ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މުވައްޒަފުންނާއި މެންބަރުންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަން އެ ކޮމިޝަަންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެޗްއާރުސީއެމްގެ ގާނޫނަށް އިސްލާހު ހުށަހަޅުއްވަމުން، ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ ޖުމްލަ 20 އިސްލާހެއް ހިއުމަން ރައިޓްސް ކޮމިޝަންގެ ގާނޫނަށް ހުށަހަޅުއްވާ ފައިވާ ކަމަށާ، 20 އިސްލާހަކުން ހިއުމަން ރައިޓްސް ކޮމިޝަންގެ މިހާރު އޮތް ގާނޫނުގެ މަފްހޫމް ބަދަލުކުރެވޭނެ ކަމަށެވެ.

އަދި މި ގާނޫނުން ކޮމިޝަންގެ މެންބަރުންގެ އިތުރުން މުވައްޒަފުންނަކީ ވެސް ކޮމިޝަންގައި މަސައްކަތް ކުރާހާ ހިނދަކު މިނިވަން ކަމާއި ތައައްސުބުން އެއްކިބާވެ ތިބެ ވަކި މީހަކަށް ނުވަތަ ވަކި ބަޔަކަށް ނުވަތަ ވަކި ތަނަކަށް ފައިދާ ނުވާނޭހެން މަސައްކަތްކުރާނެ ބަޔަކަށް ހެދުމަށްޓަކައި އެ ގާނޫނުގެ ހަތެއް އަދި އަށް ވަނަ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮމިޝަންގެ ގާނޫނުގެ 12 ވަނަ މާއްދާ އަށް އިތުރުކުރެވޭ ނުކުތާއިން، ނުފޫޒުން އެއްކިބާވެ ތިބެގެން މަސައްކަތް ކުރުމަށް ކޮމިޝަންގެ މެންބަރުންނަށް ބާރު އެޅުމަށްޓަކައި އެޗްއާރުސީމްގެ މެންބަރުންނަކީ އެ މެންބަރުންގެ މާލީ ބަޔާން ހާމަކުރަން ޖެހޭ ފަރާތްތަކެއް ކަން މި އިސްލާހު ތަކުގައި ވެއެވެ.

"ކޮމިޓީގައި މަޝްވަރާ ކުރެވެމުންދާ އިރު، މި މާއްދާއަށް ހިމަނާލަން އެބަޖެހޭ އެއްވެސް ފަރާތަކަށް ނުހައްގު މަންފާއެއް ނުވަތަ ގެއްލުމެއްދޭން މަސައްކަތް ނުކުރާ ކޮމިޝަންގެ މެންބަރުންނަށް ބާރުއަޅާ ހިނދު މި މާއްދާއަކީ ކޮމިޝަންގެ މުވައްޒަފުންގެ މައްޗަށް ހިނގާ މާއްދާއަކަށް ހަދަންޖެހޭ. އެހެންކަމުން މާލީ ބަޔާން ހާމަކުރުމަކީި މިނިވަން މުއައްސަސާގެ އެންމެހާ މުވައްޒަފުން ވެސް ކުރަންޖެހޭނެ ކަމެއްކަން މި ގާނޫނުން ހުށަހަޅަންޖެހޭ،"
ޖީހާން

މީގެ އިތުރުން ކޮމިޝަންގެ މެންބަރުން އަމިއްލަ ވިޔަފާރި ނުވަތަ މަސްލަހަތު ފުށުއަރާ ފަދަަ އެހެނިހެން މަސައްކަތަކާއި ވަޒީފާ އަދާކުރުން ގާނޫނުން މަނާކުރުމާއި، ސުލޫކީ މިންގަނޑުތަކެއް ކޮމިޝަން ތަކުގައި ކަނޑައެޅި އެފަދަ ސުލޫކީ މިންގަނޑެއް އޮވެ އެއަށް މެންބަރުންނާ މުވައްޒަފުން އަމަލުކުރުން މަޖުބޫރުކުރުމަށް ވެސް ގާނޫނަށް ގެންނަ އިސްލާހުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މަޖިލީހުން ބޭނުން ވެއްޖެ ނަމަ ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުން ކޮމިޓީއަށް ހާޒިރު ކުރަން ލާޒިމް ކުރެވޭ ގޮތަށް ވެސް އެޗްއާރުސީއެމްގެ ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.