ޕާނާއެކު ނުވަތަ ރޮއްޓާ އެކުގައި ވިއަސް ޕީނަޓް ބަޓާކީ ޒަމާނުއްސުރެ "ފިޓް" މީހުންގެ ކެއުމަކަށް ވެފައި އޮތް އެއްޗެކެވެ. ހަށިގަނޑުން ބަރުދަން ލުއިކުރުމުގެ މަގުސަދުގައި ޖިމަށް ދާން ފެށުމާއެކުހެން ޕީނަޓް ބަޓާ ކާން ފަށާ މީހުން މަދެއް ނޫނެވެ. ޕީނަޓް ނުވަތަ ބަދަން ކެވޭނެ ކިތަންމެ ގޮތެއް ހުރެއެވެ. ރޯސްކޮށްގެން، ލޮނުލާ ހަނާކޮށްގެން ނުވަތަ ތޮށިގަނޑުން ނައްޓާލާ ގޮތަށްވެސް ބަދަން ކެވެން އޮއްވާ، ބަޓާއަށް ހަދައިގެން "ޕީނަޓް ބަޓާ" ކާން "ޖެހޭ" ސަބަބެއް ވެސް އޮންނާނެތާއެވެ.

ކަމުދާ ޕީނަޓް ބަޓާއާ ކަމުނުދާ ޕީނަޓް ބަޓާ

އިތުރު ތަފްސީލަކަށް ދިއުމުގެ ކުރިން 2 ބާވަތެއްގެ ޕީނަޓް ބަޓާ ހުންނަކަން ފާހަގަކުރުން ބުއްދިވެރިއެވެ. ޖިމަށް ގޮސް އުޅޭ ފިޓް މީހުންނަށް މި ތަފާތު ފަސޭހައިން ފާހަގަވި ނަމަވެސް، ފިޓްވުމުގެ ހުވަފެން ދެކޭ މީހުންނަށް މި ތަފާތު މާ ބޮޑަށް އަޅައިނުގަނެ އޮވެދާނެއެވެ. ފާހަގަކުރަންޖެހޭ ކަމަކީ، އާންމުކޮށް ފިހާރަތަކުގެ ރެކުތަކުން ގަންނަން ލިބެން ހުރި ޕީނަޓް ބަޓާއަކީ އޭގެ ރަހަގަނޑު ހެޔޮވަރު ކުރުމަށްޓަކައި އިންތިހާއަށް ހަކުރު އަޅާފައިވާ އުފެއްދުންތަކެއް ކަމެވެ. މިއީ ފިޓްވުމުގެ އުއްމީދުގައި ތިބި ބަޔަކަށް ހަގީގަތުގައި އެކަށީގެންވާ އުފެއްދުމެއް ނޫނެވެ. ހަކުރުގެ އިތުރުން، މި ބާވަތުގެ ޕީނަޓް ބަޓާ އުފައްދާފައި ވަނީ، އޭގެ އޮލަކަން ތެތް މިނެއްގައި ހިފެހެއްޓުމަށްޓަކައި ގިނަ އަދަދަކަށް ތެޔޮވެސް އަޅައިގެންނެވެ. މިއީ ސިއްހަތަށް ގެއްލުންހުރި ބާވަތެއްގެ ތެލެކެވެ. މިއީ ޓްރާންސްފެޓް ނުވަތަ ހަށިގަނޑަށް ދައުރުވާ ސަރުބީ ގިނައިން އެކުލެވޭ ތެލެކެވެ. މިކަމުގެ ސަބަބުން ހިތުގެ ބަލިތަކާ ހަކުރު ބައްޔަށް މަގުފަހިވެއެވެ. އެހެންކަމުން ޕީނަޓް ބަޓާ ފުޅިއެއް ގަންނައިރު، މި 2 ބާވަތް ބޭނުންކޮށްފައި ހުރިތޯ ޔަގީންކޮށް ބަލާލާށެވެ.

ތަޖުރިބާކާރުން ބުނަނީ ކީކޭ؟

އަލްޕައިނޯ ހެލްތް ފުޑްސްގެ ކޯ-ފައުންޑާ ޗިތާން ކަނާނީ ބުނާ ގޮތުގައި، ޕީނަޓް ބަޓަރަކީ ފިޓްވާން ބޭނުން މީހުން ބޭނުންކޮށްއުޅޭ އަގުބޮޑު ސަޕްލިމެންޓްތަކާ އަޅާ ބަލާއިރު ޖީބަށް ލުއި އުފެއްދުމެކެވެ. އަނގަޔަށްވެސް މީރެވެ. 30 އަކަށް ވިޓަމިނާ މިނަރަލުން މުއްސަނދިވެފައިވާ ހަގީގީ ޕީނަޓް ބަޓާއަކީ ފިޓްކޮށް ތިބުމަށް އެދޭ މީހުން އެންމެ އާންމުކޮށް ބޭނުންކުރާ ޕްރޮޓީންސްގެ މާއްދާ ލިއްބައިދޭ މަސްދަރެކެވެ. މިކަންކަމަށް ބަލާއިރު، އަމިއްލައަށް ޕީނަޓް ބަޓާ ތައްޔާރުކުރުން ބުއްދިވެރިކަމަށް ކަނާނީ ލަފާދެއެވެ.

ފުޑްޕްރޮސެސަރެއްގައި ޕީނަޓް ބަޓަރު ހަދާފައި/ފޮޓޯ: ސެލީސް ބޭކިންގް އެޑިކްޝަން

އަމިއްލަ ޕީނަޓް ބަޓާ ހަދާނީ ކިހިނެއް

މިއީ ހީކުރާ ވަރަށްވުރެ ފަސޭހަ ކަމެކެވެ. ބޭނުންވާނީ ބަދަނާ ފުޑް ޕްރޮސެސަރެކެވެ. ބޭނުން ވަރަކަށް ބަދަން އެޅުމަށްފަހު ފުޑް ޕްރޮސެސަރުގައި ރަނގަޅަށް ފުނޑާލާށެވެ. ބަދަންތައް ފުނޑުވެ، ކުދިކުދިވެ، ބަޓާގަނޑެއްގެ ޒާތަށް ބަދަލުވާތަން ފެންނާނެއެވެ. ބޭނުން ނަމަ މިހާ ހިސާބުން ކުޑަ ލޮނުކޮޅެއް ނުވަތަ މާމުއި ފޮދެއް އެއްކޮށްލެވިދާނެއެވެ.