އަފްޣާނިސްތާނުގެ ދެކުނުން އެގައުމާ އިންވެގެން އޮންނަ ޕާކިސްތާނުން، ދެގައުމު ގުޅޭ ސަރަހައްދީ އިން ކައިރީގައި ހަމަލާތައް ވަރުގަދަ ކުރަމުންދާ ކަމުގެ ޝަކުވާ، އަފްޣާނިސްތާނުން އދގެ ސަލާމަތީ މަޖިލީހުގައި އުފުލައިފިއެވެ.

އަފްޣާނިސްތާނާ އިންވެގެން އޮންނަ އިރުއިތުރު ކުނާރު ޕްރޮވިންސަށް އަމާޒުކޮށް، އޯގަސްޓް މަނުގެ 19 ވަނަ ދުވަހާ 20 ވަނަ ދުވަހު ޕާކިސްތާނުން 200 ރޮކެޓް ހަމަލާ ދީފައިވާއިރު މިކަމުގެ ސަބަބުން އެ ސަރަހައްދަށް ވަނީ އުމްރާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މީގެ އިތުރުން، އެސަރަހައްދުގައި ދިރިއުޅެމުންދިޔަ ގިނަ ބަޔަކަށް ވަނީ، އަމިއްލަ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ބަދަލުވާންވެސް ޖެހިފައެވެ.

އދގެ ސަލާމަތީ މަޖިލީހަށް އަފްޣާނިސްތާނުން ހުށަހެޅި ޝަކުވާ ސިޓީގައި ބުނެފައިވަނީ، ޕާކިސްތާނުން ހިންގަމުންދާ އަމަލުތައް ހުއްޓުމަކަށް ގެނެސްދިނުމަށް އެދޭ ކަމަށެވެ. އަދި ސަލާމަތީ މަޖިލީހުގެ ރަސްމީ ލިޔެކިއުމެއްގެ ގޮތުގައި އެ ސިޓީ ދައުރުކޮށްދިނުމަށް އެދޭ ކަމަށްވެސް އަފްޣާނިސްތާނުގެ ޝަކުވާގެ ސިޓީގައި ވަނީ ބަޔާންކޮށްފައެވެ.

އަފްޣާނިސްތާނުގެ ސަރަހައްދީ އިމަށް ގެއްލުން ލިބޭ ގޮތަށް ޕާކިސްތާނުން ހަމަލާތައް ދީފައިވަނީ، އެކަން އެގޮތަށް ނުކުރުމަށް އަފްޣާނިސްތާނުގެ ސަރުކާރުން އެދިފައި ވަނިކޮށް ކަމަށް ޚަބަރު ލިބެއެވެ.

ޕާކިސްތާނާ ދެކޮޅަށް އދގެ ސަލާމަތީ މަޖިލީހަށް އަފްޣާނިސްތާނުން ޝަކުވާއެއް ހުށަހަޅާފައި މިވަނީ، ޗައިނާގެ އެއްބާރުލުމާއެކު ކަޝްމީރުގެ މައްސަލަ ޕާކިސްތާނުން އދގެ ސަލާމަތީ މަޖިލީހަށް ވައްދާފައިވާ ދަނޑިވަޅެއްގައެވެ.