2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވާލްޑް ކަޕް މުބާރާތުގައި ބޭނުންކުރާ ލޯގޯ އާންމުކޮށް، ދައްކާލައިފިއެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވާލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ރަސްމީ ލޯގޯ ބަލާލުމަށް އިރާގުގެ ވެރިރަށް ބަގުދާދުގެ މައިދާނަކަށް އާންމުން ޖަމާވެފައި/ފޮޓޯ: އަހުމަދު އަލް-ރުބާޔީ

ގަތަރުގެ ވެރިރަށް ދޯހާގައި ރޭ ކުރިއަށްދިޔަ ހާއްސަ އިވެންޓެއްގައި މި ލޯގޯ ރަސްމީކޮށް އާންމުކޮށްފައިވާއިރު، ގަތަރުގެ މުހިންމު އެކި ބިނާތަކަށް، ޕްރޮޖެކްޝަންގެ އެހީގައިވަނީ މި ލޯގޯ އަޅުވާފައެވެ. މީގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުން 24 ސިޓީއެއްގައި އެއް ވަގުތެއްގައި މި ލޯގޯވަނީ ދައްކާލާފައެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވާލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ރަސްމީ ލޯގޯ ގަތަރުގެ ވެރިރަށް ދޯހާގެ އިމާރާތެއްގައި ދައްކާލަނީ/ފޮޓޯ: ސޯރީން ފުރުކޯއީ

މުބާރާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދޭ ގޮތުގައި މި ލޯގޯގައިވާ ބަނޑިތައް ރަމްޒުކޮށްދެނީ ގަތަރު އެ މަންޒިލަކަށް ހާއްސަވެފައިވާ ސަހަރާގެ ވެލިފަރުބަދަތަކެވެ. މެދުކެނޑުމެއްނެތި ދެމިގެންދާ ރޮނގަކުން ސިފަވާ '8' ރަމްޒުކޮށްދެނީ ވާލްޑް ކަޕްގެ މެޗުތައް ކުރިއަށްދާނެ 8 ސްޓޭޑިއަމްއެވެ. އަދި 'އިންފިނިޓީ' ރަމްޒުގެ ބައްޓަމަށް މި ލޯގޯ ފަރުމާކޮށްފައިވަނީ، މުބާރާތުގެ ގުޅިލާމެހިފައިވާ އެއްބައިވަންތަކަން ދައްކުވާދިނުމަށްކަމަށްވެސް މައުލޫމާތު ލިބެއެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވާލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ރަސްމީ ލޯގޯ ކުވައިތު ސިޓީގެ ކުވައިތު ޓަވާޒްގައި ދައްކާލަނީ/ފޮޓޯ: ޔާސިރު އަލް-ޒައްޔާތު

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށްދިޔަ ހާއްސަ އިވެންޓެއްގައި މި ލޯގޯ ދައްކާލުމާއެކު، ދުނިޔެ ދުށް މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާ އެމީހުންގެ ފޭނުންވަނީ ސޯޝަލް މީޑިއާގައި މި ލޯގޯ ހިއްސާކުރަން ފަށާފައެވެ.

2022 ވަނަ އަހަރު ގަތަރުގައި އޮންނަ ފީފާ ވާލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ރަސްމީ ލޯގޯ، ލުބްނާނުގެ ވެރިރަށް ބެއިރޫތުގެ މަޝްހޫރުގެ ޕިޖަންސް ރޮކް ސަރަހައްދުގައި ދައްކާލަނީ/ފޮޓޯ: އަންވަރު އަމްރޯ

2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވާލްޑް ކަޕް ފުޓުބޯޅަ މުބާރާތަކީ، އަރަބި ދުނިޔޭގެ ގައުމަކުން ހޮސްޓްކުރާ މިފަދަ ފުރަތަމަ މުބާރާތެވެ. 22 ވަނަ ވާލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ ގަތަރުގެ ގައުމީ ދުވަހުގެ މުނާސަބާއާއި ދިމާކޮށް، 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.