ޖައްމުއާއި ކަޝްމީރުގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް އިންޑިއާގެ ގާނޫނު އަސާސީއަށް ގެނައި ބަދަލުގެ މައްސަލާގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ތެރެއިން، އިންޑިއާއާއި ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރާ ފުރަތަމަ ގައުމަކަށް ޕާކިސްތާނު ނުވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ލާހޯރުގައި ކުރިއަށްދިޔަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ، ނިއުކްލިއާ ހަތިޔާރު ބޭނުންކުރަން ފެށުމުގެ އިތުރުން، މިމައްސަލާގައި އިންޑިއާއާއި ދެކޮޅަށް އިސްވެ ހަނގުރާމައެއް ފަށާ ގައުމަކީވެސް ޕާކިސްތާނު ކަމުގައި ނުވާނެ ކަމަށެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ އިންޑިއާއާއި ޕާކިސްތާނަކީވެސް ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ 2 ގައުމު ކަމަށާ، ނުތަނަވަސްކަން އިތުރުވާންވެއްޖެނަމަ މަސްރަހު ވަރަށް ބޮޑަށް ނުރައްކާ ވެގެންދާނެ ކަމަށެވެ.

ޖައްމުއާއި ކަޝްމީރު ސްޓޭޓަށް ބާރު ލިބިދޭ މާއްދާ 370 އުވާލުމަށް އިންޑިއާ ސަރުކާރުން ނިންމުމުން ޕާކިސްތާނުގައި މުޒާހަރާ ކުރަނީ/ފޮޓޯ: އަޚުތަރު ސޫމްރޫ

ހަނގުރާމައިގެ ފިކުރަށް އިންކާރު ކުރައްވާ ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، ހަނގުރާމައަކީ އެއްވެސް މައްސަލައެއްގެ ހައްލު ކަމުގައި ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެފަދަ ވިސްނުމެއް ގެންގުޅޭ މީހަކީ ދެކޮޅުޖެހޭ މީހެއް ނޫންކަމަށްވެސް އިމްރާން ވަނީ ސިފަކުރައްވާފައެވެ. އެފަދަ މީހަކީ ދުނިޔޭގެ ތާރީހު ކިޔާލި މީހެއް ނޫންކަމަށާއި، މައްސަލައެއް ހައްލު ކުރަން ހަނގުރާމައެއް ފެށުމަކީ އަނެއް 4 މައްސަލައިގެ ފެށުން ކަމަށް އިމްރާން ވަނީ ސިފަކުރައްވާފައެވެ. ހަނގުރާމައިގެ އެހީގައި މައްސަލަ ހައްލުކުރަން އުޅެގެން، އެ ހަނގުރާމައެއްގައި އެބަޔަކަށް ނަސްރު ލިބުނު ކިތަންމެ ބަޔަކު ފަހުން ނާކާމިޔާބުވެގެން ގޮސްފައިވާކަން އިމްރާން ވަނީ ފާހަގަކުރައްވާފައެވެ.

ކަންމިހެން އޮތް ނަމަވެސް، ޖައްމުއާއި ކަޝްމީރުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުއްލަވާނެކަމުގެ ޔަގީންކަން އިމްރާން ވަނީ ދެއްވާފައެވެ. ކަޝްމީރުގައި މިހާރު ކަން ހިނގަމުންދާ ގޮތަށް ބަލާއިރު، އެއީ އިންސާނިއްޔަތުކަމުގެ މިންވަރެއްވެސް އެމީހެއްގެ ހަށިގަނޑުގައި ދައުރުވާ މީހެއް ނަމަ، ހިމޭނުން ހުރެވޭނެ ހާލަތެއް ނޫންކަމަށް އިމްރާން ވަނީ ސިފަކުރައްވާފައެވެ. 27 ދުވަސް ވަންދެން، 8 މިލިއަން މީހުން ގައިދީންގެ ގޮތުގައި ބައިތިއްބައިގެން ތިބުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އިމްރާންވަނީ ވިދާޅުވެފައެވެ. ކަޝްމީރުގެ ރައްޔިތުންނަކީ މުސްލިމުން ނޫންކަމުގައި ވީ ނަމަވެސް ހަމަ މިމޭރުމުން އަޑު އުފުއްލަވާނެ ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

ކަޝްމީރުގެ މައްސަލާގައި އިމްރާން ގެންދަވަނީ ބައިނަލްއަގުވާމީ ސަމާލުކަން އެކަމަށް ހުއްޓުވާލުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ޗައިނާގެ އެހީތެރިކަމާއެކު، ޕާކިސްތާނުންވަނީ ކަޝްމީރުގެ މައްސަލަ އދގެ ސަލާމަތީ މަޖިލީހަށް ވައްދާފައެވެ. އަދި މިމަހު އޮންނަ އދގެ މެމްބަރު ގައުމުތަކުގެ އަހަރީ އާންމު ޖަލްސާގެ އިސްވެރިންގެ ބައްދަލުވުމުގައި، ގަދަ ބާރުންވިއަސް ކަޝްމީރުގެ މައްސަލަ ނަންގާނެ ކަމަށް ޕާކިސްތާނުން ވަނީ އިންޒާރުކޮށްފައެވެ.