ހަށިގަނޑު އޭގެ އެންމެ ނާޒުކު ހާލުގައިވާ ވަގުތަކީ އޭގައި ތެތްކަން އެކުލެވޭ ވަގުތެވެ. މި ވަގުތު ހަށިގަނޑުގައި އެންމެ ފުރަތަމަ ޖެހޭ އެއްޗަކަށް ވާނީ ތުވާއްޔެވެ. އެހެންކަމުން، ތުވާއްޔަކީ، ހީކުރެވިފަ އޮތް ވަރަށްވުރެ ހާއްސަ ސަމާލުކަމެއް ދޭންޖެހޭ އެއްޗެކަށްވެއްޖެއެވެ. އެންމެ ރަނގަޅު ތުވާއްޔަކީ ހަމައެކަނި ފެން ހިކާލަދޭ ތުވާއްޔެއް ނޫނެވެ. އެ ތުވާއްޔަކީ، ހަށިގަނޑާ ހަންގަނޑަށް ހިމާޔަތާ ރައްކާތެރިކަން ގެނެސްދީ، ހަމުގައިވާ ގުދުރަތީ ތެތްކަން ހިފަހައްޓާދޭ ތުވާއްޔަކަށްވެސް ވާންވާނެއެވެ.

ފެންވަރައިގެން ފެން ހިއްކާލުމަށް މިފަދަ ތުވާއްޔެއް ހޯދުމުގައި ބަލަންޖެހޭ ކަންތައްތަކެއްވެސް ހުރެއެވެ.

1. މެޓީރިއަލް / ފޭރާން

އަޑުއިވިފައި އޮންނަ ގޮތުގައި އެންމެ ރަނގަޅު ފޭރާން ނުވަތަ މެޓީރިއަލްއަކީ މިސްރު ކަފާއި ތުރުކީ ކަފައިން އުފައްދާ ކޮޓަން ފޭރާމެވެ. މިއީ ފައިބަރުން މުއްސަނދިވެފައިވާ އަގުބޮޑު ފޭރާމެކެވެ. ނަމަވެސް، ތުވާއްޔެއްގެ ފުރިހަމަ މަގުސަދުގެ ނަޒަރިއްޔާއިން ބަލާއިރު، މި ފިކުރު ބަދަލުކުރަންޖެހެއެވެ. މުހިންމީ އަގުބޮޑު ތުވާއްޔެއް ގަތުމެއް ނޫނެވެ. ތުވާލި ގަތުމުގައި ސަމާލުކަން ދޭންވީ 100 ޕަސެންޓް ކޮޓަން ތުވާއްޔެއް ގަތުމަށެވެ. އެއީ ކޮންމެހެން ނުވަތަ ތުރުކީ ނުވަތަ މިސްރު ކޮޓަންއަށް ވާކަށް ނުޖެހެއެވެ. 100 ޕެސެންޓް ކޮޓަން ތުވާއްޔަކީ އޭގެ ތެރެއަށް ފަސޭހައިން ފެން ދަމާލެވޭ، އަދި ފަސޭހައިން އެ ތުވާލި ހިއްކާލެވޭ ތުވާއްޔެކެވެ.

ފާހާނައެއްގެ ތެރޭގައި ބަހައްޓާފައި ހުރި ތުވާލިތަކެއް/ފޮޓޯ: ރިޓްޒްކާލްޓަންޝޮޕްސް

2. ފައިބާ

މިއީ ތުވާލީގެ އެންމެ މުހިންމު މަސްދަރެވެ. ތުވާއްޔެއް ގަތުމުގައި ސަމާލުކަން ދޭންވީ ފައިބަރުގެ ކޮލިޓީއަށެވެ. އާންމު ފިހާރަތަކުން ގަންނަން ލިބެން ހުންނަ ގިނަ ތުވާއްޔަކީ ޝޯޓް-ސްޓޭޕަލް ފައިބަރުން އުފައްދާފައިވާ ތުވާއްޔެވެ. މިއީ ޖީބަށް ލުޔެއް ކަމަކު، އޭގައި އޮމާންކަމެއް ނުހުންނަ ތުވާލިތަކެކެވެ. ހަމައެހެންމެ، މިފަދަ ތުވާލިތައް ހަލާކުވާލެއްވެސް އަވަހެވެ. އެހެންކަމުން، ތުވާލި ގަންނައިރު ބަލަންވީ ލޯންގް-ސްޓޭޕަލް ފައިބަރު ބޭނުންކޮށްފައިވާ ތުވާލި ގަތުމަށެވެ. އެއިރުން ގިނަ ދުވަސްތަކެއް ވަންދެން އާ ކަންމަތީ ތުވާލި އޮންނާނެއެވެ.

3. ބަރުދަން

ތުވާލީގެ ބަރުދަނަކީ ގިނަ މީހުންނަށް ސަމާލުކަން ދެވޭ އެއްޗަކަށް އޮންނަނީ ނުވެފައެވެ. ތުވާލީގެ ބަރުދަން ޖަހާފައި ހުންނާނީ ޖީއެސްއެމް ރޭޓުންނެވެ. އެއީ ގްރާމްސް ޕާ ސްކޮއާ މީޓަރު ނުވަތަ ކޮންމެ އަކަ މީޓަރަކަށް ގުރާމެއްގެ ރޭޓުންނެވެ. 300-400 ޖީއެސްއެމް ތުވާއްޔަކީ ލުއި ތުވާލިތަކެކެވެ. މިއީ ޖިމަށް ދާއިރު ބޭނުންކުރަން ރަނގަޅު، ފަސޭހައިން ތުވާލި ހިއްކާލެވޭ ޒާތުގެ ތުވާއްޔެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި، އާންމު ދިރިއުޅުމުގައި ފެން ހިއްކާލަން އެންމެ ރަނގަޅު ވަރަކީ 400-600 ޖީއެސްއެމް ތުވާއްޔެވެ. މީގެ އިތުރުން 600-900 ޖީއެސްއެމް ތުވާލިވެސް ހުރެއެވެ. މިއީ ތުވާލިތަކުގެ ރަސްގެފާނެވެ. ނަމަވެސް، މިފަދަ ތުވާލި ބޭނުންކުރުމަށްފަހު ހިއްކަން ވަރަށް އުނދަގޫވާނެއެވެ.

4. ސައިޒު

ތުވާއްޔެއް ގަންނައިރު އޭގެ ސައިޒަށްވެސް ބަލަންވާނެއެވެ. ފެންވަރައިގެން ގައި ހިއްކުމަށް އާންމުކޮށް ތުވާލި ހައްދާފައި ހުންނަނީ 27 އިންޗި ފުޅާ 52 އިންޗި ދިގު މިނަށް ބަލައިގެންނެވެ. މީގެ އިތުރުން ފުޅާ މިނުގައި 30 އިންޗި އަދި ދިގު މިނުގައި 50 އިންޗި ހުންނަ ވައްތަރުގެ ތުވާލިވެސް ހުރެއެވެ. ތުވާލީގެ ސައިޒް އިހުތިޔާރު ކުރުމުގައި ބަލަންވީ އެމީހަކު ތުވާލި ބޭނުންކުރާ ގޮތެކެވެ. ބައެއް މީހުންނަކީ ފެންވަރައިގެން ބާތްރޯބެއްލައިގެން ބޮލުގައި ތުވާލި އޮޅައިގެން ތިބޭ ބަޔަކަށްވާއިރު، އަނެއްބައި މީހުންނަކީ ފެންވަރައިގެން ގައިގައި ތުވާލި އޮޅާ މީހުންނެވެ. އެހެންކަމުން ތުވާލި ގަތުމުގައި އެމީހަކު ހިޔާރު ކުރާނެ ސައިޒެއް އެމީހަކު ހިޔާރު ކުރާށެވެ. ބޭނުންނަމަ ބޮލުގައި އޮޅަން ވަކި ތުވާއްޔެއް، އަދި ގައިގައި އޮޅަން ވަކި ތުވާއްޔެއްވެސް ގަންނަންވީއެވެ.

ކިތަންމެ ރަނގަޅު ތުވާއްޔެއް ގަތެއް ކަމަކު، ރަނގަޅަށް އެތުވާލި ނުބަލަހައްޓައިފިނަމަ ފައިދާ ލިބުން ދުރެވެ. އެހެންކަމުން، އެތުވާއްޔެއް އުފެއްދި ފަރާތުން އޭގައި ޖަހާފައިވާ އިރުޝާދުތައް ރަނގަޅާ ކިއާ، ތުވާލި ދޮވެ ސާފުކޮށް، ހިއްކުމުގައި އެގޮތަށް އަމަލުކުރުން ބުއްދިވެރިވާނެއެވެ.