ކަނޑައެޅޭ ވަކި ޝަރުތުތަކަކާއެކު އިންޑިއާއެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ތައްޔާރު ކަމަށް ޕާކިސްތާނުގެ ހާރިޖީ ވަޒީރު، ޝާހް މަޙްމޫދު ގުރައިޝީ ވިދާޅުވެއްޖެއެވެ.

ޕާކިސްތާނުގެ ހަރިޖީ ވަޒީރު މިފަދަ ގޮތަކަށް ވާހަކަފުޅު ދައްކަވާފައި ވާއިރު، އިންޑިއާގެ ހާރިޖީވަޒީރު އެސް ޖައިޝަންކަރުގެ ވާހަކަވެސް ހުރީ މިފަދަ ގޮތަކަށެވެ. އެގޮތުން، ޓެރަރިޒަމްއާއި ހަމަނުޖެހުންތަކުން ސަލާމަތްވެފައިވާ މާހައުލެއްގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިންޑިއާވެސް އޮތީ ތައްޔާރަށް ކަމަށް ޖައިޝަންކަރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އޮތް ޒަމާންވީ ހަތުރުވެރިކަން އިތުރަށް ގަދަވެފައިވަނީ، އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދެއްގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުންދާ ޖައްމު އާއި ކަޝްމީރުގެ އިންޑިއާ އާ ވީ ފަޅީގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލި މައްސަލައާ ގުޅިގެންނެވެ. ބައިނަލްއަގުވާމީ ސަމާލުކަމަށް މިކަން ގެނެސް، މިމައްސަލަ "ބައިނަލްއަގުވާމީ ކުރުމަށް" ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް އަދިވަނީ ކުރި ލިބޭ ގޮތް ނުވެފައެވެ.

މާއްދާ 370ގެ މައްސަލައިގެ ތެރެއަށް ވަދެދިނުމަށް ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ކިބައިން ޕާކިސްތާނުން އެދެމުން ދާއިރު، އެގައުމުތަކުން ބުނަމުން ދަނީ މިމައްސަލައަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށެވެ. ދެން އޮތް ގައުމުތަކުން ބުނަމުން ދަނީ، މިމައްސަލައަކީ އިންޑިއާއާއި ޕާކިސްތާނުން ހައްލު ކުރަން ޖެހޭ މައްސަލައެއް ކަމަށެވެ.

ކަންމިހެން އޮތް އިރު، ޕާކިސްތާނާއެކު މަޝްވަރާތައް ކުރިއަށް ގެންދާނީ، ޓެރަރިޒަމަށް ޕާކިސްތާނުން ދެމުންދާ އެއްބާރުލުން ހުއްޓުމަކަށް ގެނައުމުން ކަމަށް އިންޑިއާއިން ވަނީ ތަކުރާރުކޮށް ބުނެފައެވެ.