ޖައްމުއާއި ކަޝްމީރުގެ އާންމު ރައްޔިތުންނަށް ބެލުމެއް ނެތި، ޕާކިސްތާނުގެ ސަރުކާރުން ދަނީ އެ ސަރަހައްދުގައި ޓެރަރިޒަމް ފަތުރަމުން ކަމަށް ޕާކިސްތާނުގެ ސިޔާސީ އެކްޓިވިސްޓުން ތުހުމަތު ކޮށްފިއެވެ.

މީގެ އިތުރުން، ޓެރަރިޒަމް އުފައްދާ އެކަން އިތުރަށް ފުޅާކުރުމަށްޓަކައި ހަތިޔާރެއްގެ ގޮތުގައި ޕާކިސްތާނުގެ ސަރުކާރުން ބޭނުން ކުރަމުން ދަނީ ދީން ކަމަށާ، މިކަމުގެ ސަބަބުން ކަޝްމީރުގެ ރައްޔިތުންގެ އަމާޒުތަކާ މަސްލަހަތަށް ބޮޑެތި ގެއްލުންތަކެއް ލިބިފައި ވާކަމަށް އެކްޓިވިސްޓުން ދަނީ ސިފަކުރަމުންނެވެ.

ކަޝްމީރު ރައްޔިތުންގެ ގުޅިފައިވާ އިއްތިހާދު (ޔޫކޭޕީއެންޕީ)ގެ ތަރުޖަމާނު ނާސިރު ޢަޒީޒު ހާން ބުނީ، 1990ގެ އަހަރު ތަކުގައި ކަޝްމީރުގެ ފަސްގަނޑުގައި ހަތިޔާރުއެޅި ހަނގުރާމަ ވެރިން ފައިޖައްސާލި ހިސާބުންވެސް ކަޝްމީރުގެ މަސްލަހަތަކީ ޕާކިސްތާނުން ވިސްނާ ކަމެއް ނޫންކަން ކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށާ، ޕާކިސްތާނުން ކަޝްމީރު "ބޭނުން ކުރަނީ" އިންޑިއާއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ކުޅިގަނޑެއްގެ ގޮތުގައި ކަމަށެވެ.

ކަޝްމީރަކީ ތަފާތު ސަގާފަތްތަކާ ދީންތަކުގެ މީހުން ދިރިއުޅެމުން އައި ތަނެއް ކަމަށާ، މީގެ ތެރެއިން ވަކި ދީނެއްގެ ބަޔަކަށް ތާއީދު ކުރުމަކީ ކަޝްމީރުގެ ރައްޔިތުންގެ މަސްލަހަތާ މެދު ނުވިސްނާކަން ހާމަކޮށްދޭ ކަމެއް ކަމަށާ، މިއީ ކަޝްމީރު އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް ދެކެން ބޭނުން ނުވާކަން އަންގައިދޭ ކަމެއް ކަމަށްވެސް ނާސިރު ވަނީ ސިފަކޮށްފައެވެ.

ކަޝްމީރުގައި ވަކި ގާނޫނެއް އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ޖަމާއަތަކުން މުޒާހަރާކުރަނީ/ފޮޓޯ: ރޮއިޓާޒް

ލަޝްކަރީ ތޮއިބާއާއި ހިޒްބުލްމުޖާހިދީން ފަދަ ހައްދުފަހަނައަޅާފައި ވާ ޓެރަރިސްޓް ޖަމާއަތްތައް 1980ގެ އަހަރުތަކުގެ ތެރޭގައި އުފެދިގެން އައި ކަޝްމީރުގެ ރައްޔިތުންގެ ލާބައަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައެވެ. ނަމަވެސް އެމީހުންގެ އެޖެންދާ ފަޅާއެރުމާއެކު، ބައިނަލްއަގުވާމީ މުޖުތަމައަށް ކަޝްމީރު ސިފަވަމުން ދަނީ "ޓެރަރިޒަމް"ގެ ގޮތުގައި ކަމަށާ، އަދާ ޖެހެންދެން ވެސް ކަޝްމީރުގެ ނަން އޮތީ އެގޮތުގައި ކަމަށް ކަޝްމީރުގެ ހައްގުގައި ވަކާލާތުކުރާ އެކްޓިވިސްޓުން ދަނީ ބުނަމުންނެވެ.

ޖައްމު-ކަޝްމީރު ލިބަރޭޝަން ފްރަންޓްގެ ލީޑަރު ސަރުދާރު ސާގިރު ހާން ތުހުމަތުކުރި ގޮތުގައި، އެ ޖަމާއަތުގެ މިޝަންތަކަށް ބުރޫއަރުވާ ހަގީގީ މިޝަންއިން ކަސިޔާރު ކޮށްލަނީ ވެސް ޕާކިސްތާނުގެ ޖާސޫސީ އިދާރާތަކުންނެވެ. ނަތީޖާއަކަށް ވަނީ އެޖަމާއަތުގައި ޓެރަރިޒަމްގެ ސިއްކަ ޖެހުން ކަމަށާ، މީހުންގެ ކުރިމަތީގައި ޖަމާއަތުގެ އެއްވެސް ބުރަދަނެއް ނެތުން ކަމަށްވެސް ސާގިރުވަނީ ސިފަކޮށްފައެވެ.

ކަޝްމީރުގެ މައި ސިޓީ ސްރީނަގަރުގައި މަސައްކަތްކުރާ އިންޑިއާގެ އެހެން ހިސާބުތަކުގެ ރަށްވެހިން ކަޝްމީރު ދޫކޮށް ދިއުމަށް ކިއު ހަދާފަ/ފޮޓޯ: އަލްޖަޒީރާ

ޖައްމުއާއި ކަޝްމީރުގެ ރައްޔިތުންގެ ދިފާއުގައި މަސައްކަތްކުރަމުން އަންނަ ވަކީލު ނިސާރު ޝާހް ބުނި ގޮތުގައި، "ކަޝްމީރު ވާނީ ޕާކިސްތާނަށް" ކަމަށް ބުނެ، އެ އެބައި މީހުންގެ އަމިއްލަ ދިދަ ވިހުރަމުން ދާ ޕާކިސްތާނަކީ، ޖިހާދުގެ ނަމުގައި ފުރާނަ ގެއްލިގެންދިޔަ ކަޝްމީރުގެ 90000 އަށްވުރެ ގިނަ މީހުންގެ މަރުގެ ޒިންމާ އުފުލަން ޖެހޭ ފަރާތެވެ.

އިންޑިއާގެ ސަބްކޮންޓިނެންޓްގައި އިނގިރޭސި ފަތުރާފައި އޮތް އިސްތިއުމާރީ އަޅުވެތިކަން ނިމުމަކަށް ގެނައިފަހުން އުފެދުނު ގައުމުތަކުގެ ތެރެއިން ގައުމަކަށް ރަސްމީކޮށް ހަވާލުކޮށްފައި ނުވާ ހަމައެކަނި ސްޓޭޓަކަށް މިހާރު އޮތީ ޖައްމުއާއި ކަޝްމީރުގެ ސްޓޭޓެވެ. އިންޑިއާއާއި ޕާކިސްތާނުންވެސް މި ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ވަކާލާތު ކުރަމުން ދާއިރު، މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް އެދޭ ކަޝްމީރުގެ ރައްޔިތުންގެ އަދަދުވެސް މަދެއް ނޫނެވެ. ނަމަވެސް ކަޝްމީރު އަދި ވަނީ ލައިން އޮފް ކޮންޓްރޯލްގެ ނަމުގައި ކަނޑައެޅުނު ސަރަހައްދީ އިމަކުން، އިންޑިއާއާއި ޕާކިސްތާނަށް ވާ ގޮތަށް ބައި ކުރެވިފައެވެ.