ޑިމޮކްރަސީގެ ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ޗޭނަށް އެންމެ ފަހުން އިތުރުވި ބޮޅަކީ ސޯޝަލް މީޑިއާކަން ދޭހަވާ ފަދަ މޭރުމަކުން ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވާހަކަފުޅު ދައްކަވައިފިއެވެ.
ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގެ ތަޅުމުގައި މިއަދު ހެނދުނު ވާހަކަފުޅު ދައްކަވަމުން ވިކްރަމަސިންހަ ވިދާޅުވީ، ދޮގު ޚަބަރު ފެތުރުމާ ނަފުރަތު އުފެއްދުމުގެ ވާހަކަތައް ފެތުރުމަކީ މިފަހަކަށް އައިސް ކުރިމަތިލާންޖެހިފައިވާ ބޮޑު ނުރައްކަލެއް ކަމަށެވެ.
ސޯޝަލް މީޑިއާއަކީ މިނިވަންކަމުގެ މެސެޖު ފެތުރުމުގެ ގާބިލުކަން ލިބިފައިވާ ވިއުގާއަކަށްވާ ފަދައިން، މިނިވަންކަން ނެތިކޮށްލާ ފަދަ ޝުއޫރާ ރޫހު އުފެއްދުމުގެ ގާބިލުކަން އެ ވިއުގާގެ ޒަރިއްޔާއިން ފަހިވެފައިކަމަށް ވިކްރަމަސިންހަ ވިދާޅުވިއެވެ.
އިންޓަނެޓްގެ ދުނިޔެއާއި ޑިމޮކްރަސީއަށް ބަލާއިރު ސޯޝަލް މީޑިއާއަކީ 1000 "ހިޓްލަރުން" އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ ވިއުގާއެއް ކަމަށްވެސް ސްރީލަންކާގެ ބޮޑުވަޒީރު ވަނީ ސިފަކުރައްވާފައެވެ. އެގޮތުން ޑިމޮކްރަސީގެ ތެރެއިން ޚަބަރު ފެތުރުމަށް ލިބުނު މިނިވަންކަމާ، މި މީޑިއަމް ބޭނުންކުރާ ފަރާތުގެ މައްޗަށް އޮތް ގާނޫނީ ޒިންމާގެ މެދުގައި ހަމަހަމަ ކަމެއް ގާއިމުކޮށް، ނުރައްކާ ނައްތާލެ ގޮތެއް ހޯދުމަކީ މިއަދު ދުނިޔެއަށް ކުރިމަތިލާންޖެހިފައިވާ ބޮޑު ސުވާލެއް ކަމަށްވެސް ވިކްރަމަސިންހަށް ވަނީ ވިދާޅުވެފައެވެ.
މިކަމަށް އޮތް އެންމެ ފަހުގެ ހައްލަކަށް ވެގެންދާނީ އިލްމު ލިބިފައިވާ މުޖުތަމައެއް ގާއިމުކުރުން ކަމަށާ، އެމުޖުތަމައަކީ އެމީހުންނަށް ލިބިފައިވާ މިނިވަންކަމުގެ އިތުރުން އިންޓަނެޓްއާއި ވެބްސައިޓްގެ ޒަރިއްޔާއިން ކުރިމަތިވެދާނެ ނުރައްކާތަކުގެ މައުލޫމާތު އެނގޭ ބަޔަކަށް ވާންޖެހޭ ކަމަށްވެސް ސްރީލަންކާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވިކްރަމަސިންހަ ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާގެ ޒަމާންވީ ގުޅުން އިތުރު ހަރުފަތްތަކަށް ގެންދިއުމާ ބެހޭ ގޮތުން އުއްމީދު އާ ކުރަނިވި ގިނަ ވާހަކަފުޅުތަކެއް ހިއްސާކުރައްވާފައެވެ.