މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން ކޮމިޝަންގެ މެންބަރުން މަޖިލީހަށް ހާޒިރުވެ އަދި ޖަވާބުދާރީވާން މަޖުބޫރު ކުރުވާ އިޖާބީ ގޮތެއްގައި މަޖިލީހަށް އެއްބާރުލުން ދިނުން ހިމެނުން މުހިންމު ކަމަށް ޖީހާން ވިދާޅުވިއެވެ.

"އަޅުގަނޑަށް އެބަ ފާހަގަކުރެވޭ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް އެޗްއާރުސީއެމަށް ދައުވަތުދީ އެންގި އެއްވެސް ފަހަރެއްގައި ކޮމިޓީއަށް ހާޒިރުނުވާ ކޮމިޝަންގެ އެއް މެންބަރަކު އެބަހުންނެވި. އެހެންކަމުން މަޖިލީހުން އެދޭ ކަންކަމުގައި އިޖާބީ ގޮތެއްގައި ޖަވާބު ދިނުން ލާޒިމްކުރުން މުހިންމު،"
ޖީހާން

ނަމަވެސް އެއީ ކޮން މެންބަރެއް ކަމެއް ޖީހާން ވިދާޅެއް ނުވެއެވެ. އެޗްއާރުސީއެމްގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވުމުގެ ބިލަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުން ވަނީ އެ ކޮމިޝަންގެ ނަޒާހަތްތެރިކަމާ އަދި އެ ކޮމިޝަނުން ވަކި ފަރާތަކަށް ޖެހިފައި ވާކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި އެ ކޮމިޝަންގައި ކޮރަޕްޝަން ތުހުމަތު ކުރެވޭ މެންބަރަކު ހުރުމަކީ ކޮމިޝަން މިނިވަން ކަމާ އެކު މަސައްކަތް ކުރުމަށް އޮތް ހުރަހެއް ކަމަށް މެންބަރުން ވަނީ ވިދާޅުވެފައެވެ. އަދި މިހާރުން މިހާރަށް އެޗްއާރުސީއެމްގެ މެންބަރުން ވަކިކުރުމަށް މެންބަރުން ވަނީ ގޮވާލައްވައިފައެވެ.