ސިނގިރޭޓަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެއް ކަން އެންމެންވެސް ދަނެއެވެ. އެކަމަކު އެ އާދަ ކަނޑުވާލުމަށް ގިނަ މީހުން ތިބީ ނުކުޅެދިފައެވެ. ކަންމިހެން އޮއްވާ، ސިނގިރޭޓު ބުއިމުގެ އާދައާއި ދުރުވުމަށް ގިނަ މީހުންނަށް ލިބުނު ހިތްވަރަކަށް ވީ ވޭޕްކުރުމުގެ އާދަ އާންމުވެގެންދިޔަ ދިއުމެވެ. މި އަވާގައި ޖެހުނު ޒުވާނުންނާ ފުރާވަރު އުމުރުގެ ކުދިންގެ އަދަދު އިތުރުވެގެންދިޔައީ ގުނާވެސް ނުލެވޭހާ ހަލުވި މިނެއްގައެވެ. ވޭޕްކުރުމަކީ ބެލެނިވެރިންނަށްވެސް މައްސަލައަކަށް ނުވާ ކަހަލައެވެ. ނަމަވެސް މި ދެކަމަކީ ހަށިގަނޑަށް އިންތިހާ ގެއްލުން ދެނިވި ކަމެއްކަން މިހާރު މިވަނީ ސާބިތުވާން ފަށާފައެވެ.

ވޭޕްކުރުމުގެ ސަބަބުން ފުއްޕާމެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، އެ ބަލީގައި މި ދުނިޔެ ދޫކުރާ ޒުވާނުން އިތުރުވާ ޚަބަރު ފެންމަތިވިއިރު، ވޭޕްކުރުމުގެ މަސްތުގައި ޖެހިފައި ތިބި މީހުންނަށް އެ ކަށިގަނޑު އަތުން ދޫކޮށްލަން މިވަނީ ދަތިވެފައެވެ. ނަމަވެސް، މިއީވެސް ކަނޑުވާ ނުލެވޭނެ އާދައެއް ނޫނެވެ.

މާޔޯ ކްލިނިކް ނިކޮޓީން ޑިޕެންޑެންސް ސެންޓާގެ ޑައިރެކްޓާ އަދި މާޔޯ ކްލިނިކް ކޮލެޖް އޮފް މެޑިސިންގެ ޕްރޮފެސާ ޑރ ޖޭ ޓޭލާ ހޭޒް ވިދާޅުވާ ގޮތުގައި ވޭޕްކުރުމުގެ އާދައާއި ވަރަށް ފަސޭއިން ދުރުވެވިދާނެ 5 ފިޔަވަޅެއް އެޅެން އެބައޮތެވެ.

1. ކަސްރަތު ކުރުން

ޑރ ހޭޒް ވިދާޅުވާ ގޮތުގައި ވަކި އެއްޗެއް ކާހިތްވެގެން ނުވަތަ ބޯހިތްވެގެން އުޅޭ ވަގުތެއްގައި އެ އިހުސާސް ކަނޑުވާލުމަށް އޮތް އެންމެ އިތުބާރު ބޮޑު ގޮތަކީ ޖިސްމާނީ ހެލިފެލިވުމެވެ. ސިކުނޑި ހަމަޖައްސާލުމަށް ނޮކޮޓީންއަށް ބަރޯސާވުމުގެ ބަދަލުގައި، ޖިސްމާނީ ހަރަކާތްތަކަކުންވެސް ސިކުނޑިއަށް އެ އިހުސާސް ގެނެސްދެވިދާނެއެވެ. ކަސްރަތުކުރުމަކީ ސިކުނޑިއަށް އުފާވެރިކަން ގެނެސްދޭ އެންޑޯފީން ބޫސްޓަރެކެވެ.

މީގެ މާނައަކީ ކޮންމެހެން ޖިމްއަކަށް ގޮސް، ގަޑި ދެގަޑިއިރު ވަންދެން ބަރު ކަސްރަތު ކުރަންޖެހޭ ވާހަކައެއް ނޫނެވެ. ކުޑަ ތަންކޮޅަކަށް ހިނގާލައިގެންވެސް މިކަން ހަމަޖައްސާލެވެން އެބައޮތެވެ. ޖާގައެއް އޮތްނަމަ، ފައިގަތަޅާ ކުޅެލައިގެން ނުވަތަ ކުރިކެޓް ކުޅޭއިރު ބެޓްކުރާ ގޮތަށް ފާރެއްގައި ބޯޅަޖަހާ ބެޓްކޮށްގެންވެސް މިކަން ކުރެވިދާނެއެވެ.

2. ސަމާލުކަން ބަދަލުކޮށްލުން

ދެތިން މިނެޓަކު ހިފަހައްޓާލައިފިނަމަ ވޭޕްކުރުމަށް ފެންބޮވައިގަތް ގަތުން އިސާހިތަކު ކެނޑިދާނެއެވެ. މިކަމުގައި އޮތީ ގަސްތަކާއެކު އެހެންކަމަކަށް ސިކުނޑީގެ ސަމާލުކަން ބަދަލުކޮށްލުމެވެ. އެއިރުން ވޭޕްކުރުމަށް ކަރުހިއްކައިގަތްފައިވާކަން ހަނދާން ނައްތާލެވޭލެއް އަވަސްވެއެވެ.

ޑރ ހޭޒް ވިދާޅުވާ ގޮތުގައި، މި ދެތިން މިނެޓެއްހާއިރު ސިކުނޑީގެ ސަމާލުކަން ދަމައިގަންނާނެ ކޮންމެވެސް އެހެން ކަމެއް ހޯދާށެވެ. އެއީ މީހެއްގެ ބްލޮގެއް ކިއާލުން، ގޭމެއް ކުޅެލުން، ޕަޒަލްއެއް ރާވަލުން ނުވަތަ ކަރުދާސް ކޮޅެއްގައި އެކި ކޮޅުކޮޅަށް ކޮންމެވެސް އެއްޗެއް ކުރާހަލުން ފަދަ ކަމަކަށްވެސް ވެދާނެއެވެ.

3. ހިތްވަރުލިބޭ ވެއްޓެއް ގާއިމުކުރުން

މިއީ ކޮންމެހެންވެސް ކުރަންޖެހޭ ކަމަކެވެ. ވޭޕްކުރުމަށް ހިތްވަރު ދޭ ހެން ހީވާ ހުރިހާ އެއްޗަކުން އެމީހަކު ދިރިއުޅޭ ތަން ސާފުކުރަންޖެހެއެވެ. ވޭޕް ކުރުމުގެ ހަނދާންތައް އާކޮށްދޭ އެއްޗިއްސާ ދުރުވާންޖެހެއެވެ. އަދި އެކުގައި އުޅޭ މީހުންނަކީ މިކަމުގެ އަވާގައި ޖެހިފައި ތިބި މީހުންކަމަށް ވާނަމަ، ތިބާ އެ އާދައާއި ދުރުވާން މަސައްކަތްކުރާކަން އެމީހުންނަށް އަންގާފައި ބާއްވާށެވެ. އެކަމަށް ހިތްވަރު ނުދިނުމަށް އެދޭށެވެ.

4. ސްޓްރެސް ފިލުވާލުން

ބައެއް މީހުން ވޭޕްކުރަނީ "ސަޅި" ނުވަތަ "ކޫލް" ކަމަކަށް ވެގެން ކަމަށްވީ ނަމަވެސް، ވޭޕްކުރާ ގިނަ މީހުން އެކަން ކުރަނީ ސްޓްރެސް ނުވަތަ ހާސްކަމާ ނުތަނަވަސްކަން ފިލުވާލުމަށެވެ. ނަމަވެސް މިގޮތަށް މިކަން ކުރުމަކީ ހަލާކުވެފައި ތަނެއްގައި ބޭސް ނުޖަހާ މަލަން-ޓޭޕު ކޮޅެއް އަޅާލުން ކަހަލަ ކަމެއްކަމަށް ޑރ ހޭޒް ވަނީ ސިފަކުރައްކުރައްވާފައެވެ.

ސްޓްރެސް ފިލުވާލާނެ އެހެން ގޮތްތަކެއް ހޯދަންޖެހެއެވެ. އެގޮތުން ފުންކޮށް ނޭވާލައިގެން ކުރާ ނޭވާގެ ކަސްރަތުތައް ދަސްކުރުމާ، ފެންބުއިމާ، ރަހުމަތްތެރިއަކާ ވާހަކަ ދައްކާ ލުމަކީ ކުރެވިދާނެ ކަންކަމެވެ. މީގެ އިތުރުން ހެއްދެވި ފަރާތް ހަނދުމަކޮށް، ގިނަގިނައިން އަޅުކަމުގައި ޝާމިލުވެ އުޅުމަކީވެސް ހާސްކަމާ ނުތަނަވަސްކަމާ ދުރުކޮށްދޭ ކަމެއްކަން ހަނދާނުގައި ބަހައްޓާ، ކަށީގައި އެކަން ހަރުލައްވަން އާދަކުރަން ވާނެއެވެ.

5. ކާމިޔާބީ ފާހަގަކުރުން

ހާސިލުވަމުންދާ ކާމިޔާބީ ދެނެގަނެ، އެކަން ފާހަގަކުރުމަކީ ވޭޕްކުރުމަށް ހިފާފައިވާ އާދަ ކަނޑުވާލުމަށް އެހީވެދޭ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ފަށައިގަންނަ ދުވަސްކޮޅު، މަދު ގަޑިއިރު ކޮޅެއް ވަންދެން ވޭޕްނުކޮށް ހުރެވުމަކީވެސް ކާމިޔާބީއެއް ކަމުގައި ދެކި، އެކަންވެސް ފާހަގަކުރާށެވެ. ދުންފަތާ އެ ޒާތުގެ އެހެނިހެން އުފެއްދުންތަކާ ދުރުގާ ހޭދަވާ ކޮންމެ ވަގުތުކޮޅަކީ ހަގީގަތުގައިވެސް ބޮޑު ކާމިޔާބީއެކެވެ. ހިތުގެ އަޑިން އެކަން ގަބޫލުކުރާށެވެ.

މި މަރުހަލާތަކުގެ ތެރެއިން ވޭޕްކުރުމުގެ އާދަ ކަނޑުވާލި ބައެއް މީހުން ބުނާ ގޮތުގައި، މުޅިން ހުއްޓާލާނެ ވަކި ތާރީހެއް ކަނޑައެޅުން އެދެވިގެނެއް ނުވެއެވެ. ގިނަ ފަހަރަށް އޮންނާނީ ހުއްޓާލާނެ ވަކި ތާރީހެއް ކަނޑައަޅަންވެސް ނުކުޅެދިފައެވެ. އެ ތާރީހަށް އެކަން ނުވެއްޖެނަމަ މާޔޫސްވާ މިންވަރު އިތުރުވުންވެސް އެކަށީގެންވެއެވެ.

މީގެ އިތުރުން، ހަފާލާނެ ކޮންމެވެސް އެއްޗެއް އިހުތިޔާރުކުރާށެވެ. ކޮންމެވެސް ޒާތެއްގެ އޮށެއް ނޫނީ ބަދަން ކޮޅެއް ހިޔާރުކުރާށެވެ. އަދި ޖާނަލްއެއްގެ ސިފާގައި ތަޖުރިބާތައް ލިޔަމުންދާށެވެ.