ފުލުހުންނަށް ގުޅޭ ހޮޓް ލައިން ނަންބަރުގެ ހިދުމަތް މެދުކެނޑިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ހެނދުނު ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ފުލުހުންގެ ހޮޓް ލައިން ނަންބަރު 119 އަދި 3322111 މި ދެ ނަންބަރުގެ ހިދުމަތް ކެނޑިފައިވާ ކަމަށެވެ. އެހެންކަމުން ފުލުހުން ވަކި ގިޮތެއް އަންގަންދެން ފުލުހުންނަށް ގުޅަން ޖެހިއްޖެ ހާލަތެއްގައި 9888999 ނަންބަރަށް ގުޅުއްވުމަށް ފުލުހުން އެދިފައި ވެއެވެ. އަދި ހޮޓްލައިން ނަންބަރަށް ނުގުޅި ދިމާވެގެން އުޅޭ މައްސަލަ ހައްލު ކުރަން ފުލުހުން މަސައްކަތް ކުރަމުން ދާ ކަމަށާއި ރައްޔިތުން ދެއްވާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރުވެސް އަދާކޮށްފައެވެ.

ރޭގައި މާލެއަށް ނުހުއްޓި ބޯކޮށް ވާރޭ ވެހިފައިވާ އިރު ދަންވަރުގެ ވަގުތެއްގައި މުޅި މާލެއިން ކަރަންޓުގެ ހިދުމަތްވެސް ވަނީ ކެނޑިފައެވެ. އެގޮތުން މާލޭގެ އެކި ހިސާބުތަކުގައި ހުރި އޭޓީއެމް މެޝިންތައް މަސައްކަތް ނުކުރާ މައްސަލަވެސް ވަނީ ފާހަގަކުރެވިފައެވެ.