ދުނިޔޭގެ އެކި ހިސާބުތަކުގައި ހިންގާ ޓެރަރިޒަމްގެ ހަރަކާތްތަކަށް އޮތް އެންމެ ބޮޑު ހިތްވަރަކީ ޕާކިސްތާނު ކަމަށް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރު އަދި މައި އިދިކޮޅު ކޮންގްރެސް ޕާޓީގެ ލީޑަރުކަން ކުރިން ކުރެއްވި ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރާހުލް ގާންދީ ވިދާޅުވީ، ޖައްމުއާއި ކަޝްމީރުގައި ހަމަނުޖެހުން ހިނގާ ކަމަށާއި، އެކަން އެހެން ހިނގަނީ ބަޔަކު އެކަން ފެށުމުން ކަމަށެވެ. އަދި މިކަމަށް ހިތްވަރު ދެނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އެންމެ ފުޅާދާއިރާއެއްގައި އެއްބާރުލުން ދެމުންދާ ޕާކިސްތާނުން ކަމަށް ރާހުލް ގާންދީ ވަނީ ތުހުމަތު ކުރައްވާފައެވެ.

އޭނާއަކީ ގިނަ ކަންތައްތަކުގައި އިންޑިއާގެ ސަރުކާރާ ފިކުރު ތަފާތު ބޭފުޅެއް ކަމަށާއި، ނަމަވެސް ކަޝްމީރުގެ މައްސަލައަކީ އިންޑިއާގެ ދާހިލީ މައްސަލައެއް ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރާހުލް ގާންދީގެ ޓްވީޓްގައި ވަނީ ވިދާޅުވެފައެވެ. ކަޝްމީރުގެ މައްސަލައަކީ، ޕާކިސްތާނުންވިއަސް، އަދި ބިދޭސީ އެހެން ބާރަކުން ވެސް އެކަމުގެ ތެރެއަށް ވަނުމަށް ފުރުސަތު އޮތް މައްސަލައެއް ނޫންކަމަށްވެސް ރާހުލް ގާންދީގެ ޓްވީޓްގައި ވަނީ ފާހަގަކުރައްވާފައެވެ. އިންޑިއާގައި މިހާރު އޮތް ހިންދޫންގެ ތާއީދު ބޮޑު، ބީޖޭޕީ ސަރުކާރުގެ ފިކުރަކީވެސް މިއީއެވެ.

ކަންމިހެން އޮތް ނަމަވެސް، ކަޝްމީރުގެ މައްސަލާގައި އިންޑިއާގެ މައި ސަރުކާރުން އަމަލުކުރަމުންދާ ގޮތަށް ރާހުލް ގާންދީ ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އެގޮތުން އިދިކޮޅު ކޮންގްރެސްގެ އިސް މެންބަރުންތަކެއް ކަޝްމީރުގެ މައި ސިޓީ ސްރީނަގަރަށް ވަޑައިގަތުމަށް މައި ސަރުކާރުން ހުރަސްއެޅުއްވި މައްސަލަ ވަނީ ހޫނުވެފައެވެ. ރާހުލްއާއި ކޮންގްރެސްގެ އިސް މެންބަރުންގެ ވަފުދެއް ސްރީނަގަރަށް ވަޑައިގަތުމަށް އިންޑިއާގެ މައި ސަރުކާރުން ހުރަސް އަޅާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި އިދިކޮޅު ސިޔާސީ ލީޑަރުން އެ ސަރަހައްދަށް ވަޑައިގަތުން ބުއްދިވެރި ނޫންކަމަށްވެސް އިންޑިއާގެ މައި ސަރުކާރުން ވަނީ ބުނެފައެވެ.