ޓެރަރިޒަމްއާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ފޯރުކޮށް ދެއްވަމުން ގެންދަވާ އެއްބާރުލުމުގެ ސަބަބުން، ބައިނަލްއަގުވާމީ ސަލާމަތާ ގުޅުންހުރި އިސްތިރާޖުތަކުގެ ކާމިޔާބީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރަމުން ދާކަމަށް ޖިނާއީ ފުލުހުންގެ ބައިނަލްއަގުވާމީ ޖަމިއްޔާ (އިންޓަޕޮލް)ގެ ސެކްރެޓަރީ ޖެނެރަލް ޔާގަން ޝްޓޮކް ވިދާޅުވެއްޖެއެވެ.

އިންޓަޕޮލްގެ ސެކްރެޓަރީ ޖެނެރަލް މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާ، ވިކްރަމަސިންހައަށް ތައުރީފު ކުރައްވާފައި ވަނީ، ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ބޮޑުވަޒީރު ރަސްމީ ގެކޮޅު ކަމަށްވާ ޓެމްޕްލް ޓްރީސްގައި ވިކްރަމަސިންހައާއިއެކު ކުރިއަށް ގެންދެވި މަޝްވަރާތަކެއްގައި ކަމަށް ޚަބަރު ލިބެއެވެ.

އެއްގައުމަށްވުރެ ގިނަ ގައުމު ޝާމިލުވާ ގޮތަށް ހިންގާ ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށްޓަކައި އެކުލަވާލަންޖެހޭ އާންމު އިސްތިރާޖުތަކަށް ބޭނުންވާ ކަންކަން ވިކްރަމަސިންހައަށް އެނގިވަޑައިގަންނަވާ ކަމަށްވެސް އިންޓަޕޮލްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ފާހަގަ ކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޝޮޓްކް ވިދާޅުވީ، އިންޓަޕޮލްއަކީ ފުލުހުންގެ ޖަމިއްޔާއެއް ކަމުގައި ވީ ނަމަވެސް، އެ ޖަމިއްޔާގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ހިންގުމަށްޓަކައި ސިޔާސީ ފެންވަރެއްގައި އެއްބާރުލުން ބޭނުންވާކަމަށެވެ.

އޭޕްރިލް މަހުގެ ތެރޭގައި ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ތިބި މީހުން ހިފާ ހައްޔަރުކުރުމުގެ އޮޕަރޭޝަން ކާމިޔާބުވެގެން ދިޔައީވެސް ސްރީލަންކާގެ ފުލުހުންނާ ސަލާމަތީ ބާރުތަކަށް ވިކްރަމަސިންހަ ދެއްވި ސިޔާސީ އެއްބާރުލެއްވުމާ އިރުޝާދުގެ ސަބަބުން ކަމަށް އިންޓަޕޮލްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ސިފަކުރައްވާފައެވެ.

އޭޕްރިލް މަހުގެ ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ބައިނަލްއަގުވާމީ ސަލާމަތާ ޓެރަރިޒަމްއާއި ދެކޮޅަށް މަސައްކަތްކުރުމުގެ ރާޑަރަށް ސްރީލަންކާވަނީ އަރާފައެވެ.