ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 8:00 އިން ހެނދުނު 11:00 އަށް ހއ އިން ފެށިގެން އދ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން، ދެކުނުގެ އަތޮޅުތަކަށް ވެސް ވަނީ މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފައެވެ. އެގޮތުން ގއ އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށްވެސް އެފަރާތުން މައުލޫމާތު ދެއެވެ.
ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ހަމައެއާއެކު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ރޭގެ ވަގުތެއްގައި މާލެއަށް ވެސް ވަނީ ރޭގަނޑު 11:00 އިން ފެށިގެން ވާރޭ ވެހިފައި ވެއެވެ. ނުހުއްޓި އެތައް އިރަކު ބޯކޮށް ވާރޭ ވެހުމާއެކު މާލޭގެ ގިނަ މަގުތަކުގައި ފެންބޮޑުވެފައި ވެއެވެ. އެގޮތުން އެމްއެންޑީއެފުން ބުނީ، ރޭގެ ދަންވަރު 1:30 ހާއިރު މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެ ސަރަހައްދުތަކުން ފެން ހިއްކުމަށް އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު އިން މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗް ސަރަހައްދާއި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.