"އާ އިންޑިއާ"ގެ ތަސައްވުރު ބިނާވެފައި ވަނީ ރައްޔިތުންނާ ގުޅިފައިވާ 3 އަސާސެއްގެ މައްޗަށް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމު 2 ވަނަ ދައުރު ކަށަވަރު ކުރެއްވި ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ކެރެލާ ސްޓޭޓްގެ މީޑިއާ ޖަމިއްޔާތަކުން ކުރިއަށް ގެންދިޔަ އިވެންޓެއްގައި ވީޑިއޯ ކޮންފަރެންސް ޓެކްނޮލޮޖީ ބޭނުންކުރައްވައިގެން ތަގުރީރު ކުރައްވަމުން މޯދީ ވިދާޅުވީ، "އާ އިންޑިއާ"ގެ ތަސައްވުރެ ބިނާވެފައިވަނީ އެންމެންގެ ބައިވެރިވުން އެކުލެވިގެންވާ ޑިމޮކްރަސީއެއްގެ މައްޗަށް ކަމަށެވެ. އަދި ސަރުކާރުގެ ކަންކަން ހިންގާނީ ރައްޔިތުންނާ ގުޅިލާ މެހިފައިވާ އުސޫލެއްގެ ތެރެއިން ކަމަށާ، "އާ އިންޑިއާ"އަކީ ރައްޔިތުންގެ އަމަލީ ބައިވެރިވުމަށް ތަރުހީބުދީ، އެކަމަށް ބަރޯސާވާ ތަސައްވުރެއް ކަމަށްވެސް މޯދީ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ "އާ އިންޑިއާ"ގެ ރޫހަކީ އަފުރާދުންގެ އަމާޒުތަކާ، ގުޅިލާމެހިފައިވާ ހަރަކާތްތެރިކަމެއް ކަމަށެވެ. އަދި މިކަމުގެ ރޫހަކީ ގައުމީ ކުރިއެރުމުގެ މިލްކުވެރިކަން ލިބިފައިވުމުގެ އިހުސާސް ކަމަށްވެސް މޯދީގެ ވާހަކަފުޅުގައި ވަނީ ސިފަކުރައްވާފައެވެ.

އިންޑިއާގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވާ ރެޑްފޯޓްގައި ހުންވައިގެން ބޮޑުވަޒީރު ނަރޭންދްރާ މޯދީ ތަގުރީރުކުރައްވަނީ/ފޮޓޯ: އިންޑިއަން އެކްސްޕްރެސް

"އާ އިންޑިއާ"ގެ ޒަމާނަކީ ޒިންމާދާރު ރައްޔިތަކާ، އިޖާބަދެނިވި ސަރުކާރެއްގެ ޒަމާންކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ޒުވާނުންގެ އިންޑިއާ

އިންޑިއާއަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކައަށް އިޝާރާތް ކުރައްވަމުން މޯދީ ވިދާޅުވީ، ދެމެހެއްޓެމުންދިޔަ ސަގާފަތުގައި އާ އަމާޒުތަކާ އުއްމީދުތަކުގެ ވާހަކައަކީ ގޯސް ކަމަކަށްވެފައި އޮތް ކަމަށެވެ. ކުރިއަރާ ދިއުމަށް އިތުރު ދޮރުތަކެއް ހުޅުވެމުންދިޔައީ އެމީހެއްގެ "ގުޅުންތައް" ހުރި ނެތް ގޮތަކުން ކަމަށާ، ކާމިޔާބު ބަރޯސާވެފައި އޮތީ، ވަކި ޖަމާއަތަކާ އެމީހަކާ އޮތް ގުޅުމެއްގެ މައްޗަށް ކަމަށާ، ނަމަވެސް މިއަދު އެކަން ބަދަލު ވަމުން އަންނަ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

މިއަދު އިންޑިއާ ދެކެމުންދާ ބަދަލުތަކުގެ މުގުލުގައި ތިބީ ގައުމުގެ ޒުވާނުން ކަމަށާ، ބޭންކުގައި ބޮޑެތި އަދަދުން ފައިސާ ނެތެއް ކަމަކު، އެ މީހުންނަކީ ހިތްވަރާ އަޒުމުން ފުރިފައިވާ ބައެއް ކަމަށް މޯދީ ވަނީ ސިފަކުރައްވާފައެވެ. އަދި މި އަޒުމާ ހިތްވަރުން އިންޑިއާ ފަހްރުވެރިކުރުވަމުންދާކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ކާމިޔާބީއާއި ކޮރަޕްޝަން

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ ކޮރަޕްޝަނަކީ އެއްވެސް މީހަކަށް އިހުތިޔާރުކުރެވެން އޮންނާނެ ފުރުސަތެއް ނޫންކަމަށާ، ހުރިހާ ކަމެއްވެސް ގުޅިފައިވަނީ ކާމިޔާބު ކަމާއެކު ކަމެއް ކޮށް އަމާޒަށް ވާސިލުވުމަށް އެމީހަކަށް ލިބިފައިވާ ގާބިލިއްޔަތު ކަމެއްގެ މައްޗަށް ކަމަށެވެ.

އިންޑިއާގެ 17 ވަނަ އާންމު މަޖިލީހުގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ބޮޑުވަޒީރު ނަރޭންދްރާ މޯދީ ބީޖޭޕީގެ ހެޑްކުއާޓަރަށް ވަޑައިގެން ނަސްރުގެ ރަމްޒު ދައްކާލައްވަނީ/ފޮޓޯ: ޕީޓީއައި

މީގެ 5 އަހަރު ކުރިއަށް ބަލާއިރު އިންޑިއާގެ މީހުން ކުރަމުން ދިޔައީ ސުވާލެއް އެކަމަށާ، އެއީ "އެކަން ވާނެތޯ" ކުރަމުން ދިޔަ ސުވާލު ކަމަށާ، ނަމަވެސް މިއަދު އެ ސުވާލުގެ ބަދަލުގައި އިވެނީ އަޒުމުގެ ބަޔާނެއް ކަމަށާ، ނަމަވެސް، މިހާރު އިވެމުންދަނީ "އެކަން ކުރާނަން" ކަމަށް ބުނެ އިއްވާ އަޒުމުގެ ބަޔާނެއް ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ކަމުގެ 2 ވަނަ ދައުރަށް މޯދީ ފައްޓަވާފައިވަނީ އިންޑިއާއަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ވިދާޅުވަމުންނެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާގެ ގާނޫނު އަސާސީއާއި ގަވާއިދުތަކަށް ބޮޑެތި ބަދަލުތަކެއް ވެރިކަންކުރާ ބީޖޭޕީއިން މިހާރުވެސް ގެނެސްފައިވާއިރު، މި ބަދަލުތަކަކަށް ތައުރީފާ ނަފުރަތުވެސް ދަނީ އަމާޒުވަމުންނެވެ.