ފުރާވަރު އުމުރުގެ ކުދިން ޑިޕްރެޝަން ނުވަތަ އިންތިހާ މާޔޫސް ކަމުގެ ތެރެއަށް ދަނީ ލުއިކާނާގެ ސަބަބުން ކަމަށް ދިރާސާއަކުން ބާރުދީފިއެވެ.

ބާމިންގްހަމްގެ ޔުނިވާސިޓީ އޮފް އެލަބާމާގައި 84 ކުއްޖަކު ބައިވެރިކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއަކުން މިކަން ވަނީ ޔަގީނާ ގާތަށް ކަށަވަރުކުރެވިފައެވެ. ދޮޅު އަހަރެއްހާ ދުވަހަށް ދެމިގެންދިޔަ މި ދިރާސާ ފެށުނު ދުވަސްވަރު މިކުދިންގެ ކުޑަކަމުދާ ތަކެތި ތަހުލީލުކުރިއެވެ. އެގޮތުން ކުޑަކަމުދާ ތަކެތީގައި ސޯޑިއަމްއާއި ޕޮޓޭސިއަމްގެ އަސަރު ހުރި ނެތް މިންވަރު ވަޒަންކުރިއެވެ.

ކުޑަކަމުދާ ތަކެތީގައި ސޯޑިއަމް އެކުލެވޭ މިންވަރު އިތުރުވުމުން ދެހަކޮށްދެނީ އެކުއްޖަކީ، ލޮނުކަން ގަދަ ތައްޔާރީ ކާނާތަކަށް ބަރޯސާވެފައިވާ ކުއްޖެއް ކަމެވެ. ޕޮޓޭސިއަމްގެ މާއްދާ އިތުރު ނަމަ، އެއިން އަންގައިދެނީ އެކުދިންނަކީ މޭވާއާއި ތަރުކާރީ ކެއުމަށް އާދަވެފައިވާ ކުދިންކަމެވެ.

ކުޑަކަމުދާ ތަކެތި ތަހުލީލު ކުރުމުގެ އިތުރުން، އެކުދިން މާޔޫސްވެފައިވާ މިންވަރު ވަޒަން ކުރުމަށް ޗާޓެއް ދިނެވެ. 1 އިން ފެށިގެން 4 އަށް ނަމްބަރު ޖަހާފައިވާ މި ޗާޓުގައި 4 ރަމުޒުކޮށްދެނީ އިންތިހާ މާޔޫސްކަމެވެ.

ދިރާސާގައި ބައިވެރިކުރި ހުރިހާ ކުދިންނަކީވެސް ފުރާވަރު އުމުރުގެ ކުދިންނެވެ. އަދި މިކުދިން ނިސްބަތްވަނީ މުޖުތަމައުގެ ދަށް ފަންތީގެ އާއިލާތަކަށެވެ.

ދޮޅު އަހަރު ދުވަށްފަހު މިކުދިންގެ ކުޑަކަމުދާތަކެތި ޓެސްޓުކުރިއެވެ. އަދި ކުރިއެކޭ އެއްގޮތަށް ޕޮޓޭސިއަމްއާއި ސޯޑިއަމް އެކުލެވޭ މިންވަރު ވަޒަންކުރިއެވެ. އަދި މާޔޫސްވެފައިވާ މިންވަރު ބެލުމަށް ޗާޓެއް ދިނެވެ.

ކުޑަކަމުދާ ތަކެތީގެ ތަހުލީލާ، ކުދިން ފާހަގަޖެހި މާޔޫސްކަމުގެ ޗާޓު އަޅާ ބަލާ، ނަތީޖާ ނިކުތް ގޮތަށް ބަލާއިރު، ކުޑަކަމުދާތަކެތީގައި ސޯޑިއަމް އެކުލެވުނު މިންވަރު މަތިވި ކުދިން މާޔޫސްވި މިންވަރު އިތުރުކަމަށް ވަނީ ސާބިތުވެފައެވެ.

ކަންމިހެން އޮތްނަމަވެސް، މިއީ ކީއްވެ މެދުވެރިވާ ގުޅުމެއް ކަމެއް ސައިންސްވެރިންނަށް އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ. މި ރޮނގުން، ވަކިން ހާއްސަކޮށް މި ގުޅުމުގެ މައްޗަށް ބިނާކޮށް އިތުރު ދިރާސާތައް ހަދާ، ފުރާވަރު އުމުރުގައި އިންތިހާ މާޔޫސްކަމުގެ ތެރެއަށް ދާންޖެހޭ ސަބަބު ދެނެގަތުމުގެ ދޮރު ވަނީ ހުޅުވާލެވިފައެވެ.