ލޯކަލް ކައުންސިލް އިންތިހާބު އަންނަ އޭޕްރިލް މަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ، ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހު ފުރަތަމަ ހަފްތާ ތެރޭގައި ކަމަށެވެ. ނަމަވެސް، އިންތިހާބު ބާއްވާނެ ސިދާ ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށާއި ވަރަށް އަވަހަށް އެ އިންތިހާބާ ގުޅޭ ތާރީހުތައް އިއުލާން ކުރައްވާނެ ކަމަށް އީސީގެ ރައީސް އަހްމަދު ޝަރީފު ވިދާޅުވިއެވެ.

އެޕްރީލް ފުރަތަމަ ހަފްތާފަގައި އިންތިހާބު ބާއްވާއިރު، އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލަނީ، އަންނަ ފެބްރުއަރީ މަސްތެރޭ ކަމަށް ޝަރީފު ވިދާޅުވިއެވެ. ޝަރީފު ވިދާޅުވީ، މިފަހަރުގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށާއި ކެންޑިޑޭޓުންނަށް ފަސޭހަ ކުރުމަށްޓަކައި އިތުރު ފޮށިތަކާއި ފޮށިތަކުގެ އަދަދުވެސް އިތުރު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ކޮންމެ ފޮއްޓަކަށް ވެސް ވޯޓުލާ އަދަދު މަދުކޮށްފައިވާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ، ވޯޓު ފޮއްޓަކަށް އެންމެ ގިނައިން ވޯޓުލެވޭ އަދަދަކީ 700 އަށް ހެދުމަށް ކޮމިޝަންގައި މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އޭރުން، 700 އަށް ވުރެ ގިނައިން އެއްވެސް ފޮއްޓަކަށް ރަޖިސްޓްރީކޮށްފައި ނުވާނެ ކަމަށާއި، އެއީ ގާތްގަނޑަކަށް ވޭތުވެތިދަ އިންތިހާބާ އަޅާ ބަލާއި، 178 ފޮށި އިތުރު އަދަދެއް ކަމަށް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން، ކައުންސިލް އިންތިހާބާ ގުޅިގެން ޝަރީފް ވިދާޅުވީ، ވޯޓު ފޮށިތައް އިތުރުވުމުން އޮފިޝަލުންގެ އަދަދުވެސް 6،000 އާއި 7،000 ދެމެދުގެ އަދަދަކަށް އިތުރުވެގެން ދާނެ ކަމަށެވެ. ކުރީގެ އިންތިހާބުތަކުގައި އޮފިޝަލުންގެ އަދަދަކީ، 5،000 އެއްހާ އޮފިޝަލުންނެވެ.