އަވަދިނެތިފައިވާ އަދުގެ ދުނިޔޭގައި ލިބޭ ކުޑަ ވަގުތުކޮޅަކީ ވެސް ސިއްހަތަށް ފައިދާހުރި ގޮތެއްގައި ހޭދަކޮށްލެވޭ ވަގުތެއްކަމުގައި ހެދުމުގެ އާދަ މަޑުންމަޑުން ނަމަވެސް އަންނަނީ އިތުރުވަމުންނެވެ. ދުޅަހެޔޮ ސިއްހަތެއްގައި ދެމި ހުރުމަށް ކަސްރަތާ، ރަނގަޅު ކާނާ ބޭނުންވެއެވެ. ނަމަވެސް ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން މި ދެ ކަމަށް ވަގުތު ދެވިފައި އޮންނަނީ މަދު މީހަކަށެވެ. ކަންމިހެން އޮތް ނަމަވެސް، ހަނދާނުގައި ބަހައްޓަންވީ ކަމަކީ، މި އަމާޒަށް ވާސިލުވުމަށް އަޅާ ކިތަންމެ ކުޑަ ފިޔަވަޅަކީ ވެސް މުހިންމު ފިޔަވަޅެއް ކަމެވެ. އެއީ ބޯލާ ސައި ތައްޓަށް ގެންނަ ބަދަލު ކަމުގައި ވީ ނަމަވެސް މެއެވެ.

މިދަންނަވަނީ ދެތިން ސައިސަމުސާ ހަކުރު އަޅައިގެން ބޯލާ ގަދަ ކަޅުސައި ތަށީގެ ވާހަކައެއް ނޫނެވެ. މި ދަންނަވަނީ ސައިމާ ސައިގެ ވާހަކައެވެ. ސައިމާ ސަޔަކީ ދުޅަހެޔޮ ސިއްހަތު އެދިގެން އެ މިސްރާބުން ދަތުރުކުރަމުންދާ މީހުންގެ މެދުގައި މިއަދު އިންތިހާއަށް މަގުބޫލު ސަޔަކަށް ވަނީ ވެފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. ސައިމާ ސައިގެ ފައިދާތައް އިންތިހާއެވެ.

އެންޓިއޮކްސިޑަންޓްސް

ސައިމާ ސަޔަކީ އެންޓިއޮކްސިޑަންޓް މާއްދާތަކުގެ މުއްސަނދިކަން ލިބިފައިވާ ސައެކެވެ. މިއީ ހަށިގަނޑުގެ ސެލްތަކަށް ގެއްލުންދޭ "ހަނގުރާމަވެރިން" ނެތިކޮށްލުމަށް އެހީވެދޭ މާއްދާތަކެކެވެ. އަދި މިފަދަ އިތުރު ހަނގުރާމަވެރިން ހަށިގަނޑުގައި އުފެދުނަ ނުދީ ކޮންޓްރޯލް ކުރުމަށްވެސް މިކަމުގެ ސަބަބުން އެހީއަކަށްވެދެއެވެ.

ލޭގެ ޕްރެޝަރު ދަށްކުރުން

ކޮންމެ ދުވަހަކުވެސް ގަވައިދުން ސައިމާ ސައި ބުއިމަކީ، އެއް ހަމައެއްގައި ލޭގެ ޕްރެޝަރު ހިފެހެއްޓުމަށް އެހީވެދޭ ކަމެކެވެ. މިހާތަނަށް ހަދާފައިވާ ބައެއް ދިރާސާތަކަށް ބަލާއިރު، ގަވައިދުން ސައިމާ ސައި ބޯން ފެށުމުން ލޭގެ ޕްރެޝަރު ދަށްކޮށް، ކޮންޓްރޯލް ކުރެވޭ ކަމަށް މީހުން ވަނީ ބުނެފައެވެ. ސައިމާ ސައި ބުއިމަކީ ސިސްޓޮލިކްއާއި ޑައިއެސްޓޮލިކް ޕްރެޝަރު ދަށްކޮށްދިނުމަށް އެހިވެދޭ ކަމެކެވެ. ބޭސްފަރުވާއަށް ބަރޯސާނުވެ، ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އޮތް އެންމެ ފަސޭހަ ގުދުރަތީ އެއް ފަރުވާއަކީވެސް ސައިމާ ސައެވެ. ނަމަވެސް، މި މިސްރާބުން ދަތުރުކުރުމުގެ ކުރިން، ޑޮކްޓަރެއްގެ އިރުޝާދު ހޯދަން ވާނެއެވެ.

ކޮލަސްޓްރޯލް ދަށްކުރުން

މިއީ ހަކުރުބައްޔާ މެޓަބޮލިކް ސިންޑްރޯމް ހުންނަ މީހުންގެ ލޭގައި ކޮލަސްޓްރޯލްއާއި ޓްރައިގްލައިސަރައިޑްސް އެކުލެވޭ މިންވަރު ދަށްކުރުމަސް އެހީވެދޭ ސައެކެވެ. ގަވައިދުން ސައިމާ ސައި ބުއިމަކީ، ހިތާ، ހިތާގުޅިފައިވާ ލޭ ހޮޅިތަކުގެ ބަލިތަކުން ދުރުކޮށްދޭ ކަމެއްވެސްމެއެވެ.

ބަރުދަން ލުއިކުރުން

ގަވައިދުން ސައިމާ ސައި ބުއިމަކީ އާދަޔާ ހިލާފަށް ހަށިގަނޑު ފަލަވެ، ބަރުވެ ދިއުމުން ދުރުކޮށްދޭ ކަމެކެވެ. އެގޮތުން ހަށިގަނޑުގައި އުފެދޭ އެކިކަހަލަ އިންފްލަމޭޝަން ނުވަތަ އެކި ކަހަލަ ފާރުވުންތައް ފަސޭހަވެ ފެނުގެ ބަރުދަން ލުއިކޮށްލައެވެ.

ކެންސަރާ ދުރުކޮށްދޭ

ދުވަހުގެ ކެއިންބުއިމުގެ ތާވަލަށް ސައިމާ ސައިތައްޓެއް އިތުރުކޮށްލުމަކީ ކެންސަރު ބައްޔާވެސް ދުރުކޮށްދޭ ކަމެއް ކަމަށް ބައެއް ދިރާސާތަކުން ވަނީ ސާބިތުވެފައެވެ. އެގޮތުން ކެންސަރު ސެލްތައް އިތުރުވިޔަ ނުދީ މަދުކުރުމަށް ސައިމާ ސައި އެހީވެދެއެވެ. ސައިމާ ސައގެ އެހީގައި ކޮންޓްރޯލް ކުރެވޭ ބައެއް ކަހަލަ ކެންސަރުގެ ތެރޭގައި އަނގަޔާ، ބަނޑާ، ޕްރޮސްޓްރޭޓް ކެންސަރު ހިމެނެއެވެ. ނަމަވެސް ސައިމާ ސަޔަކީ ކެންސަރު ބަލީގެ ފަރުވާއެއް ނޫނެވެ. ކޮންމެ މަގުސަދެއްގައި ބޭނުންކުރި ނަމަވެސް ޑޮކްޓަރެއްގެ އިރުޝާދު ހޯދުން ބުއްދިވެރިއެވެ.

ސައިމާ ސައި ތައްޔާރުކުރާނެ ގޮތް

މިއީ ތައްޔާރުކޮށްލަން ފަސޭހަ ސައެކެވެ. ތައްޔާރީ ޕެކެޓްގައިވެސް ސައިމާ ސައި ގިރާނެ ކުނޑި ޕެކެޓްވެސް ބާޒާރުގައި ހުރެއެވެ. ނަމަވެސް މި ގޮތަށް ގަންނައިރު، އެއީ އާދައިގެ ސައިފަތުގައި ސައިމާ ރަހަ ލައްވާފައިވާ ސައި ނޫންކަން ކަށަވަރު ކުރަންވާނެއެވެ. ހަގީގީ ސައިމާ ސަޔާ، ކަޅުސައިގާ ސައިމާ ރަހަލައްވާފައި ހުންނަ ސައި މިއީ އަދި މުޅިން ތަފާތު ދެ ސައެކެވެ.

ސައިމާ ސަޔަކީ ގޭގައި އަމިއްލައަށް ވެސް ފަސޭހައިން ތައްޔާރުކޮށްލެވިދާނެ އެއްޗެކެވެ. ފެންކާކާ އެއްޗަކަށް ފެން އަޅާ ރަނގަޅަށް ފެންފޮދު ކައްކާލަށެވެ. އެއަށްފަހު ސައިމަލުގެ ފިޔަތައް އޭގެ ތެރެއަށް ލައިގެން އަދިވެސް ކުދަކޮށް ކައްކާ ލާށެވެ. އެއަށްފަހު ސައިފޮދު ޖޯޑަށް ފުރާނާލާށެވެ. ސައިމާ ސައި ބޯން ވާނީ މީގެ ތެރެއަށް ކުޑަ ލުނބޯ ހުތްފޮދެއް އަޅައިގެންނެވެ. ލުނބޯ ހުތް އެޅުމާއެކު ސައިތަށީގެ ކުލަ ބަދަލުވެގެންދާ މަންޒަރުވެސް އެހާމެ ހިތްގައިމުވާނެއެވެ.