ޕްރީ ސްކޫލް އުމުރުގެ ދަރިއަކު ބަލާ، ބޮޑުކުރަމުންދާ ދުވަސްވަރަކީ ހީނުކުރާ ވަރުގެ އާދަޔާ ހިލާފު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ދުވަސްވަރެކެވެ. މި ދުވަސްވަރަކީ މިނިވަން ޝަހްސެއްގެ ގޮތުގައި ބޮޑުވުމަށް އެ ދަރިފުޅުގެ ތުއްތު ސިކުނޑި މަސައްކަތް ފަށާ ދުވަސްވަރެވެ. އޭނާގެ އިހުސާސްތަކާ ޝުއޫރުގައި އަރާއި ބާރު ޖެހިގެންދާ ދުވަސްވަރެވެ. ނަތީޖާއަކަށްވަނީ ރަނގަޅު ގޮތުގައި ދަރިފުޅު ކިޔަމަންކުރުމަށް ބައެއް މައިންބަފައިންނަށް ފަސްޖެހެވޭ ގޮތްވުމެވެ.

ކޮޅުކޮޅަށް ހެލިފެލިވެ، އެއެއް މިއެއް ނުބަލާ އުޅޭ ދަރިފުޅާ ދިމާލަށް އެއްޗެއް ބުނުމަށް އަދުގެ މައިންބަފައިން ޖެހިލުންވެއެވެ. ޖެހިގެން ހުރި ގޭގެ މީހަކަށް އަޑުއިވިގެން ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށްފާނެ ކަމުގެ ބިރުއޮވެއެވެ. ދަރިފުޅު ހިތް ނުރުހޭ ކަމެއް، އެހެންނަމަވެސް އެ ދަރިފުޅުކުރަންޖެހޭ ކަމެއް، މިސާލަކަށް ދަތް އުނގުޅުވުން ފަދަ ކަމެއް ކުރުވުމަށް ބެލެނިވެރިން ފަސްޖެހެއެވެ. ނަތީޖާއަކަށްވަނީ ތަރުބިއްޔަތާ ސުލޫކެއް ނެތި ދަރިންތަކެއް ބޮޑުވެގެން ދިއުމެވެ.

ކުޑަކުދިންތަކެއް ބެލެނިވެރިއަކާއި ނުލާ މޯބައިލް ފޯނުން އެއްޗެއް ބަލަނީ/ފޮޓޯ: ބްރީވެބްއެޕް

ޒަމާނުއްސުރެ މިކަމަށް ދެމުން އައި ހައްލަކީ "ޓައިމް-އައުޓް"އެވެ. މިއީ އެ އެދަބަކާ ގުޅިގެން ތަފާތު އެކޮ ގޮތްގޮތަށް ވާހަކަ ދެކެވޭ އަދަބެކެވެ. ހައްގުތަކުގެ އޮއެވަރެއްގައި ޖެހިފައިވާ މި ދަވަސްވަރު ޓައިމް-އައުޓްގެ ވާހަކަ ދައްކަން ޖެހިލުންވާ މީހުންވެސް މަދެއް ނޫނެވެ. ނަމަވެސް، ތަޖުރިބާކާރުން ބުރަވާ ގޮތުގައި، ރަނގަޅު ގޮތުގައި މި އުކުޅު ބޭނުން ކުރަން އެނގިއްޖެނަމަ، މިއީ އުމުރުން 2 އަހަރާ 8 އަހަރާ ދެމެދު ކުދިންނަށް އެކަމުން ފައިދާ ލިއްބައިދެނިވި ކަމެކެވެ.

ދަރިއަކު ބޮޑުވަމުން އަންނައިރު އޭނާއަށް އެންމެ މުހިންމު އެކަމަކީ ސަމާލުކަމެވެ. އެއީ ދެލޯބޮޑުކޮށްގެން އެދަރިފުޅާ ދިމާލަށް ބަލާލުން، ނުވަތަ ލޯބިން އެދަރިފުޅުގެ ގައިގައި ބައްދާލުން ކަމުގައި ވީ ނަމަވެސްމެއެވެ. މިފަދަ ދަނޑިވަޅެއްގައި ދަރިފުޅު މަނާކަމެއް ކޮށްފިނަމަ ވަގުތުން އެ ދަރިފުޅަށް ސަމާލުކަން ހުއްޓެއެވެ. އެކަން ކުރީ ކީއްވެތޯއާއި، މީގެ ކުރިންވެސް އެކަން ނުކުރާން ބުނި ކަން ހަނދާންކޮށްދެވެއެވެ. ނަމަވެސް މިއީ، ރަނގަޅު ތަރުބިއްޔަތެއްގައި ދަރިފުޅު ބޮޑުކުރަން އެންމެ ރަނގަޅު ގޮތެއް ނޫނެވެ. މިކަމުގެ ސަބަބުން، އެކަމެއް ތަކުރާރު ކުރުމަށް ދަރިފުޅަށް ހިތްވަރު ދެވެއެވެ. މިއީ "ޓައިމް-އައިޓް"ގެ ބޭނުން ހިފަންވީ ވަގުތެވެ.

ދަރިފުޅަށް ޓައިމް-އައިޓް ދޭއިރު އެކުއްޖާ އެހުރީ ޓައިމް-އައިޓްގައިކަން އޭނާއަށް އިހުސާސްކޮށްދޭން ވާނެއެވެ. އަދި ކުރި ކަމަކަށް ސަމާލުކަން ދިނުން ހުއްޓާލަންޖެހެއެވެ. ޓައިމް-އައުޓް ދޭންޖެހުނީ ކީއްވެކަން ދަރިފުޅަށް އެނގެންވާނެއެވެ. މިކަން ކުރާނީ އެދަރިފުޅުގެ އުމުރާ އެކަށީގެންވާ ގޮތަކަށެވެ. ނޫންނަމަ ޓައިމް-އައުޓްގެ މަގުސަދު ފެއިލްވީއެވެ.

ޓައިމް-އައުޓް ދިނުމަށް ހާއްސަ ތަނެއް ކަނޑައަޅާށެވެ. އެއީ ވަކި ގޮނޑިއަކަށްވެސް ވެދާނެއެވެ. މިސާލަކަށް ކުޅެން އުޅުމަށްފަހު ކުޅޭ އެއްޗިހި ހުންނަންވާ ތަންތަނަށް ނުލާ، އެކަން ކުރުމަށް ބޮޑާހާކާނަމަ، ޓައިމް-އައުޓް ގޮނޑިއަށްދާންޖެހިދާނެކަން ދަރިފުޅަށް ހަނދާންކޮށްދޭށެވެ. އަދި އެ ގޮނޑީގައި ކުއްޖާ ބައިންދާށެވެ. އަދި މަންމަ ނުވަތަ ބައްޕަ ބުނާ ގަޑިއެއް ޖެހެންދެން އެ ގޮނޑީގައި ބައިންދާށެވެ. 3-4 މިނެޓް ވުމުން، ކުޅޭ އެއްޗިހި އެ ހުންނަންވާ ތަންތަނަށް ލުމަށް ދަރިފުޅަށް އަންގާށެވެ. އެކަން ކޮށްފިނަމަ ދަރިފުޅާ އޮންނަ ގުޅުން އަލުން ގުޅާށެވެ. ހުރިހާ ސަމާލުކަމެއް އެ ދަރިފުޅަށް ހުސްކޮށްލާށެވެ. އެވަރުންވެސް އެކަން ނުވެއްޖެނަމަ އަލުން ޓައިމް-އައުޓް ދޭށެވެ.

ބައްޕަ ނިދަން އުޅޭއިރުވެސް ނުނިދާންވެގެން ކޮޅަށް އިން ކުޑަކުއްޖެއް/ފޮޓޯ: ބޭބީސެންޓާ

ޓައިމް-އައުޓްއަށް ކަނޑައެޅިފައިވާ ސަރަހައްދަށް ދިއުމަށް ދަރިފުޅު އިންކާރުކޮށްފާނެކަން ހަނދާންކުރަން ވާނެއެވެ. މިފަދަ ވަގުތެއްގައިވެސް ރުޅި އިސްކޮށް، އޭނާއަށް ސަމާލުކަން ހުއްޓުވާލުމުގެ ބަދަލުގައި، ގޮނޑިއާއި ހަމައަށް ދަރިފުޅު ގެންދާށެވެ. އަދި ޓައިމް-އައުޓްއަށް އިހުތިރާމް ނުކުރާނަމަ، އެ ދަރިފުޅުގެ ޝައުގު ހުންނަ ކަމަކުން ކަމެއް އުނިކުރަމުންދާށެވެ.

މިފަދަ ސުލޫކީ ބަދަލުތަކަކީ ބެލެނިވެރިން އެކަމަކަށް ފަރުވާތެރިވާންޖެހޭ ބަދަލުތަކެކެވެ. އުމުރާ އެކަށީގެންވާ ގޮތަށް ކުއްޖާ ޖިސްމާނީ ގޮތުންނާ ނަފްސާނީ ގޮތުން އަދި ވިސްނުމާ ތޫނިފިލިކަމުގެ ގޮތުން ކުރިއަރާ ދާހެން ހީނުވާނަމަ ސިއްހީ އެހީތެރިންގެ ލަފަޔާ އިރުޝާދު، ވީ އެންމެއަވަހަކަށް ހޯދަންވާނެއެވެ.