ރާއްޖޭގައި ގާނޫނު ހަދާ މަޖިލީހުގައި އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކަޝްމީރުގެ މައްސަލާގައި ބަދަލުކުރެވިގެންދިޔަ ފަދަ ބަހުގެ ހޫނުގަދަ ހަމަލާތަކެއް، ސްރީލަންކާގެ ބައްދަލުވުމެއްގެ ތެރޭގައިވެސްމި ދެގައުމުން ބަދަލުކޮށްފިއެވެ.

ކަޝްމީރުގެ މައްސަލާގައި ޕާކިސްތާނުން މިފަހަރު އަޑުއުފުލީ، ޔުނިސެފްގެ ސައުތް އޭޝިއަން ޕާލަމެންޓޭރިއަން ކޮންފަރެންސް އޮން ޗިލްޑްރަން ރައިޓްސް ކޮންވެންޝަންގައެވެ. ވެރިރަށް ކޮޅުނބުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ޕާކިސްތާނުގެ ފަރާތުން ކަޝްމީރުގެ މައްސަލަ ފެންމަތިކުރިއިރު، އިންޑިއާގެ މަންދޫބު ގޯރާވް ގޮގޯއީވަނީ ޕާކިސްތާނުގެ ޑެލިގޭޝަނަށް ވަރުގަދަ ރައްދެއްވެސް ދެއްވާފައެވެ.

ޖައްމުއާއި ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަން ޕާކިސްތާނަށް ހަނދާންކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ގޮގޯއީ ވިދާޅުވީ، ޕާކިސްތާނުން ރިއާޔަތްކުރަންޖެހޭ ކަންތައްތަކެއް އެގައުމުގެ ތެރޭގައި އެބަހުރި ކަމަށާ، އޭގެ ތެރޭގައި އިންސާނީ ހައްގުތަކާ ގުޅުންހުރި މައްސަލަތަކާ، ބައިމަދު މީހުން އުފުލަމުންދާ ތަކުލީފުތަކުގެ މައްސަލަ އެބަހުރި ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނުންވެސް އެސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުންދާ ޖައްމުއާއި ކަޝްމީރުގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލި މައްސަލާގައި ޕާކިސްތާނުން ކަންބޮޑުވުންފާޅުކުރަމުންދާއިރު، ބައިނަލްއަގުވާމީ މައިދާނުގެ ސަމާލުކަމަށް މިމައްސަލަ ގެނެސް، މިއީ ބައިނަލްއަގުވާމީ ކަމެއް ކަމުގައި ހައްދާނެ ކަމަށް ޕާކިސްތާނުންވަނީ އިޝާރާތްކޮށްފައެވެ.