ކަރަންޓް ސިޑިއަކުން ގޮސްގެން ލިބޭނެ ކާމިޔާބެއް ނޯންނާނެ ކަމަށާއި، ކާމިޔާބު ބޭނުންނަމަ ހިޔާރު ކުރަންޖެހޭނީ ސިޑިބަރިއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ގައުމީ ކުޅިވަރު ދުވަހުގެ މުނާސަބާ ފަހަގަކުރުމަށް އިންދިރާ ގާންދީ އިންޑޯ ސްޓޭޑިއަމްގައި ދެއްވި ހާއްސަ ތަގުރީރުގައި މޯދީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވަނީ، "ފިޓް އިންޑިއާ މޫވްމަންޓް" އިފްތިތާހްކޮށްދެއްވަމުންނެވެ.

"ފިޓް އިންޑިއާ މޫވްމަންޓް"ގެ މަގުސަދަކީ، އެ ގައުމުގެ ކޮންމެ ރައްޔިތަކީވެސް "ފިޓްކޮށް" ހުރުމަށް ލޯބިކުރާ، ދުޅަހެޔޮ ސަގާފަތެއް އަށަގެންނެވުމެވެ.

ކެމްޕޭން ޕްރޮމޯޓް ކުރައްވާ ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ ދުޅަހެޔޮކަމަށް ކުރާ އިންވެސްޓްމަންޓަކީ ޚަރަދެއް ހިނގާނެ އިންވެސްޓްމަންޓެއް ނޫންކަމަށާ، ނަމަވެސް އޭގެ ނަތީޖާ ގިނަގުނަވެގެންވާކަމަށެވެ. ދުޅަހެޔޮކަންމަތީ ދެމިހުރެވުމަކީ، ދިރިއުޅުމުގެ އެކި ކަންކަމުގައި ކާމިޔާބު ލިއްބައިދެނިވި ކަމަކަށް ވެގެންދާނެ ކަންވެސް މޯދީގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިއާ ސަރުކާރުގެ އިސްވެރިންވެސް ގެންދަވަނީ މޯދީ ތައާރަފުކޮށްދެއްވި "ފިޓް އިންޑިއާ މޫވްމަންޓް"އަށް ތައީދުކުރައްވާ، ވީހާވެސް ގިނަ ބަޔަކު އެ ހަރަކާތުގައި ބައިވެރިވުމަށް އިލްތިމާސް ކުރައްވަމުންނެވެ.