ގަދަ ވިއްސާރައިގައި ފެލިދޫ އަށް ނަގޫރޯޅިއެއް އަރާ ފަސް ގެއަކަށް ގެއްލުން ވެއްޖެއެވެ.

"ދަޕްރެސް" އަށް މައުލޫމާތު ދެއްވަމުން ފެލިދޫ ކައުންސިލް ރައީސް ވިދާޅުވީ ނަގޫ ރޯޅިއެއް އެރަށަށް އަރާފައިވާ ކަމަށާއި ނަގޫރޯޅީގެ ސަބަބަުން ފަސްވަރަކަށް ގެއަށް ގެއްލުން ވެފައިވާ ކަމަށެވެ. އޭގެތެރެއިން އެންމެ ބޮޑަށް ގެއްލުން ވެފައިވަނީ "ޕިންކް ފްލާވާ" ނަމަކަށް ކިޔާ ގެއަކަށް ކަމަށާއި އެގޭގެ ފުރާޅު އެއްލާލާފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ފެލިދޫއަށް ނަގޫރޯޅި އަރާ ގެއެއްގެ ފުރާޅު އެއްލާލާފައި

މީގެ އިތުރުން އެގެއާ ޖެހިގެން ހުރި ގޭގެ ވެސް ފުރާޅަށް ގެއްލުން ވެފައިވާ ކަން އަލީ ރަޝީދު ފާހަގަ ކުރެއްވިއެވެ. އަދި އެގެއާ ޖެހިގިގެން ހުރި ތިންވަނަ ގޭގެގެ ގޯތިތެރޭގައި ހުރި ދެ ބަނބުކެޔޮގަސް މުލުން ލުހިގެން އައިސްފާ ވާއިރު ހަތަރަުވަނަ ގޭގެ ޑިޝް އެންޓަނާ އެއްލާލާފައި ވާ ކަމަށާއި ފަސްވަނަ ގޭގެ ބަދިގޭގެ ދުން ހޮޅިވެސް ހަލާކުވެފައިވާ ކަމަށް އަލީ ރަޝީދު ވިދާޅުވިއެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުން ގަސްތަކުގެ ގޮފިގަނޑު ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މި ހާދިސާގައި އެ ރަށަށް އެކި ގެއްލުން ލިބުނު ކަމުގައި ވިޔަސް އެއްވެސް މީހަކަށް އަނިޔާއެއް ވެފައިވާކަމަށް މައުލޫމާތު ލިބިފައި ނުވާކަމަށް ކައުންސިލުގެ ރައީސް މައުލޫމާތު ދެއެވެ.

ފެލިދޫއަށް ނަގޫރޯޅި އަރާ ގަސްތަކުގެ ގޮފިތައް ބިންދައިގެން ގޮސްފައި

ފުލުހުން ބުނީ، މިއަދު ހެނދުނު 8:30 ހާއިރު ގަދަ ވިއްސާރައިގައި އައި ކޮޅިގަނޑެއްގައި ފެލިދޫގައި ގެއްލުން ލިބިފައިވާ ގެތަކަށާއި ވެއްޓިފައިވާ ބަނބުކެޔޮ ގަސް ނެގުމުގެ މަސައްކަތް އެ ރަށު ކައުންސިލުންނާއި އާންމު ރައްޔިތުންގެ ބައެއް ފުލުހުންނާ ގުޅިގެން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިއަދު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ވަނީ ނެރެފައެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ހަމައެއާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.