ކަރުތާރުޕޫރު ކޮރިޑޯ ގާއިމުކުރުމާއި ގުޅޭ ގޮތުން އިންޑިއާއާއި ޕާކިސްތާނާ ދެމެދު މިމަހުގެ 4 ވަނަ ދުވަހު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

މިއީ ކަރުތާރުޕޫރު ކޮރިޑޯ ގާއިމުކުރުމާ ގުޅޭ ގޮތުން މި ދެ ގައުމުގެ މެދުގައި ކުރިއަށްގެންދާ ތިންވަނަ ބުރުގެ މަޝްވަރާތަކެވެ.

ޕާކިސްތާނުގެ ހުށަހެޅުމަށް އިންޑިއާއިން އިޖާބަ ދީފައިވާއިރު، ތިންވަނަ ބުރުގެ މަޝްވަރާތައް ކުރިއަށްދާނީ މި ދެ ގައުމު ހިއްސާކުރާ ސަރަހައްދީ އިމުގެ އިންޑިއާއާއި ވީ ފަޅީގެ ވަގަހުގައި ކަމަށް ޚަބަރު ލިބެއެވެ.

މިމަޝްވަރާތަކާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކުން ހާމަކުރި ގޮތުގައި، ސެޕްޓެމްބަރު 4 ވަނަ ދުވަހުގެ މަޝްވަރާތަކަކީ ކަރުތާރުޕޫރު ކޮރިޑޯގެ އެއްބަސްވުން ފައިނަލްކުރާނެ ބައްދަލުވުން ކަމަށާއި، އެއަށްފަހު ދެން ކުރިއަށްދާނީ، މިދިޔަ ޖުލައި މަހު ޕާކިސްތާނުން އެއްބަސްވެފައިވާ ވަގުތީ މަގު އަޅާނެ ސަރަހައްދެއް ނިންމުމުގެ ފަންނީ ފެންވަރުގެ މަޝްވަރާތަކެއް ކަމަށެވެ.

ކަރުތާރުޕޫރު ކޮރިޑޯއަކީ އިންޑިއާގައި ދިރިއުޅޭ ސިކުންގެ ދީނީ ގަބޫލުކުރުންތަކަކާ ގުޅިފައިވާ ފައްޅިއަކަށް ދިއުމަށް އެމީހުންނަށް ބޭނުންޖެހިފައިވާ މަގެއް ކަމަށްވެއެވެ. މި މަގު ގާއިމުކުރުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ރުހުން ދެއްވާފައި ވަނީ، މިއީ އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ހަތަރުވެރިކަމާއި، ހީނަރު ގުޅުން ހެޔޮ ފާލަކަށް އެޅިދިއުމަށް ތަނަވަސްވެގެންދާނެ ފުރުސަތެއް ކަމަށް ވިދާޅުވަމުންނެވެ. ނަމަވެސް އިންޑިއާއިން ބުނަމުންދަނީ މިއީ މުޅިން ވަކި ކަމެއް ކަމަށެވެ.